( 18 އޮކްޓޯބަރ 2020 އާ ގުޅޭ)
“ސޮރީ މަންމާ.. އަޅުގަނޑު ދެން ނުދާނަން. މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން.” ހުސްނާގެ އަތުގައި ދެއަތުން ހިފާލަމުން އިޒާނީ ބުނެލިއެވެ. ހުސްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިޒާނީއަށް މިފަދަ ބޮޑު ބަދަލެއް މި އައީ އޭނާ ގުޅިގެން އުޅޭ ކުއްޖާގެ ސަބަބުން ކަމަށް އޭނާއަށްވެސް ގަބޫލުކުރެވެން ފެށިއެވެ. އިޒާނީމެން ފިހާރައިން ނިކުމެގެން ދިޔަ އިރުވެސް ހުސްނާ ހުރީ އެމީހުންނަށް ކަޅި ޖަހާ ނުލާ ބަލާށެވެ. އޭނާގެ ދަރިފުޅު ގެއްލިއްޖެ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ހުސްނާއަށް ކުރެވެން ފެށިއެވެ.
ޒަޔާންއާއި ވިކާޝް އުޅުނީ، ޒަޔާންމެން ކުއްޔަށް ހިފި އެޕާޓްމެންޓް ތައްޔާރުކުރުމުގައެވެ. ޒަޔާންގެ އޮފް ޑިއުޓިގައި އޭނާގެ މަސައްކަތަކީ އެއީއެވެ. މިއަދު އެއުޅެނީ މުޅި ގޭގެ ކުލަ ބަދަލު ކުރާށެވެ. ހުދު ކުލަ ހުރުމުން އިޒާނީއަށް ކަމު ނުދިޔައީއެވެ. އެހެންކަމުން އިޒާނީ ބޭނުންވާ ކުލަކުލަ އޭނާ ގަތެވެ. ދެމީހުން ކުލަ ލުމުގައި މަޝްއޫލުވެގެން އުޅެނިކޮށް އެގެއަށް ޒޯޔާއާއި އިޒާނީ އައެވެ. ގޭގައި ކަމެއް ނެތުމުން ދެމީހުން އެއައީ ޒަޔާންމެން ކުރާ ކަމެއް ބަލާލުމަށެވެ. ޒޯޔާ އެތަނަށް އައިންސުރެ ވިކާޝްގެ ނަޒަރު ޒޯޔާއަށް ސިއްރު ސިއްރުން އަމާޒު ވަމުން ދާކަން ޒަޔާންއަށް ފާހަގަވިއެވެ.
“މަގޭ ކޮއްކޮއޭ އެއީ..” ވިކާޝްގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ޒަޔާން ބުނެލިއެވެ. އެ އަޑަށް ޒޯޔާވެސް ދިޔައީ ސިހިގެންނެވެ. އޭނާ ވިކާޝްއާއި ދިމާލަށް ބަލާލި އިރު ވިކާޝް ހުރީ ލަދުން އިސް އޮބާލައިގެންނެވެ.
“ކީއްތަ ވީ، ކޮއްކޮ ވީމަ؟” މޮޅުވެލާފައި ޒޯޔާ ބުނެލިއެވެ. “ޒޯ އަދި ހުސްކޮށޭ މިހުރީ. ދެން ދޮންބެއަށް އަންހެން ކުދިންނާ ދިމާލަށް ނުބެލޭނީ. ދޯ އިޒޫ؟” ޒަޔާންއަށް މަލާމަތް ކޮށްލަމުން ޒޯޔާ ދޯ ދިނީ އިޒާނީއަށެވެ. އެއާއެކު އިޒާނީވެސް ޒޯޔާ ބުނި ވާހަކައަށް ތާއީދު ކުރަމުން ބޯ ޖަހާލިއެވެ.
“ހުސްކޮށޭ ބުނީމަ މި ހަނދާންވީ.. ވަރަށް ބަނޑު ހުސްކޮށް މިތިބީ. ކާއެއްޗެއް ގެންނަންވީނު؟” ކުލަ ލާން ހުރެފައި ރޯލަރު ބާއްވަމުން ޒަޔާން ބުނެލިއެވެ.
“އޯޑާރ ކުރަންވީނު؟ މަ ޕޭ ކުރާނަން.. މައި ޓްރީޓް.” ވިކާޝްވެސް މަސައްކަތް މެދުކަނޑާލާފައި ބުނެލިއެވެ.
ނިދިފައި އޮތް އިޒާނީއަށް ސިއްސައިގެން ހޭލެވުނީ އޭނާގެ ނިއްކުުރީގައި ޒަޔާން ބޮސްދިނުމުންނެވެ. ޒަޔާން ހުރީ ޔުނީފޯމުގައެވެ. އެހެންކަމުން އޭނާ އެދަނީ ޑިއުޓީއަށް ކަން އިޒާނީއަށް އެނގުނެވެ. ގަޑި ބަލާލި އިރު ރޭގަނޑު އެގާރަ ޖަހަނީއެވެ. ޒޯޔާވެސް އޮތީ ގަދަ ނިދީގައެވެ.
“މިރޭ އޮތީ ލޭ އޯވާރއެއް.. މާދަމާ ފަތިހު އާދެވޭނީ. އިޒޫ ނިދާލަ. ކަމެއް ބޭނުންވެއްޖެއްޔާ ޒޯއަށް ގޮވާތި އިނގޭ.” އިޒާނީގެ ބުރަކަށީގައި ފިރުމާލަމުން ޒަޔާން ބުނެލިއެވެ. އަދި ދަމުންވެސް އިޒާނީގެ ނިއްކުރީގައި ބޮސްދިނެވެ. އިޒާނީ ހިނިތުންވެލީ ޒަޔާން ފަދަ ލޯބިވާ މީހަކު އޭނާއަށް ލިބުމުންނެވެ. އެންމެ ފަހުން ޒަޔާން، އޭނާގެ މީހަކަށް ވާން އުޅޭތީ އިޒާނީ އޮތީ ނުހަނު ހިތްހަމަ ޖެހިފައެވެ. ޒަޔާން އެހާ ބުރަކޮށް އެއުޅެނީވެސް ހަމަ އޭނާއަށްޓަކައި ކަން އިޒާނީއަށް ވިސްނެއެވެ. އަދި އެމީހުންގެ ދަރިފުޅަށް، ޒަޔާންއަކީ އެންމެ ފުރިހަމަ ބައްޕައެއް ކަމުގައި ވާނެ ކަމުގެ ފޮނި އުންމީދާއި އެކު އިޒާނީ ބަނޑުގައި ފިރުމާލިއެވެ.
މައިވަންތަ ކަމަކީ މި ދުނިޔެ މަތީގައިވާ އެންމެ މަތިވެރި އިހުސާސެވެ. މަންމައަކަށް ވާން އުޅޭ ކަމުގެ ހަބަރު ލިބުމުން އެ ލިބޭ އުފަލަކީ، މުޅި ދުނިޔެ އެކީ މިލްކުވީ ނަމަވެސް ނުލިބޭނެ ފަދަ އުފަލެކެވެ. ދަރިފުޅު ބަނޑުގައި ގަރުބަގަތުމާއެކު އެ ދަރިފުޅާއި ބައްދަލުވާނެ ދުވަހަކަށް އިންތިޒާރު ކުރެވެން ފަށައެވެ. ކުޑަކުޑަ ގުޑުމެއްވެސް އެ ދަރިފުޅަށް އަޔަކަނުދެއެވެ. އެ ދަރިފުޅުގެ ފުރާނައަށް ގެއްލުންވެދާނެ ހުރިހާ ކަމަކުން، މައިމީހާ އެއްކިބާވެއެވެ. އިޒާނީވެސް އެ އޮތީ އޭނާގެ ދަރިފުޅަށް ގެއްލުން ދިނުމަށް އުޅުނު މީހުންގެ ކިބައިން އެ ދަރިފުޅު ރައްކާތެރި ކޮށްދީގެންނެވެ. އެ ދަރިފުޅު އެއޮތީ އޭނާގެ މަންމަގެ ފުރިހަމަ ހިމާޔަތުގެ ދަށުގައެވެ.
“އައި ލަވް ޔޫ މައި ބޭބީކޮޅު.” ބަނޑުގައި ފިރުމާލަމުން އިޒާނީ ބުނެލިއެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް އިޒާނީއަށް އެ ދަރިފުޅު އިންތިހާއަށް މުހިންމު ވެއްޖެއެވެ. އާއިލާއާއި ދުރަށް ދާން ޖެހުނު ނަމަވެސް އެކަމަށް ފަރުވާލެއް ނުބެހެއްޓީ، އޭނާއަށް އޭނާގެ ދަރިފުޅު އެއަށްވުރެ މުހިންމު ވީތީއެވެ. މަންމައެއްގެ ހަޔާތުގައި ދަރިންނަށް ވުރެ މުހިންމު ބަޔަކު ނޫޅޭނެއެވެ. ބަނޑުގައި ކުއްޖަކު އޮތް ކަން އެނގުމުންވެސް، އެ ކުރެވޭ އިހުސާސަކީ ހާދަހާ ފުރިހަމަ އިހުސާސެކެވެ.
އަލަތު ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރު، އިޒާނީގެ ހިތް އުފަލުން ފޮޅެނީއެވެ. ކައިވެނި ކުރެވޭ ދުވަހު ލުމަށް ހާއްސަ ހެދުމެއް ފެހުމަށް، އޭނާ ފޮތި ގަތެވެ. އަދި ޒޯޔާއާއި މަޝްވަރާ ކުރުމަށްފަހު ހެދުން ފަހާނެ ރީތި ގޮތެއް ހޯދާ، ފަހާ ތަނަކާއި ހަވާލުކުރިއެވެ. އިޒާނީ އުފަލުން ހުންނަ ތަން ފެނުމުން ޒީނާވެސް ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. އިޒާނީ ގެއިން ނިކުމެގެން އައުމުން ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް، މިހާރު އެކަން ފިލާ ގޮސްފިއެވެ. އޭނާއަށް ޒަޔާންގެ ހޮވުން ވަރަށް ކަމުދެއެވެ. ޒޯޔާއާއި އިޒާނީ އެހާ ގުޅިގެން އުޅޭތީވެސް އެކަމާ އޭނާ އުފާކުރެއެވެ. ނަމަވެސް ދުވަސްކޮޅަކުން އިޒާނީއާއި ޒަޔާން ވަކިން ދިރިއުޅުން ފަށާނެއެވެ. އޭރުން އެ ދެކުދިން މަތިން އެންމެ ހަނދާންވާނެ މީހަކީ ޒީނާ ކަމަށް ވާނެކަން ޔަގީނެވެ.
އިޒާނީއާއި ޒަޔާންގެ ކައިވެނި ކުރެވުނީ ކޯޓުގައެވެ. ޒަޔާންގެ ބައްޕަ އެދުމުންވެސް، ކުލަ ގަދަކޮށް އެކަން ނުކުރަން ނިންމީ އިޒާނީއެވެ. އާއިލާއާއި ވަކިން އުފާ ފާޅުކުރަން އޭނާ ބޭނުންނުވީއެވެ. އޭނާގެ ވަލީވެރިޔާގެ ވަކީލަލަށް ވީ ގާޒީއެވެ. އަނބި ގަބޫލުކޮށް، ރަނުގެ ގޮތުގައި ދެހާސް ވިހި ރުފިޔާ އިޒާނީއާއި ހަވާލު ކުރީ ޒަޔާންއެވެ. ކައިވެނީގެ ކަންތައް ނިމުމާއެކު އެމީހުން މަގުމައްޗަށް ނިކުތެވެ. ޒަޔާންގެ އަތުގައި ހިފާލައިގެން ހުރި އިޒާނީގެ މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ. މިއީ އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސް ކަމުގައިވާނެއެވެ. އިޒާނީމެން ނިކުތުމުން ޒޯޔާއާއި ވިކާޝް ފޮޓޯ ނަގަން ފެށިއެވެ. އެމީހުންވެސް ތިބީ އެ ދެމަފިރިންނަށްޓަކައި ނުހަނު އުފަލުންނެވެ. ޒަޔާންގެ އެއް އަތުން އިޒާނީގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ
ކައިވެނި ހެދުމުގައި އިޒާނީ ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ. އޭނާ ލާފައި ހުރީ މަޑު މުށި ކުލައިގެ މެކްސީ ޑްރެސް އެކެވެ. އެ ހެނދުމުގެ މޭމަތިން ފެށިގެން އުނަގަނޑާއި ހަމައަށް ލޭސް އާއި ވެލިފޮތިން ޖަރީކޮށްފައި ހުއްޓެވެ. އޭނާ އަރައިގެން ހުރި ގަދަ މުށި ކުލައިގެ އުސް ބޫޓު، އެ ހެނދުމާއި ވަރަށް ގުޅެއެވެ. ބޮލުގެ އިސްތަށިގަނޑު އެއްކޮށް ބޮޑު ހުޅިއެއް ޖަހާފައި ހުއްޓެވެ. އާދައިގެ ވަރަކަށް މޭކަޕް ކޮށްފައި ހުރި މޫނުގެ ރީތިކަން ދެގުނަ ކޮށްދިނީ އެމޫނުގައި ވީ އުފާވެރިކަމާއި އުޖާލާކަމެވެ. ޒަޔާންވެސް ރަސްމީ ހެނދުމުގައި ފެންނަނީ ވަރަށް ސްމާޓްކޮށެވެ. އޭނާ ލައިގެން ހުރީ ހުދު ގަމީހަކާއި، އަޅި ކުލައިގެ ފަޓުލޫނެކެވެ. ގަމީސް ބެގީ ކޮށްލާފައި ހުރި އިރު އަތްކުރި ހުރީ އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައެވެ. އޭނާ އަރައިގެން ހުރި ކަޅު ބޫޓު އޮފް ކަމުން ދަލަ އަޅައަޅާ ހުއްޓެވެ.
ފޮޓޯ ނަގާ ނިމިގެން އެ ކުޑަ އާއިލާ ދިޔައީ މަޝްހޫރު ރެސްޓޯރެންޓަކަށެވެ. އެއީ ޒަޔާންގެ ބައްޕަ އޭނާގެ ދަރިފުޅުގެ ކައިވެނީގެ އުފަލުގައި ދިން މެންދުރުގެ ކެއުމެކެވެ. ޒަޔާންގެ އެދުމަށް ވިކާޝްވެސް އެމީހުންނާއި ބައިވެރިވިއެވެ. ކެއުމަށް އިންސާފު ކުރަމުން ދިޔަ އިރު އެކި ވާހަކަ ދެކެވުނެވެ. ޒޯޔާއާއި ވިކާޝްގެ މެދުގައި ކުރެވެމުން ދިޔަ އިޝާރާތްތައް ޒަޔާންއަށް ފާހަގަވީ ނަމަވެސް އެކަމާއިމެދު އެއްޗެކޭ އޭނާ ނުބުނެއެވެ.
“މަންމަ ވަރަށް ހަނދާންވާނެ ދެކުދިން މަތިންވެސް.” ޒީނާ ބުނެލިއެވެ. ޒޯޔާއާއި ޔާސިރުވެސް އެކަމަށް އެއްބަސްވިއެވެ.
“ހަނދާންވީމަ މަންމަ ގުޅާލާނީ އެއްނު. އޭރުން އަޅުގަނޑުމެން އަންނާނަމޭ.” އިޒާނީ ބުނެލިއެވެ. އޭނާގެ މަންމަ ދެކެ ވާ ލޯބި ޒަޔާންގެ މަންމަ ދެކެވެސް ވެއެވެ. އެ މަންމައަށްވެސް އެހާމެ އިހުތިރާމްވެސް ކުރެއެވެ. “ވަކިން އުޅުނަސް އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ހަމަ އެއްމެ ފޯނު ކޯލެއްގެ ދުރުމިނުގަ، މަންމަ ހަމަ ގުޅާލަން ޖެހޭނީ. ދޯ، ޔާން؟” ޒަޔާންއަށް ދޯ ދެމުން އިޒާނީ ވާޙަކަ ދެއްކިއެވެ. އަޑާއި ރާގުންވެސް އޭނާ އުފާވެފައި އިން ވަރު ހާމަވެއެވެ. ކެއުން ނިންމާލުމަށްފަހު ޒަޔާން ދިޔައީ އިޒާނީ ގޮވައިގެން އެމީހުންގެ އެޕާޓްމެންޓަށެވެ.
ދޮރު ހުޅުވާލުމާއެކު ދެމީހުންނަށް ލިބުނީ ހައިރާން ކަމެވެ. އެޕާޓްމެންޓްގެ ސިޓިންގރޫމު އޮތީ ހިތުގެ ބައްޓަމަށް ހުރި ރަތް ކުލައިގެ ފުއްޕާހަމުން ޒީނަތްތެރިކޮށްފައެވެ. އިނގިރޭސި ބަހުން މަރުހަބާ ޖަހާފައި އިން ބެނާއެއްވެސް ހަރުކޮށަފައި ހުއްޓެވެ. އިޒާނީ ކުރިއަށް ނެގި ފިޔަވަޅާއި އެކު ޒަޔާން އޭނާ އުރާލިއެވެ. އަދި އަތްދަނޑިމައްޗަށް ލައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު އިޒާނީގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.
ޒަޔާން އިޒާނީ ގެންގޮސް އެނދުމަތީގައި ބާއްވާލިއެވެ. އަދި ވަރަށް ލޯބިން އޭނާގެ ތުންފަތުގައި ބޮސްދިނެވެ. އޭނާގެ އެ ބީހިލުމަށް އިޒާނީގެ މުޅި ހަށިގަނޑު އިޖާބަދިނެވެ. އިޒާނީގެ މުޅި ހަށިގަނޑުގައި ޒަޔާން ފިރުމަމުން ދިޔަ ވަރަކަށް އިޒާނީގެ ނޭވާ އަވަސްވަމުން ދިޔައެވެ. ކުއްލިއަކަށް އިޒާނީ ޒަޔާންގެ އަތުގައި ހިފާލަމުން ދުރަށް ޖެހެލިއެވެ.
“ބޭބީއަށް ގޮތެއް ވެދާނެއެއްނު.. އިތްސް ނޮޓް ސޭފް ފޯ……” އިޒާނީއަށް ބުނެވުނީ އެހިސާބަށެވެ. އޭނާގެ ތުންފަތުގައި ޒަޔާންގެ ތުންފަތް ޖައްސާލާ ބާރުކޮށްލިއެވެ.
“އޯކޭ ވާނެ ބޭބީ.. ޓްރަސްޓް މީ.” ޒަޔާންއަށް އިތުބާރުކުރުމަށް ބުނެ އިޒާނީ ލައިގެން އޮތް ހެނދުން ގައިން ވަކިކޮށްލިއެވެ. އަދި އިޒާނީ ބޮލުގައި ޖަހާފައި އިން ބޮޑު ހުޅި މޮހާލާ، އޭ އިސްތަށިގަނޑު ދޫކޮށްލިއެވެ. އިސާހިތަކު ދެމީހުންގެ ހަށިގަނޑު އެކައްޗަކަށްވެ، ދެ ފުރާނަވެސް އެކުވެގެން ދިޔައެވެ.
އިރު އޮއްސެން ދިޔަ ވަގުތެވެ. މަގުމަތި ހިސާބަކަށް ހަލަބޮލިވެފައިވިއެވެ. ދުއްވާ އެއްޗެހީގެ އަޑުތަކާއި ހިލާފަށް ޒަޔާންމެންގެ ގޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. ދެމީހުންވެސް އެވަގުތު ތިބީ ގަދަ ނިދީގައެވެ. އިޒާނީ އޮތީ ޒަޔާންގެ އަތް މަތީގައެވެ. ޒަޔާންގެ އަނެއް އަތް އިޒާނީގެ ބަނޑުމަތީގައި ބާއްވާލާފައި އޮތެވެ. ޒަޔާންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. އޭނާ ވަރަށް މަޑުމަޑުން އިޒާނީގެ ބޯ ދަށުން އޭނާގެ އަތް ނަގަމުން ތެދުވިއެވެ. އަވަހަށް ގޮސް ފޯނު ނަގަން ވާއިރަށް އެ ކޯލު ކެނޑިއްޖެއެވެ. ގުޅީ ކާކުކަން އެނގުމުން ޒަޔާންގެ މޫނުމަތިން ފޫހިކަން ވެރިވެގެން ދިޔައެވެ. ހަމަ އެވަގުތު ދެވަނަ ފަހަރަށް އެ ނަންބަރުން ގުޅަން ފެށިއެވެ.
“ހަލޯ..” ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ޒަޔާން ނިކުތީ ސިޓިންގރޫމަށެވެ.
“ކޮބާ އިޒާނީ؟” އާޒިމްގެ އަޑުގައި ހަރުކަށިކަން އެކުލެވިގެންވިއެވެ.
“އެބަ އޮތް ނިދާފަ.” ޒަޔާންގެ ޖަވާބު ކުރެވެ. “ކިހިނެއްވީ؟” އޭނާ އަހާލިއެވެ.
“ހަމަ މިހާރު އޭނާ ގޮވައިގެން މިގެއަށް އައިސް އަހަންނާ ހަވާލު ކުރޭ.. މާ ގޮތް ކުޑަވެގެންނޭ އިޒާނީވެސް އެއުޅެނީ.. ކަލޭ އޭނަގެ ބޮލަށް އެރިގެން ތި ހުރިހާ ކަމެއް ތި ކުރުވަނީ.” އާޒިމް ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ.
“ތިހެން ބުނެގެން އިޒާނީއެއް ނުފޮނުވޭނެ.. އެއީ މިހާރު މަގޭ އަންހެނުން. އަނބިމީހާ ކިޔަމަން ވާން ޖެހޭނީ ފިރިމީހާގެ އަމުރަށް. އާޒިމްގެ އެއްވެސް ބާރެއް އިޒާނީގެ މައްޗަކަށް މިހާރު ނޯންނާނެ..” ޒަޔާން ބުނެލިއެވެ. (ނުނިމޭ)