ހދ.ކުޅުދުއްފުށީން ކޯވިޑް-19އަށް ޕޮޒިޓިވްވި 75 އަހަރުގެ މީހަކު އިތުރު ފަރުވާއަށް ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ. މިމީހާ ށ.ފުނަދުއަށް ގެންގޮސްފައި ވަނީ މިރޭގެ ވަގުތެއްގައެވެ.
ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ޒުމްރަތު ގޮށްކޮޅަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ މިއަދު އިތުރު ފަރުވާއަށް ގެނެވުނީ ކުޅުދުއްފުށިން ޕޮޒިޓިވްވި އުމުރުން 75 އަހަރުގެ މީހެއްކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.
” މިކޮޅަށް (ށ.ފުނަދޫ ކޯވިޑް ފެސިލިޓީއަށް) މިގެންނަނީ ހައިރިސްކް މީހުންނާއި ބަލީގައި ބޮޑުވަރުވާ މީހުން” ކަމަށް މެނޭޖަރ އަހުމަދު ޒުމްރަތު ވިދާޅުވިއެވެ.
ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަކީ ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ކޯވިޑް ފެސިލިޓީއެވެ. މި ފެސިލިޓީގައި އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު ހުރެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑް-19ގެ އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.
ފޮޓޯ: ށ. އަތޮޅު ހޮސްޕިޓަލް


