ގިސްލުމުން މިތުރާ ލޮލުން ކަރުނަށް އޮހޭ އަހަރެންވިނަމަ
ބޮސްދެމުން މޫނަށް ކަލާ، ފޭދޭނަމޭ ގިސްލައިފި ނަމަ
މަޑުމަޑުން ތިޔަ ޖިސްމުގާ އަބަދާ އަބަދު ބީހޭނަމޭ
މަޑު ހިމޭން މިފަޒާތެރޭ ވައިރޯޅިޔަށް މިދެއަތް ވިނަމަ
އަބަދުވެސް ތިހަޔާތުގާ އަލިކަން އުޖާލާ ދޭނަމޭ
ބަދަލުނުވެ ހުރެ އުދަރެހަށް އެއަރާ ހަނދަށް މިދެލޯ ވިނަމަ
ޝައުގުގާ ތިޔަ ނަފުސުގާ މަސްތާއެކީ ފިރުމާނަމޭ
ދައުރުވާން ތިޔަ ހަށިތެރޭ ހުރި ލޭ ކަމަށް އަހަރެން ވިނަމަ
ދުނިޔެއިން ހުރިހައި އުފާ، ލޯތްބާ، އަރާމާ ދޭނަމޭ
އުނި ނުވާ ތިޔަ ހިތުތެރޭ އަހަރެންނަކީ ވިންދަށް ވިނަމަ
ހައްގުގައި އުފަލާއެކީ ގުރުބާން ފުރާނައިން ވާނަމޭ
ހައްގަކަށް އުމުރަށްޓަކައި ތިޔަ ލޯބިވާ މިތުރާ ވިނަމަ


