ރާއްޖެއިން އިތުރު ދިވެއްސަކު ކޮވިޑް 19 ގައި ނިޔާވެއްޖެއެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ދެންމެ ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން އުމުރުން 67 އަހަރުގެ ދިވެހި ފިރެހެނަކު މިއަދު 07:00 ގައި ނިޔާވެފައިވާ ކަމަށެވެ.
ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. މިއާއެކު ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު 36 އަށް ވަނީ އަރައިފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މި މީހާ ނިޔާވުމާއި ގުޅިގެން އެޗްއީއޯސީ އިން ވަނީ އާއިލާ އަށް ތައުޒިޔާ ދަންނަވާފައެވެ. އެންމެ ފަހުން މިބަލީގައި ރާއްޖެ އިން މީހަކު ނިޔާވެފައި ވަނީ އޮކްޓޮބަރ 11 ވަނަ ދުވަހު އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 11،154 މީހުން ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން މި ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 9،995 މީހުންނެވެ. މިވަގުތު ބަލި ޖެހިފައި ރަނގަޅުނުވެ ތިބި މީހުންގެ އަދަދަކީ 1،117 މީހުންނެވެ.
މިވަގުތު 54 މީހަކަށް އަންނަނީ ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ.


