( 21 އޮކްޓޯބަރ 2020 އާ ގުޅޭ)
“ތިހެން ބުނެގެން އިޒާނީއެއް ނުފޮނުވޭނެ.. އެއީ މިހާރު މަގޭ އަންހެނުން. އަނބިމީހާ ކިޔަމަން ވާން ޖެހޭނީ ފިރިމީހާގެ އަމުރަށް. އާޒިމްގެ އެއްވެސް ބާރެއް އިޒާނީގެ މައްޗަކަށް މިހާރު ނޯންނާނެ..” ޒަޔާން ބުނެލިއެވެ. އެ އަޑު އާޒިމްއަށް އިވުނީ ޖަހާލި ހޮނު ގުގުރިއެއް ފަދައިންނެވެ. އިޒާނީއަށް އެފަދަ ހިތްވަރެއް ލިބުނު ގޮތަކާއިމެދު އާޒިމް ހައިރާންވިއެވެ. އާޒިމް ޖެހިލުންވީ އެހެންވެއެވެ. އެހެނަސް އޭނާ ޒަޔާންއަށް އެކަން އަންގާކަށް ބޭނުމެއް ނުވިއެވެ.
“ޒަޔާން.. ކަލޭ ތީ މޮޔައެއްތަ؟ އިޒާނީ ބަލިވެ އިންދަ ތިކުރި ކައިވެނި ސައްހަ ނުވާނެކަން ކަލެއަށް ނޭނގެތަ؟” އާޒިމް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ކޮންމެވެސް ގޮތަކުން ޒަޔާން ބަލިކޮށްލަން އޭނާ ބޭނުންވިއެވެ. “ދެންވެސް ފިރިމީހާއޭ ކިޔައިގެން މޮޅެތި ވާހަކަ ނުދައްކާ އިޒާނީ ގެނެސް މަށާ ހަވާލުކުރޭ.” އާޒިމްގެ އަޑުގައި އެކުލެވިގެންވީ އަމުރުވެރި ރާގު ޒަޔާންއަށް ކަމަކު ނުދިޔައެވެ.
“ބަލަ، އިޒާނީ ބޭނުމެއްނުވެއޭ ކަލޭމެން ކައިރިއަށް ދާކަށް.. އޭނައަށްވެސް އެނގޭ ތީ ކިހާ އަނިޔާވެރި މީހެއްކަން..” ޒަޔާން ރައްދު ދިނެވެ. “ފުރަތަމަ އާޒިމް ޑިސައިޑް ކޮށްބަލަ އިޒާނީ ހޯދަން ތި ގުޅަނީ ކޮން ހައިސިއްޔަތަކުން ކަން… އާޒިމް އަމިއްލައަކަށް ނޫންތަ ބުނީ ތީ އިޒާނީގެ ބައްޕައެއް ނޫނޭ.. އެހެން ނޫނަސް ގާނޫނީ ގޮތުން އެއީ މަގޭ އަންހެނުން. އެހެންވީމަ އޭނަ ނުފޮނުވޭނެ.” އާޒިމްގެ އަނގަ ބަންދުކޮށްލުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. އަދި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ދޮރާއި ހަމައަށް ގޮސް ނިދާފައި އޮތް އިޒާނީއަށް ބަލަހައްޓައިގެން އޭނާ މަޑުކޮށްލިއެވެ.
ލޮއެއްބާއި ނަފުރަތަކީ މުޅިން އިދިކޮޅު ދެ އިހުސާސެވެ. ލޮއެއްބަކީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމާއި އަރާމެވެ. ނަމަވެސް ނަފުރަތަކީ ރުޅިވެރިކަމެވެ. ނުރުހުމާއި އަނިޔާވެރިކަމެވެ. މި ދެ އިހުސާސް އެކަކަށްޓަކައި އުފެދުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ޒަޔާންއަށް ވަމުންދާ ގޮތް ތަފާތެވެ. އޭނާ އިޒާނީއަށް ލޯބި ދޭން ބޭނުންވެއެވެ. ހިތްހަމަ ޖައްސައިދީ އުފަލުގައި ބަހައްޓަން ބޭނުންވެއެވެ. އެހެނަސް، މާޒީ ހަނދާންވާ ކޮންމެ ފަހަރަކު ލޯބީގެ މާ ބަގީޗާގައި ހުޅުރޯވެ އަނދަން ފަށައެވެ. އިޒާނީ ދެކެ އިންތިހާއަށް ރުޅި އާދެވެއެވެ. ރިހުން ނުފިލާ ފަދަ ތަދުތައް ދޭން ބޭނުންވެއެވެ. އެކަމަކު، އިޒާނީގެ ކުށަކީ ކޮބާ ހެއްޔެވެ؟ އޭނާއަކީ އާޒިމްގެ ދަރިއަކަށް ވުން ހެއްޔެވެ؟
ދެ ފިކުރެއްގައި ހުރެ ޒަޔާން ގޮސް އިޒާނީއަށް ގޮވިއެވެ. ރަޖާގަނޑުގެ ތެރޭގައި ފޮރުވިފައި އޮތް އޭނާގެ ހަށިގަނޑު ކަޝްފުކޮށްލަމުން އިޒާނީ ދެއަތް ހުޅުވާލިއެވެ. ޒަޔާންއަށް ދައުވަތު ދެމުންނެވެ.
“ހާދަ ބަނޑުހައޭ…” އިޒާނީގެ ގަޔާ ކައިރިކޮށްލަމުން ޒަޔާން ބުނެލިއެވެ. އެއާއެކު އިޒާނީވެސް ބަނޑުހައި ވެއްޖެ ކަމަށް ބުނެލިއެވެ. “އޯޑާރ ކުރަންވީ ދޯ؟” ޒަޔާން އަހާލިއެވެ. ހޫން އަޅުވާލަމުން އިޒާނީ ގޮސް ވަނީ ފާހާނާއަށެވެ.
“މިރޭ ވާނެ ގްރޯސަރީސް ގަންނަން ދާން ދޯ.. މާދަމާއިން ފެށިގެން ގޭގަ ކައްކަން ވާނެ.” އިޒާނީއަށް އަޑު އިވޭނެހެން ޒަޔާން ބުނެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ހަލަބޮލިވެފައިވާ މަގުތަކުން ދުއްވަމުން އައިސް ވިކާޝް މަޑުކޮށްލީ ޒޯޔާ މެން ގޭ ދޮރުމަތީގައެވެ. އޭރު އޭނާގެ އިންތިޒާރުގައި ޒޯޔާ ހުރިތަން ފެނުނެވެ. ވިކާޝް އައުމުން، އޭނާ އައިސް ވިކާޝްގެ ސައިކަލު ފަހަތައް އެރިއެވެ. އެމީހުން މިސްރާބު ޖެހީ ކާނިވާ ސަރަހައްދަށެވެ.
“މަންމަމެން ގާތު ކީކޭ ބުނެފަ ތި އައީ؟” ޒޯޔާ ގޮވައިގެން ސިޓްރޮން އަށް ވަންނަމުން ވިކާޝް އަހާލިއެވެ. މިއީ އެމީހުން އެކަނި ބައްދަލުވީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ޒޯޔާ ހުރީ ހިިސާބަކަށް ލަދުގަނެފައެވެ.
“ފްރެންޑަކާއެކީ ބޭރަށްށޭ ކިޔާފަ މި އައީ..” ޒޯޔާ އެހެން ބުނެލުމުން ވިކާޝް ބޯޖަހާލިއެވެ. އަދި ދެމީހުން ގޮސް މޫދާއި ކައިރިން މޭޒެއް ދޮށުގައި އިށީނދެލިއެވެ. ވެއިޓަރު އައުމުން ކާ އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ވިކާޝް ޒޯޔާއަށް ފުން ނަޒަރަކުން ބަލާލިއެވެ. އެވަގުތު ޒޯޔާއާއި ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ޒޯޔާ އިސް ޖަހާލީ ވިކާޝްއާއި ދިމާލަށް އޭނާ ބަލަން އިންކަން ވިކާޝްއަށް އެނގުނީތީއެވެ.
“ކިހިނެއްވެފަ ތި އިންނަނީ؟ ކުރިން ދުވަހު އުޅުނު ވަރަށް އަނގަ ގަދަ ވެގެން..” ވިކާޝް ހިނިތުންވެލަމުން މޭޒު ކައިރިއަށް ޖެހިލާ، ވާހަކަ ދެއްކިއެވެ.
“ދޮންބެއަށް އެނގޭތަ؟” ޒޯޔާ އިނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައިކަން އޭނާގެ އަޑުން ހާމަވިއެވެ.
“ހެހެ. އެކަމާ ތި ވިސްނަނީ؟” ވިކާޝް އެހެން އަހާލުމުން ޒޯޔާ އާނއެކޭ ބުނެލިއެވެ. “އެކަމާ ނުވިސްނަބަލަ.. ހީ އިޒް މައި ބެސްޓް ބަޑީ.. އޭނަ ހަމަޖައްސާލާނަން.” ހަގީގަތުގައި ޒޯޔާ ގޮވައިގެން ވިކާޝް އެތަނަށް އައީވެސް ޒަޔާންގެ ހުއްދަ ހޯދައިގެންނެވެ. އެކަމަކު ޒޯޔާއަށް އެކަމެއް ނޭނގެއެވެ. އެހެންކަމުން، އޭނާ ހިތްހަމަ ޖައްސާލުމަށް ވިކާޝް އެކި ވާހަކަ ދެއްކިއެވެ.
ޒޯޔާ ނޫން އެހެން ދިމާލަކަށް ވިކާޝްއަކަށް ނުބެލެއެވެ. އޭނާއަށް ޒޯޔާ ފުރަތަމަ ފަހަރަށް ފެނުނު ހިނދުކޮޅުން ފެށިގެން އެ ސޫރަ ވިކާޝްގެ ހިތުގައި ފެވުނެވެ. އެހެންކަމުން މިރޭ ޒޯޔާ އޭނާގެ ކުރިމަތީގައި އިނުމުން، ހިތްފުރެންދެން ޒޯޔާއަށް ބަލަން އިންނަ ހިތްވިއެވެ. ނަމަވެސް ވިކާޝް ބަލާލާ ކޮންމެ ފަހަރަކު ޒޯޔާ ލަދުން އިސްޖަހާލައެވެ. އެ ސާދާ ހަރަކާތްވެސް ވިކާޝްއަށް މިހާރު ކަމު ގޮސްފިއެވެ. ޒޯޔާއާއި ވަކިވާ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ވިކާޝްގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ޒޯޔާއާއި އެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅު ނިމުމަކަށް އަންނާތީއެވެ.
ކެއްކުމަށް ބޭނުންވާ އެއްޗެހި ގަނެގެން، އިޒާނީއާއި ޒަޔާން ގެއަށް އައި އިރު ދިހަ ގަޑި ބައި ވަނީއެވެ. ޓެކްސީގެ ޑިކީ އިން ހުރިހާ ސާމާނެއް ނެގުމަށް ފަހު ދެމީހުން އެ އެއްޗެހި ހިފައިގެން ގޮސް އެރީ ލިފްޓަށެވެ. ބައެއް ކޮތަޅުތައް ބަރު ކަމުން ލިފްޓު ތެރޭގައި ބަހައްޓާފައި ހުއްޓެވެ. ހަތަރުވަނަ ފަންގިފިލާއަށް އެރުމާއެކު ޒަޔާން ހިފައިގެން ހުރި ކޮތަޅުތައް ގެންގޮސް އެމީހުންގެ އެޕާޓްމެންޓް ދޮރު ކައިރީގައި ބެހެއްޓިއެވެ. ދެން ހުރި އެއްޗެހި ބަލާ އައި އިރު ލިފްޓު ހުޅުވާލައިގެން އިޒާނީ މަަޑުކޮށްގެން ހުއްޓެވެ.
“އިޒޫ، ގުދު ނުވެބަލަ..” ތިރީގައި އިން ކޮތަޅެއް ނެގުމަށް އިޒާނީ ގުދުވުމުން ޒަޔާން އެކަން މަނާ ކުރިއެވެ. އަދި ހުރިހާ ސާމާނެއް ގޭތެރެއަށްވެސް ވައްދައިދިނެވެ. ޒަޔާންގެ ހަރަކާތްތަކަށް ބަލަން އިޒާނީ އިނީ ހިނިތުންވެލައިގެންނެވެ. ޒަޔާންގެ ލޮއެއްބާއި އަޅާލުން ފުރިހަމައަށް ލިބެމުންދާތީ އޭނާ އިނީ ނުހަނު އުފަލުންނެވެ. ގެނައި އެއްޗެހި ބަދިގެއަށް ލުމަށްފަހު ޒަޔާން އައިސް އިޒާނީ އުނގުގައި ބޯ އަޅާލައިގެން އޮށޯވެލިއެވެ.
“ވަރުބަލިވީތަ؟” ޒަޔާންގެ ބޮލުގައި ފިރުމާލަމުން އިޒާނީ އަހާލިއެވެ. ޖަވާބުގައި އާއެކޭ ބުނުމަށް ޒަޔާންގެ ބޯ ހަރަކާތް ކޮށްލިއެވެ. އަދި އިޒާނީއަށް އެއްވެސް ވަރަކަށް ކައްކަން އެނގޭތޯ އަހާލިއެވެ.
“އައި ކޭން ޓްރައި…. ކައްކަން ފެށީމަ ދަސްވާނެ އެއްނު.” ޖަވާބު އައީ ޒަޔާން ހީކުރިގޮތަށެވެ. އިޒާނީއަކީ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމުން، ގޭތެރޭގެ ކަންކަން ކުރަން އޭނާއަށް ނޭނގޭނެ ކަން ޒަޔާންއަށް މާ ކުރިންވެސް އެނގެއެވެ. އެގޭގައި ހުރިހާ ކަމެއް ކުރުމަށްވެސް ނޯކަރުން ތިބޭކަން އިޒާނީ އޮތީ ބުނެފައެވެ. އެހެނަސް އިޒާނީ ދެރަވެދާނެ ކަމަށް އޭނާ އެކަމާއި ގުޅުވައިގެން އިތުރު އެއްޗެއް ނުބުނެއެވެ.
“ސޯ.. ދޭބަލަ ޓްރައި ކޮށްލަން.. އީޒީ އެއްޗަކުން ސްޓާޓް ކުރާނީ.” އިޒާނީގެ އަތުގައި ހިފާލަމުން ޒަޔާން ބުނެލިއެވެ. އެއާއެކު އިޒާނީގެ މޫނުމަތިން ހާސްކަން ފާޅުވެގެން ދިޔައެވެ. “ނޫޑްލްސް ހަދާ. ވަރަށް އީޒީ ވާނެ. ޕެކެޓްގަ ވެސް އިންނާނެ ލިޔެފަ ކައްކަންވީ ގޮތް.” އިޒާނީގެ އުނގުން ތެދުވަމުން ޒަޔާން ބުނެލިއެވެ. އިޒާނީ އިން ގޮތަށް އިންނަން ފެށުމުން ޒަޔާން އޭނާއަށް ގޮވާލިއެވެ.
“ދެން ދޭބަލަ… ޓްރައި ކުރީމައެއްނު އެނގޭނީ.” އިޒާނީގެ ބުރަކަށީގައި ފިރުމާލަމުން ޒަޔާން ބުނެލިއެވެ. ޖެހިލުންވެ ހުރެ ނަމަވެސް އިޒާނީ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.
ބަދިގެއަށް ވަދެވުމާއެކު އިޒާނީގެ ބޯ ހާސްވިއެވެ. އޭނާއަކީ މީން ދުވަހަކުވެސް ކާއެއްޗެއް ރޯފިލުވި މީހެއް ނޫނެވެ. މިފަދަ ދުވަހަކަށް އޭނާއަށް ތައްޔާރު ވެވިފައިވެސް ނެތެވެ. އެ ދަނޑިވަޅުގައި އޭނާ ހަނދާންވީ ޒޯޔާ މަތިންނެވެ. އަވަހަށް ޖީބުން ފޯނު ނަގާ ޒޯޔާގެ ނަންބަރަށް އޭނާ ގުޅާލިއެވެ. ދެފަހަރު ގުޅުމުންވެސް ޒޯޔާ ފޯނެއް ނުނެގިއެވެ. ނިއްކުރިމަތީ ފިރުމާލަމުން އޭނާ ފުން ނޭވާއެއް ދުކޮށްލިއެވެ. ޒަޔާންއަށްޓަކައި އެވަރު ކަމެއް ކޮށްދެވެންވާނެއޭ އޭނާގެ ހިތަށްއެރިއެވެ.
ކަބަޑުން ކުޑަ ތެއްޔެއް ނަގާ ގޭސް އުނދުން މަތީގައި އޭނާ އޭތި ބޭންދިއެވެ. އަދި ނޭވާ ހިފަހައްޓާލަމުން އުނދުން ރޯކޮށްލިއެވެ. އުނދުން ރޯ ކުރުމަށް ފަހު ތެއްޔަށް ފެން އެޅިއެވެ. އެއަށްފަހު ނޫޑްލުސްގެ ރަހަ ލައްވާ ޕެކެޓްގެ ދެ ޕެކެޓް އެއްކޮށް ފެން އެތި ތެރެއަށް އަޅާލިއެވެ. އެއަށްފަހު ކެރެޓު ކޮޅަކާއި ބީންސްކޮޅެއް ކޮށުމަށްފަހު އެވެސް އެއްކުރިއެވެ. އަދި މަސް އެޅުމަށްފަހު ނޫޑްލުސް ޕެކެޓްތައްވެސް ތެއްޔަށް އަޅާލިއެވެ. ފެން ހިނދެންދެން ކެއްކުމަށްފަހު އުނދުން ނިއްވާލިއެވެ. އެއަށްފަހު ކެއްކި ނޫޑްލުސް ދެ ތައްޓަށް އަޅާ ކާން ތައްޔާރުކުރިއެވެ. އަދި ޒަޔާންއަށް ގޮވާލިއެވެ.
“ވާއޮ.. އައިމް އިމްޕްރެސްޑް.” އިޒާނީ ކޮށްފައި ހުރި މަސައްކަތް ފެނުމުން ޒަޔާންގެ މޫނުމަތީ ލުއި ހިނިތުންވުމެއް ފާޅުވިއެވެ. އަދި ކާ މޭޒުދޮށުގައި އިށީދެ އިޒާނީ ތައްޔާރު ކުރި ނޫޑްލުސްގެ ރަހަ ބަލާލިއެވެ. ޒަޔާންގެ މޫނަށް ޖައްސާލި ވައްތަރުން ކަމެއް ގޯސް ވެއްޖެކަން އިޒާނީއަށް އެނގުނެވެ. އަދި ވީ ކީއްތޯ ސުވާލު ކޮށްލިއެވެ.
“ކުޑަކޮށް ލޮނު ގަދަ..އެކަމު އޯކޭ ހަމަ. އިޒޫވެސް އިށީނދެބަލަ ކާން.” ޒަޔާން އެހެން ބުނުމުން އިޒާނީ އޭނާގެ ތަށިން ރަހަ ބެލިއެވެ.
“ކުޑަކޮށް ނޫން.. ވަރަށް ލޮނު ގަދަ.” ފެން ފޮދެއް ބޯލަމުން އިޒާނީ ބުނެލިއެވެ. “ސޮރީ..” އަދި މައާފަށް އެދުނެވެ. މިހާ ފަސޭހަ އެއްޗެއް ކައްކަން ނޭނގުނީތީ އިޒާނީ އިނީ ލަދުގަނެފައެވެ.
“އޯކޭ ވާނެ.. ފުރަތަމަ ފަހަރުވީމަ އެއީ..” ޒަޔާން ބުނެލިއެވެ. “ޒޯ ވަރަށް މޮޅުވާނެ ކައްކަން. އިޒޫއަށް ނޭނގެންޏާ ޒޯއަށް ގުޅާފަ އަހާތި އިނގޭ ދެން ފަހަރަކުން.” ޒަޔާން އެހެން ބުނުމުން ޒޯޔާއަށް ގުޅުމުން ފޯނު ނުނެގި ވާހަކަ އިޒާނީ ބުނެލިއެވެ.
“އެހެންވީމަ ޔާންއާ ދޯ މި ޖެހުނީ..” ކާ މޭޒު ދޮށުން ތެދުވަމުން ޒަޔާން ބުނެލިއެވެ. އަދި އުނދުން ކައިރިއަށް ޖެހިލަމުން އިޒާނީއަށް ބަލާލިއެވެ. “ޔާންވެސް ވަރަށް މޮޅު ވާނެ.” ވަޅިއެއް ނަގާ އަތަށް ހެޔޮވަރުކޮށްލަމުން ޒަޔާން ބުނެލިއެވެ. އަދި އިޒާނީއަށް ކިޔާދެމުން އޭނާ އަލުން ނޫޑްލުސް ތައްޔާރުކުރިއެވެ. ޒަޔާންގެ ހަރަކާތްތައް ފަރިތަ ކަމުން އިޒާނީ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޒަޔާން ބޭރުގައި ކިޔަވަން އުޅުނު އިރު މުޅިންވެސް ކައްކަނީ އަމިއްލައަށްކަމަށް އޭނާ ބުންޏެވެ. އަދި ކާން ތިބި ވަގުތު، ކިޔަވަން އުޅުނު އިރު ދިމާވި އެކި ކަންކަމުގެ ވާހަކަ ކިޔައިދިނެވެ.
އޮފީސް މަސައްކަތް ގޭގައި ކުރުމަށް ހަދާފައިވާ ކުޑަ ކޮޓަރީގައި އާޒިމް އިނީ ފިކުރު ބޮޑުވެފައެވެ. ކުރިމަތީގައި ހުރި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އޭނާ ވިސްނަމުން އެދަނީ މިރޭ ޒަޔާން ދެއްކި ވާހަކަތަކާއި މެދުގައެވެ. މިހާތަނަށް އޭނާއަށް ގޮން ޖަހާލެވޭ ވަރުގެ މީހަކު އާޒިމްއަކާއި ދިމައެއް ނުވެއެވެ. އެހެނަސް، ޒަޔާން އޭނާ ބުނި ބަހާއި އެއްގޮތަށް އަމަލު ކޮށްފިއެވެ. އެވެސް އިޒާނީއަށް އާޒިމް ހާއްސަ ސަމާލުކަމެއް ދީގެން ބަލަބަލާ ހުއްޓައެވެ. އާޒިމް އެންމެ ޖެހިލުންވަނީ ޒަޔާން އޭނާގެ ދަރިފުޅަށް ގެއްލުމެއް ދިފާނެތީއެވެ. އެހެންކަމުން، އިޒާނީ އޭނާގެ ގާތަށް ގެންނާނެ ގޮތަކާއި މެދު އާޒިމް ވިސްނަމުންދިޔައެވެ. (ނުނިމޭ)