ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 14 އޮކްޓޯބަރ 2020 އާ ގުޅޭ)
ހަމަ އެވަގުތު އެގޭގައި ހުރި ލިފްޓު ހުޅުވުނެވެ. ލިފްޓުން ނިކުތީ ޑިއުޓީއަށް ދިޔުމަށް ތައްޔާރުވެގެން ހުރި ޒަޔާންއެވެ. އޭނާ ފެނުމުން އާޒިމް ހުއްޓުން އެރިތަން އަޒާންއަށް ފެނުނެވެ. ޒަޔާންގެ ލޮލުގައި އާޒިމް އަޅައިގަތީވެސް އެވަގުތުއެވެ. އިޒާނީގެ ބޭބެ ވެސް އައިސް ހުރިތަން އޭނާއަށް ފެނުނެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށީ، އެމީހުން އެގެއަށް އެ އައީ އިޒާނީ ހޯދުމަށް ކަން އެނގޭތީއެވެ. ނަމަވެސް މިވަގުތު އޭނާއަށް މާ ގިނަ އިރު މަޑުކުރެވޭކަށްވެސް ނެތެވެ. އެހެން ކަމުން ބޭރަށް ހިނގައިގަތީއެވެ.

“އޭތް. މަޑުކޮށްބަލަ.” ޒަޔާން އަޅާނުލާ ހިނގައިގަތުމުން އާޒިމް ގޮވާލިއެވެ. “މަގޭ ދަރި ކޮން ތާކަށް ލައިގެން ތިއުޅެނީ؟” ޒަޔާންއާއި ދިމާލަށް ލޯ ކުޑަކޮށްލަމުން އާޒިމް ސުވާލުކުރިއެވެ. “އޭނަ ހުރި ތާކުން ގެނެސް އަހަރެމެންނާ ހަވާލުކޮށްފަ ތި ދާ ތާކަށް ދޭ.” އިޒާނީ ހުރީ ޒަޔާންގެ ގޭގައި ކަން އާޒިމްއަށް ޔަގީންވާ ކަހަލައެވެ.

އިޝްތިހާރު
އިޝްތިހާރު

“މިވަގުތު ނެތް މަޑުކުރެވޭކަށް.. ޑިއުޓީ ނިމޭނެ މިރޭ ދިހައެއް ޖަހާ އިރު. އޭރުން އާދޭ އިޒާނީ ބަލާ. އޭނާ ހުންނާނީ ފުރިހަމަ ރައްކާތެރިކަމުގެ ދަށުގަ. އާޒިމް ޒައިނާއަށް ހެދިގޮތެއް އިޒާނީ އަކަށް ނުހަދާނަން… ފަހުން އާދޭ.” ޒަޔާން އެހެން ބުނަމުން ގެއިން ނިކުމެގެން ދިޔައެވެ. އެ މަންޒަރު ބަލަން އާޒިމް އަށް ހުރެވުނީ ދަތްކުނޑި ވިކާލައިގެންނެވެ. އަޒާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޒަޔާން އެ ދެއްކި ވާހަކަތައް އޭނާއަށް ފަހުމް ނުވީއެވެ. ނަމަވެސް އެ ވާހަކަތައް އާޒިމްއަށް ވިސްނިއްޖެކަން އޭނާގެ މޫނުމަތިންވެސް އެނގެއެވެ. ޖެހިލުންވެ ހުރެ ނަމަވެސް ހަދަންވީ ކިހިނެއްތޯ އާޒިމް ކުރެން އޭނާ އަހާލިއެވެ.

“ހިނގާ ދާން.. މިރޭ އަންނާނީ. މިތަނުން އެމީހުންގެ އެޕާޓްމެންޓް ހޯދަންވެސް އުނދަގޫވާނެއެއްނު.” ހަގީގަތުގައި އާޒިމް އެގޮތަށް ނިންމީ އިޒާނީގެ ރައްކަލަކަށްޓަކައެވެ. ޒަޔާން ވީ ވައުދު އޭނާ އަދިވެސް ހަނދާން އެބަ ހުއްޓެވެ. އެހެންކަމުން އަޒާން ގޮވައިގެން އޭނާ މަގުމައްޗަށް ނިކުތެވެ. އަދި ޖީބުން ސިނގިރޭޓު ފޮށި ނަގާ ސިނގިރޭޓެއް ރޯކޮށްލިއެވެ.

“ކޮން ޒައިނާއެއްގެ ވާހަކަ އެބުނި؟” އަޒާންގެ އަޑަށް، ކާރުގައި ލެނގިލައިގެން ހުރި އާޒިމްއަށް ދިޔައީ ސިހިގެންނެވެ. ބައްޕަގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން ހުރި އަޒާންއަށް އެކަން ފާހަގަވިއެވެ. ޒަޔާންގެ ވާހަކަ އިޒާނީ ބުނި ފަހުން އޭނާގެ ބައްޕަގެ ކިބައިން ބަދަލުތަކެއް ފެންނަމުން އެބަ ދާކަން އޭނާއަށް އެނގެއެވެ.

“ނޭނގެ އެއްގޮތަކަށްވެސް. އޭނައަށް ހަމަ އެނގޭނީ.” ނޭނގޭ ކަމަށް ހަދާފައި އާޒިމް ބުނެލިއެވެ. “ހިނގާ ގެއަށް.” ކާރުގެ ދޮރުފަތް ހުޅުވާލަމުން އަޒާންއާއި ދިމާލަށް ބަލާލިއެވެ.

ޒަޔާން ޑިއުޓީ ނިންމާފައި ގެއަށް އައި އިރު އިޒާނީއާއި ޒޯޔާ ތިބީ ޓީވީ ބަލާށެވެ. އޭނާ ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްގެން އައިސް ސޯފާގައި އިށީނދެލުމާއެކު ފޯނު ރިންގު ވާން ފެށިއެވެ. ޒަޔާން ފޯނު ނަގާ ވާހަކަ ދެއްކުމަށްފަހު އިޒާނީއަށް ބަލާލިއެވެ. އަދި ގުޅީ އިޒާނީގެ ބައްޕަ ކަމަށް ބުނެލިއެވެ. އެއާއެކު އިޒާނީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމާއި ޖެހިލުންވުމުގެ އަސަރެވެ.

“އޯކޭ ވާނެ.. ޔާން ހުންނާނަމޭ.” އިޒާނީގެ އަތުގައި ހިފާލަމުން ޒަޔާން ބުނެލިއެވެ. “އެކަމަކު އިޒޫ ބައްޕަ ބުނެފިއްޔާ ވާނެ ދާން. އެހެން ނޫނީ މާ ގޯސް ވެދާނެ.” އިޒާނީއަށް ވިސްނައި ދިނުމުގެ ގޮތުން ޒަޔާން ބުނެލިއެވެ. ނަމަވެސް އޭނާ ބުނި އެއްޗެއް އިޒާނީ ގަބޫލުކުރިހެނެއް ހިޔެއް ނުވެއެވެ. ތިން މީހުންވެސް ހިމޭންވެފައި ތިއްބާ އަނެއްކާވެސް ޒަޔާންގެ ފޯނު ރިންގުވިއެވެ. އެގުޅަނީ އާޒިމް ކަން އެނގުމުން ޒަޔާން ތެދުވެގެން ދޮރާއި ދިމާލަށް ހިނގައިތަތެވެ. އަދި އަށްވަނަ ފަންގިފިލައަށް އެރުމަށް ބުނެލިއެވެ. އެއަޑު އިވުމުން އިޒާނީގެ ހިތް ތެޅެން ފެށީ އޮބިނޯންނަ ވަރަށެވެ. މޭގައި އަތް އަޅާލައިގެން އޭނާ އިނީ ހަމައަކަށް އެޅޭތޯއެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލިފްޓު ހުޅުވުނު އަޑު އިވިގެން ދިޔައެވެ. އަދި ބައްޕަގެ އަޑު އިޒާނީގެ ކަންފަތުގައި ޖެހުނެވެ. އެތަނުން ތެދުވެ ގޮސް ފިލަން އިޒާނީ ބޭނުންވިއެވެ. ނަމަވެސް އޭރުން ކޮންމެވެސް ދުވަހަކުން އޭނާ ބައްޕައާއި ކުރިމަތި ލާން ޖެހޭނެކަން އޭނާއަށް ވިސްނުނެވެ. އަދި މިރޭ އޭނާގެ ބައްޕައާއި ކުރިމަތިލުމަށް އޭނާ ނިންމިއެވެ. ފުން ނޭވާއެއް ލަމުން މުޅި މީހާ ހަމައަކަށް އަޅުވާލުމަށް އިޒާނީ މަސައްކަތް ކުރިއެވެ. އެހެނަސް އާޒިމްއާއި އަޒާން ފެނުމުން އޭނާއަށް ފިޔަވަޅު އެޅުނީ ފަހަތަށެވެ.

“އިޒާނީ. ހިނގާ ގެއަށް ދާން.” އާޒިމް ދިޔަ ގޮތަށް ގޮސް އިޒާނީގެ އަތުގައި ހިފާލިއެވެ. ނަމަވެސް އޭނާ ހުރި ތަނުން ގުޑާވެސް ނުލިއެވެ. “އިޒާނީއާ މި ވާހަކަ ދައްކަނީ. ގެއަށް ދާން ހިނގާށޭ. ދަރިފުޅާ ވިސްނާވެސް ނުލަންތަ ބައްޕަމެން ދެރަ ވާނެ ވަރު؟؟” އިޒާނީގެ ދެއަތުގައި ހިފާލަމުން އާޒިމް ބުނެލިއެވެ. “ބައްޕަމެންނަށް ކެތެއް ނުވާނެ ދަރިފުޅާ ދުރުގަ އުޅޭކަށް. ދެން ހިނގާ ގެއަށް ދާން. މަންމަވެސް އެބައިން ނުވެސް ނިދާ، ދަރިފުޅު އަންނާނެ ކަމަށް.” އާޒިމް އަނެއްކާވެސް އިޒާނީގެ އަތަށް ދަމާލީ ދާން އަންނާށޭ ބުނާ ފަދައިންނެވެ.

“އަޅުގަނޑު ނިކުމެގެން އައީ އަލުން ގެއަށް ދާކަށް ނޫން.” އިޒާނީގެ ބަސްތައް އަޑު އިވުމުން އާޒިމް ހުއްޓުން އެރިއެވެ. އެއީ އޭނާގެ ދަރިފުޅު ބުނެފާނެ އެއްޗެއް ކަމަށް އޭނާއަށް ގަބޫލު ނުކުރެވުނީއެވެ. “އަޅުގަނޑު ނުދާނަން ގެއަކަށް. ގެއަށް ގޮސްސިއްޔާ ވާނެ ގޮތް އެނގޭ.. އެހެންވީމަ ނުދާނަން.” އާޒިމްގެ އަތް ފޮޅުވާލަމުން އިޒާނީ ބުނެލިއެވެ. ކަންތައް ވަމުން ދާ ގޮތް ބަލަން ޒަޔާން ހުރީ ކަންބޮޑުވެފައެވެ. އޭނާ ބުނި ގޮތް އިޒާނީ ނުހެދުމުން ހިސާބަކަށް ހިތްހަމަވެސް ނުޖެހިފައެވެ.

“މި ދެން ކޮން ތަނެއްތަ ދަރިފުޅު އުޅެން؟ ހަމަ މިހާރު ހިނގާ ގެއަށް..” އިޒާނީގެ އަތުގައި ހިފާ ދަމާލަމުން އާޒިމް ބުނެލިއެވެ. ބައްޕައާއި އެކު ނުދިޔުމަށް އިޒާނީ ގަދަ ހަދަން ފެށިއެވެ. އަދި ޒަޔާން މާ ދުރުގައި ހުރީތީ އިޒާނީ އޭނާގެ ނަމުން ގޮވާލިއެވެ. ހަމަ އެ ސިކުންތުގައި ޒަޔާން ގޮސް އާޒިމްގެ އަތުގައި ހިފާލިއެވެ. އަދި އިޒާނީގެ އަތުން ދޫކޮށްލުމަށް އެދުނެވެ.

“ގަދަކަމުން ކަންކަން ކުރަން ނޫޅެ، އިޒާނީ އަތުން ދޫކޮށްލާ.” ހަރުކަށި ބަލާލުމަކުން ޒަޔާން އާޒިމްއަށް ބަލާލިއެެވެ. “ކޮންމެ ފަހަރަކު އާޒިމް ބޭނުންވާ ގޮތަކަށް ކަންކަމެއް ނުވާނެ. އިޒާނީ އަމިއްލައަށް ދާން ބޭނުންވީމަ ދާނެ.” ޒަޔާން ވާހަކަދައްކަމުން އިޒާނީގެ އަތް އާޒިމްގެ އަތުތެރެއިން ސަލާމަތް ކޮށްދިނެވެ. އަދި އިޒާނީ ގެނެސް ޒަޔާންގެ ފަހަތުގައި ބެހެއްޓިއެވެ. އިޒާނީއާއި ހަމައަށް ދެވޭނީ ޒަޔާން ހުރަސްކޮށްފައޭ ބުނާ ކަހަލައެވެ.

“އިޒާނީ ބޭނުން ހާ ވަގުތަކު ގެއަކަށް ނާދެވޭނެ. މިރޭ ގެއަށް ނުގޮސްފި ނަމަ ތީ މި އާޒިމްގެ ދަރިއެއް ނޫން. އަދި މީ އިޒާނީގެ ބައްޕައެއް ނޫން. އެގޮތް އިޒާނީއަށް ރަނގަޅިއްޔާ މިގޭގަ ހުރޭ. ދެން ދުވަހަކުވެސް ޕަނާޝް ވިލާއަށް އައިސްގެން ނުވާނެ. އެގޭގަ އިޒާނީއަކަށް ޖާގައެއް ނޯންނާނެ. ހަނދާން ކުރާތި..” އާޒިމްގެ ޝަހާދަތް އިނގިލި އިޒާނީއާއި ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. އިޒާނީގެ ދެލޯ ބޮޑުވިއެވެ. އެ އިވުނު ބަސްތައް ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ. އާޒިމް ރުޅި އައިސްފައި ހުރި ވަރުން އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އަޒާން ގޮސް އޭނާގެ ދެ ކޮނޑުގައި ހިފާލީ އެކަން ފާހަގަ ވުމުންނެވެ.

ގޭތެރޭގައި އަޑުގަދަ ވަމުންދާތީ، ޔާސިރު ކޮޓަރިން ނިކުތެވެ. ޒީނާވެސް ބުރުގާއެއް އަޅައިގެން ނިކުތީ ގޭތެރޭގައި ހިނގަނީ ކޮން ކަމެއްތޯ ބެލުމަށެވެ.

“އިޒޫ.. ބައްޕަގެ ކިބައިން ހަމަ މިހާރު މައާފަށް އެދިފަ ގެއަށް ދާން ހިނގާ.. ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު.” އަޒާން އެހެން ބުނުމުން އިޒާނީ ޒަޔާންގެ އަތުގައި ހިފާލިއެވެ. އަދި އިހުނަށްވުރެ ބޮޑަށް ޒަޔާންގެ ފުރަގަހަށް ވަދެ ފިލިއެވެ.

“އިޒާނީ ދާން ބޭނުންނުވާއިރު ގެންދަން ނޫޅެބަލަ. އެއީ މިހާރު އަމިއްލައަށް ކަންކަން ނިންމަން އެނގޭ ވަރުގެ ބޮޑު މީހެކޭ.” އިޒާނީގެ ދިފާއުގައި ޒަޔާން ވާހަކަ ދެއްކިއެވެ.

“އެހެންވިޔަސް ހެޔޮ. މާދަމާ އިރު އޮއްސުމުގެ ކުރިން ގެއަށް ނައިސްފި ނަމަ އިޒާނީއާއި އަހަރެމެންނާއި އޮތް ހުރިހާ ގުޅުމެއް ކެނޑިގެންދާނެ. އަހަރެމެންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެ.. ދެން ގޮތް ނިންމާނީ އިޒާނީ.” އެހެން ބުނުމާއެކު އާޒިމް އެގެއިން ނިކުތެވެ. އަޒާންވެސް ނިކުތުމަށް ހިނގައިގަންނަމުން ޒަޔާންއާއި ދިމާލަށް ބަލާލިއެވެ. އިޒާނީއަށް ވިސްނައިދޭށޭ އޭނާ ބުނާ ކަހަލައެވެ. ޒަޔާންވެސް ބޯ ޖަހާލީ އަޒާން އެ ބުނި އެއްޗެއް ވިސްނުމުންނެވެ.

ޔާސިރުއާއި ޒީނާ ތިބީ ވާނުވާ ނޭނގިފައެވެ. އެހެންކަމުން ޒަޔާންއާއި ޔާސިރު ސުވާލު ކުރިއެވެ. އަދި ވެގެން އުޅޭ ގޮތް ޒަޔާން ކިޔައިދިނެވެ. އެގެއަށް އިޒާނީ އައީ ގެއިން ނިކުމެގެންކަން ބުންޏެވެ. އަދި އިޒާނީގެ ބައްޕައާއި ބޭބެ އައީ އިޒާނީ ބަލާ ކަމަށް ބުނެދިނެވެ. ނަމަވެސް އިޒާނީ ދާން ބޭނުން ނުވާތީ، އޭނާއާއި ކައިވެނިކުރަން ނިންމި ވާހަކަވެސް ޒަޔާން ބުނެލިއެވެ. ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ނިންމަން ބޭނުންވާ ވާހަކަވެސް އޭނާގެ މައިންބަފައިންނާއި ޒަޔާން ހިއްސާ ކުރިއެވެ. އެ ވާހަކަތައް އަޑު އިވުމުން އެންމެ އުފާވީ އިޒާނީއެވެ. އޭނާޣެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފާޅުވިއެވެ.

ހުސްނާ އިނީ އިޒާނީ ގޮވައިގެން އާޒިމްމެން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާގެ ކައިރީގައި، އަޒާންގެ އަންހެނުން ޝާނާ ވެސް އިނެވެ. ދެމީހުން އެހެން ތިބޭތާ އެތަށް އިރެއް ވީ ފަހުން އާޒިމްއާއި އަޒާން ގެއަށް ވަދެގެން އަންނަތަން ފެނުނެވެ. އެމީހުންގެ ފަހަތަށް ހުސްނާ ބަލާލީ އިޒާނީވެސް އަންނަ ކަމަށް ހީކޮށެވެ. އިޒާނީ ފެންނަން ނެތުމުން ނާންނަނީތޯ ހުސްނާ ސުވާލުކޮށްލިއެވެ.

“ނައި. އެހެންނު ވާނީ.. ވަރުގަދަ ފިރިހެނަކާ ޖެހިފަ އެހުރީ.” އެތަނުގައި މަޑުކުރުމެއް ނެތި އާޒިމް ސިޑިން އަރައިގެން ދިޔައެވެ. އެތަން ބަލަން ހުރެފައި ހުސްނާ އަޒާންއާއި ދިމާލަށް ބަލާލިއެވެ. އަދި އިޒާނީ ދެން ނާންނާނެތޯ އަހާލިއެވެ.

“އިޒޫ އަންނާނެއޭ، މަންމާ.. މާދަމާ އިރު އޮއްސުމުގެ ކުރިން އިޒޫ ހުންނާނީ މިގޭގަ. ބައްޕަ ކިޔާ އެއްޗަކަށް ނުވިސްނާ.” އަޒާން އޭނާގެ މަންމަ ހިތްހަމަ ޖައްސާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މާދަމާ އިޒާނީ އެނބުރި އަންނާނެ ކަމާއި މެދު އަޒާންއަށްވެސް އެއްވެސް ޔަގީން ކަމެއް ނެތެވެ. އެއީ އިޒާނީއަކީ އަބަދުވެސް ގޮތުގައި ހިފަހައްޓާ ކުއްޖަކަށް ވާތީއެވެ. އެހެނަސް ޒަޔާން އޭނާއަށް ވިސްނައި ދޭނެކަމަށް އަޒާން އުންމީދުކުރިއެވެ. އަދި މާދަމާ އަނެއްކާވެސް އެ އާއިލާ ފުރިހަމަ ވާނެ ކަމަށް އަޒާން ހީކުރިއެވެ.

ފެމެލީ ކޯޓަށް ކައިވެނި ފޯމު ލުމަށްފަހު ޒަޔާން ގެއަށް އައެވެ. ސޯފާގައި އިށީންނަމުން ފޯނު ހުޅުވާލިއެެވެ. އަދި އޭނާއަށް ކަމުދާ ކަހަލަ އެއް ކޮޓަރީގެ އެޕާޓްމެންޓެއް ފެނޭތޯ ފޯނު ބަލަމުން ދިޔައެވެ. ކައިވެނި ކޮށްގެން ވަކިން އުޅެން ބޭނުންވާކަމަށް އިޒާނީވެސް އޮތީ ބުނެފައެވެ. ޒަޔާންއަށް އެހީވާނެ ވާހަކަ އޭނާގެ ބައްޕަ ބުނެފައިވާތީ، އިޒާނީ ވެސް ހިތް ހަމަ ޖެހޭނެ ކަހަލަ ތަނެއް ހޯދުމަށް އޭނާ އިޒާނީއާއި މަޝްވަރާ ކުރަމުން ދިޔައެވެ.

ހަވީރުގެ ވަގުތެވެ. ޒަޔާންއާއި އިޒާނީ ދިޔައީ އެމީހުން ކުއްޔަށް ނަގަން އުޅޭ އެޕާޓްމެންޓް ބެލުމަށްށެވެ. އެތަން ނެގުމަށް ހުރިހާ ކަމެއް ނިންމުމަށްފަހު ދެމީހުން ވަނީ ފިހާރައަކަށެވެ. އިޒާނީ ކާ ހިތްވާ ކަހަލަ ބައެއް އެއްޗެހި ގަތުމަށެވެ. ފިހާރަ ތެރޭގައި އުލެނިކޮށް އިޒާނީއަށް އޭނާގެ މަންމަ ފެނުނެވެ. އެކުގައި ޝާނާވެސް ހުއްޓެވެ. އަވަސް އަރުވާލާފައި އެތަނުން ނުކުންނަން އުޅުމުގެ ތެރޭގައި އެމީހުންނަށްވެސް އިޒާނީ ފެނުނެވެ. ހުސްނާއަށް އޭނާގެ ދަރިފުޅު ފެނުމުން ހުރެވުނު ތަން ވެސް ނޭނގުނެވެ. އޭނާ ގޮސް އިޒާނީ ގައިގައި އޮޅުލައިގަތެވެ. އަދި ގެއަށް އައުމަށް ތަކުރާރުކޮށް އެދެމުންދިޔައެވެ.

“ސޮރީ މަންމާ.. އަޅުގަނޑު ދެން ނުދާނަން. މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން.” ހުސްނާގެ އަތުގައި ދެއަތުން ހިފާލަމުން އިޒާނީ ބުނެލިއެވެ. ހުސްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިޒާނީއަށް މިފަދަ ބޮޑު ބަދަލެއް މި އައީ އޭނާ ގުޅިގެން އުޅޭ ކުއްޖާގެ ސަބަބުން ކަމަށް އޭނާއަށްވެސް ގަބޫލުކުރެވެން ފެށިއެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ