( 25 އޮކްޓޯބަރ 2020 އާ ގުޅޭ)
އޮފީސް މަސައްކަތް ގޭގައި ކުރުމަށް ހަދާފައިވާ ކުޑަ ކޮޓަރީގައި އާޒިމް އިނީ ފިކުރު ބޮޑުވެފައެވެ. ކުރިމަތީގައި ހުރި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އޭނާ ވިސްނަމުން އެދަނީ މިރޭ ޒަޔާން ދެއްކި ވާހަކަތަކާއި މެދުގައެވެ. މިހާތަނަށް އޭނާއަށް ގޮން ޖަހާލެވޭ ވަރުގެ މީހަކު އާޒިމްއަކާއި ދިމައެއް ނުވެއެވެ. އެހެނަސް، ޒަޔާން އޭނާ ބުނި ބަހާއި އެއްގޮތަށް އަމަލު ކޮށްފިއެވެ. އެވެސް އިޒާނީއަށް އާޒިމް ހާއްސަ ސަމާލުކަމެއް ދީގެން ބަލަބަލާ ހުއްޓައެވެ. އާޒިމް އެންމެ ޖެހިލުންވަނީ ޒަޔާން އޭނާގެ ދަރިފުޅަށް ގެއްލުމެއް ދިފާނެތީއެވެ. އެހެންކަމުން، އިޒާނީ އޭނާގެ ގާތަށް ގެންނާނެ ގޮތަކާއި މެދު އާޒިމް ވިސްނަމުންދިޔައެވެ.
މޭޒުމަތީގައި ބާއްވާފައި އޮތް ފޯނަނަށް ބަލަން އިނދެފައި އޭނާ ފޯނު ނެގިއެވެ. އަދި އިޒާނީގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ގުޅޭ ގޮތެއް ނުވިއެވެ. އިޒާނީ އޮތީ އާޒިމްގެ ނަންބަރުން އޭނާއަށް ނުގުޅޭ ގޮތް ހަދާފައެވެ. އެކަން އެނގުމުން އާޒިމްގެ މޫނުމައްޗަށް ހާސްކަން ވެރިވެގެންދިޔައެވެ. އަދި ގޮށްމުށުން މޭޒުމަތީގައި ޖެހިއެވެ.
“ކިހިނެއްވީ؟” ހުސްނާގެ އަޑަށް އާޒިމް ބަލާލި އިރު ދޮރުމަތީގައި އޭނާ ހުއްޓިލައިގެން ހުއްޓެވެ. “އިޒޫ ފޯނަކަށް ނުގުޅޭ ދޯ؟” ހުސްނާގެ އަޑުގައިވީ މާޔޫސްކަން އާޒިމްއަށް ފާހަގަވިއެވެ. އިޒާނީ އެގެއިން ނިކުމެގެން ދިޔައިންސުރެ ހުސްނާ ހުންނަނީ މޮޅިވެރިވެފައެވެ. އޭނާގެ އެ މޮޅިވެރިކަން ފިލުވާލުމަށް އެއްވެސް ކަމެއް ކުރުމަށް އާޒިމް އެވަނީ މިވަގުތު ނުކުޅެދިފައެވެ. އޭނާ އެންމެ ހާސްވާ އެއް ސަބަބަކީވެސް އެއީއެވެ. ހުސްނާ ކުރި ސުވާލުގެ ޖަވާބުގައި ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ކުރާކަށް އާޒިމްއަކަށް ނޭނގުނެވެ.
އިޒާނީއަކީ ކުޑަ އިރުންސުރެ ވެެސް ގޮތް ދޫ ނުކުރާ ކުއްޖެއްކަން އެ ދެމީހުންނަށްވެސް އެނގެއެވެ. މަގުމަތިން ދާ އިރު އިޒާނީ ކަމުދާ އެއްޗެއް ފިހާރައަކުން ފެނުނަސް އެ އެއްޗެއް ނުގަނެ ހުރިތަނުން ގުޑާވެސް ނުލާ ދުވަސް ދުވަސްވެސް ދެއެވެ. ހުރި އެންމެ އަންހެން ދަރިފުޅު ކަމުން، އިޒާނީ ބުނާ ކޮންމެ އެއްޗެއް އާޒިމް ހޯދައިދީ ހަދައެވެ. ބޮޑުވުމުން އޭނާ ވިޔަފާއިކުރުމަށް އާޒިމްގެ ކާޑު ދިނެވެ. އަދި އަށާރަ އަހަރު ވުމުން އިޒާނީއަށްޓަކައި މާ ކުރިންވެސް ހުޅުވާފަ ހުރި އެކައުންޓުގެ ކާޑު އޭނާއާއި ހަވާލު ކުރިއެވެ. މި ހުރިހާ ކަމެއްވެސް ކޮށްދިނީ ލޯބިންނެވެ. ނަމަވެސް މިއަދު އެ ލޯބީގައި ކޮޅުފައިން ޖަހާ އިޒާނީ ދިޔުމުން އެދެމަފިރިން އެވަނީ ފުން ހިތާމައަކަށް ވެއްޓިފައެވެ.
“އިޒޫ ދެން ނާންނާނެ ދޯ..؟” އާޒިމް އެއްޗެއް ނުބުނެ އިނުމުން ހުސްނާ ވާހަކަ ދެއްކިއެވެ. އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވާތަން އާޒިމްއަށް ފެނުމުން އޭނާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ.
“ނޫނޭ.. އިޒާނީއަށް އަދި ވިސްނޭނެ. ވިސްނިގެން ވަރަށް އަވަހަށް އަންނާނެ.” ހުސްނާގެ ކޯތާފަތް ތެންމާލި ކަރުންތައް ފޮހެދެމުން އާޒިމް ބުނެލިއެވެ. އޭނާވެސް އުންމީދު ކުރަނީ އިޒާނީ އަންނާނެ ކަމަށެވެ. އެހެނަސް ޒަޔާން މަތިން ހަނދާންވުމުން އޭނާ ޖެހިލުންވެއެވެ. ޒަޔާންގެ ހިތުގައި އުފެދިފައިވާ ބަދަލު ހިފުމުގެ ހުޅުގަނޑުން އިޒާނީ އަނދައިގެން ދާތަން ދެކޭކަށް އާޒިމްއަކަށް ކެތެއް ނުވާނެއެވެ.
“މީ އާޒިމްގެ ކަންތަކޭ.. އެދުވަހު އިޒޫ ދެކެ ރުޅި ނައި ނަމަ މިހާރު އޭނަ މި ގޭގަ ހުރީސް.” ހުސްނާގެ ރާގު ބަދަލުވިއެވެ. އަދި އިޒާނީ ގެއިން ނިކުތީ އާޒިމްގެ ސަބަބުން ކަމަށް ބުންޏެވެ. “އެދުވަހު އަޅެ އިޒޫއަށް ސަޕޯޓިވް ވީ ނަމަ އޭނަ ނުދާނެ. މިހާރު އެނގިއްޖެ އެއްނު ދަރިޔަކު ގެއްލުނީމަ ކުރެވޭ އިހުސާސް.. އިޒޫވެސް އުޅުނީ އޭނަގެ ދަރިފުޅު ހިމާޔަތްކުރާށޭ. އާޒިމްއަކަށް ނުވިސްނޭނެ.” ހުސްނާގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިފައިވިއެވެ.
“ހުސްނާ ދައްކާ ވާހަކަ.. މަ އެހެން ބުނީމައެއް ނޫނޭ އިޒާނީ ދިޔައީކީ. އޭނަ ހިތާވެގެން އުޅޭ ކުއްޖާ ބުނެގެން ދިޔައީ. ކޯޓުގަ ކައިވެނި ވެސް ކޮށްފި މިހާރު.” އާޒިމް އެހެން ބުނުމާއެކު ހުސްނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ، އަދި ބޭއިހުތިޔާރުގައި އޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އިޒާނީ ކައިވެނި ކުރާ ވާހަކަ ބުނި ކަމުގައިވިޔަސް އޭނާ އާޒިމްގެ ވަލީ ނުހޯދާ ކައިވެނި ކޮށްފާނެ ކަމަށް ހުސްނާއަށް ހީކުރެވިފައި ނެތީއެވެ. އެހިސާބުން އޭނާ އިޒާނީއަށް ދެވުނު ތަރުބިއްޔަތާއި މެދު ވެސް ސުވާލު އުފެދުނެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް އިޒާނީއަށް ކުދިކުދި އުނދަގޫތައް ވަމުންދިޔައެވެ. ވަރުބަލި ވުމާއި ބޮލުގައި ރިއްސުން އާންމުވިއެވެ. އެހެންކަމުން ޒަޔާންގެ އެދުމަށް އޭނާ ޑޮކްޓަރަށް ދެއްކިއެވެ. އަދި ޓެސްޓުތައް ހެދުމަށްފަހު ބަނޑުބޮޑުކަން ޔަގީންވުމުން، ސްކޭންއެއްވެސް ކުރިއެވެ. ނަމަވެސް އެވާހަކަ ގޭ މީހުން ކައިރީ ބުނަން އަދި އަވަސް ކަމަށް ޒަޔާން ބުންޏެވެ. ސްކޭން ރިޕޯޓު ލިބިގެން ގެއަށް އައިސް އޭގައި އިން ފޮޓޯއަށް ބަލަން އެތަށް އިރަކު އިޒާނީ އިނެވެ. އިރުއިރުކޮޅުން އެ ފޮޓޯގައި ބޮސްދެއެވެ. ޒަޔާންއަށް އެތަން ފެނުމުން އިޒާނީއާއި ދުރަކު ނުހުރެވުނެވެ. އޭނާ ގޮސް އިޒާނީ ކައިރީގައި އިށީނެވެ.
“ދައްކަބަލަ ޔާންވެސް ބަލާލަން..” އިޒާނީ އަތުގައި އޮތް ސްކޭން ރިޕޯޓު އަތުލަމުން ޒަޔާން ބުނެލިއެވެ. “މީން ކޯއްޗެއް ފެންނަނީ.؟” އިރުކޮޅަކު ލޯ ކުޑަކޮށްގެން އިނުމަށްފަހު އޭނާ އަހާލިއެވެ.
“މީނީ…” ޒަޔާންގެ އިނގިލި ފޮޓޯގައި އިން ވަކި ތަނެއްގައި ޖައްސަމުން އިޒާނީ ބުނެލިއެވެ. “ކިއުޓް ދޯ؟” އެއިން މާ ރަނގަޅަށް އެއްޗެއް ފެންނަން ނެތަސް، އިޒާނީ އަހާލިއެވެ.
“ހޫމް.. ވަރަށް ކިއުޓް.” ޒަޔާންއަށްވެސް ހިނިތުންވެވުނީ އިޒާނީ އެހާ އުފާވެފައި އިނުމުންނެވެ.
އެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. ގަދަ ނިދީގައި އޮތް ޒަޔާންއަށް ހޭލެވުނީ އިޒާނީ އޯކަށްދެމޭ އަޑަށެވެ. އޭނާ އަވަސް އަވަހަށް ގޮސް ފާހާނާއަށް ވަން އިރު އިޒާނީ އިނީ ފާހާނާ ކައިރީ ދެކަކޫ ޖަހައިގެންނެވެ. ޒަޔާން ގޮސް އޭނާގެ ބުރަކަށީގައި ފިރުމާލަމުން އިސްތަށިގަނޑު ހިފަހައްޓާލަދިނެވެ.
“މިހާރު އޯކޭތަ، ބޭބީ؟” އެނދުގައި އޮށޯވެލައިގެން އޮތް އިޒާނީއަށް ޖޫސް ތައްޓެއް ދިއްކޮށްލަމުން ޒަޔާން އަހާލިއެވެ. ހޫން އަޅުވާލަމުން އިޒާނީ ތެދުވެ ޖޫސް ތަށީގައި ހިފެހެއްޓިއެވެ.
ޒަޔާން ޑިއުޓީއަށް ދިޔުމުން އިޒާނީ ގޭގައި އެކަނިވިއެވެ. ޒޯޔާއަށް ގުޅަން ހިތަށް އަރާފައިވެސް ނުގުޅީ އެވަގުތު އޭނާ ސްކޫލުގައި ވާނެތީއެވެ. އިޒާނީވެސް ސްކޫލަކުން ވަޒީފާ ހޯދުމަށް ހިޔާލަށް އައީ އެވަގުތެވެ. އޭރުން ފޫހިވެގެން އުޅޭކަށް ނުޖެހޭނެއެވެ. ނަމަވެސް މިހާރު އޭނާއަށް ވަމުންދާ އުނދަގޫތަކާއިއެކު އެންމެ ރަނގަޅަށް ވަޒީފާ އަދާ ނުކުރެވޭނެއޭ ހިތަށް އެރިއެވެ. ޒަޔާންވެސް އެކަމާ ގަބޫލު ނުވާނެކަން އިޒާނީއަށް އެނގެއެވެ. އެހެންކަމުން އެ ހިޔާލު ދޫކޮށްލީއެވެ. އަދި ފޯނުން ފޭސްބުކަށް ވަދެލާ ރަހުމަތްތެރިއަކާއި ވާހަކަ ދައްކަން ފެށިއެވެ.
ޒަޔާން އެނބުރި ގެއަށް އައީ އިރު އޮއްސުނު ވަގުތެވެ. އޭރު އިޒާނީ އޮތީ ސިޓިންގރޫމު ސޯފާގައި ނިދިފައެވެ. އޭނާގެ ފޯނު، ތިރީގައި އަޅާފައި އޮތް ކާޕެޓް މައްޗަށް ވެއްޓިފައި އޮތެވެ. ޒަޔާން ގޮސް އެއްޗެހި ބަދަލު ކޮށްގެން އައިސް އިޒާނީއަށް ގޮވުމުގެ ކުރިން، ވެއްޓިފައި އޮތް ފޯނު ނަގާ ބަލާލިއެވެ. އޭގައި މެސެންޖާއިން އައިސްފައި ހުރި ބައިވަރު މެސެޖް ތަކެއް ހުއްޓެވެ. ފިރިހެން ކުއްޖެއްގެ ނަން އަރާފައި އޮތުމުން ޒަޔާންއަށް ދެބުމަ ގޮށްޖަހާލެވުނެވެ. އޭނާ ވަގުތުން އިޒާނީއަށް ގޮވާ ހޭލައްވާލިއެވެ.
“މި ފޯނު ހުޅުވަބަލަ..” އިޒާނީގެ ފޯނު ދިއްކޮށްލަމުން ޒަޔާން އެދުނެވެ. އިތުރު ސުވާލެއް ކުރުމެއް ނެތި އިޒާނީ ފޯނުގައި އިނގިލި ޖައްސާލުމާއެކު ފޯނު ހުޅުވުނެވެ. އިޒާނީ ހައިރާންވީ ކުރިން ދުވަހަކުވެސް ޒަޔާން އެފަދަ ކަމެއް ކޮށްފައި ނުވާތީއެވެ. އޭނާ އިޒާނީގެ ފޯނު ބަލަމުން ދިޔަ ވަރަކަށް އިޒާނީގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ.
“ކިހިނެއްވީ؟” އެންމެ ފަހުން އެއްޗެއް ނުބުނެ ނީނދެވިގެން އިޒާނީ އަހާލިއެވެ.
“މީ ދޯ މަ ޑިއުޓީއަށް ދިޔައީމަ ކުރާ ކަމަކީ…” ފޯނުގެ ސްކްރީން އިޒާނީއަށް ދައްކާލަމުން ޒަޔާން ބުނެލިއެވެ. “ފިރިހެނުންނާ ވާހަކަ ދެއްކުން ދޯ.” ޒަޔާން އިނީ ހިތް ހަމަ ނުޖެހިފައިކަން އޭނާގެ މޫނުމަތިންވެސް ފާހަގަވިއެވެ. އިޒާނީގެ ފަރާތުން ކުށެއް ނުފެނިފައި އިން ކަަލައެވެ. އެވަގުތު އިޒާނީގެ އަނގައިން އާހެއް ބޭރުވެގެން ދިޔައެވެ. ޒަޔާން އޭނާއަށް އެފަދަ ޝައްކެއް ކޮށްފާނެ ކަމަށް އޭނާ ހިޔެއް ނުކުރެއެވެ.
“ތީ ކޮލެޖް ފްރެންޑެކޭ…” އަމިއްލަ ދިފާއުގައި އިޒާނީ ބުނެލިއެވެ. އަދި ޒަޔާން ކައިރިއަށް ޖެހިލަމުން އޭނާގެ ގައިގައި ބައްދާލަން އުޅުނެވެ. އެހެނަސް ޒަޔާން ޖެހެލީ ދުރަށެވެ.
“ކޮންމެހެން މަ ގައިގަ ބައްދާނެ ކަމެއް ނެތް.. ކޮލެޖް ފްރެންޑާ ޗެޓް ކުރަން އޮވޭ.” އިޒާނީ ކައިރީގައި ފޯނު ބާއްވަމުން ޒަޔާން އެތަނުން ދިޔުމަށް ހިނގައިގަތެވެ. އިޒާނީ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒަޔާންގެ ފުރަގަހުން އޭނާގެ ގައިގައި އޮޅުލައިގަތެވެ. އަދި ތަކުރާރުކޮށް މައާފަށް އެދުނެވެ.
“ޒަޔާން ގަބޫލުކޮށްބަލަ.. ތި ހީކުރާ ކަހަލަ ކަމެއް ނެތޭ.. ހީ އިޒް ޖަސްޓް އަ ފްރެންޑް. ޓްރަސްޓް މީ.” ޒަޔާންގެ ބުރަކަށީގައި މޫނު ޖައްސާލައިގެން ހުރެ އިޒާނީ ވާހަކަ ދެއްކިއެވެ. އޭނާ ޒަޔާންއާއި އަރާރުން ވާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ ވާޙަކަ ދެއްކީ މަޑުމައިތިރިކަމާއެކު، ލޯބިންނެވެ.
“އެހެންތަ؟ ޖަސްޓް ފްރެންޑްސް ލޯބީ ބޭބީ ކިޔާފަ ވާހަކަ ދައްކާ ކަމެއް މަށަކަށް ނޭނގެ..” އިޒާނީ ދެއްކި ވާހަކައިން ޒަޔާން އިތުރަށް ރުޅި ގަދަވުން ނޫން ކަމެއް ނުވިއެވެ. އޭނާގެ އުންގަނޑުގައި ވަށާލެވިފައި އޮތް އިޒާނީގެ އަތް ގަދަކަމުން ނައްޓުވާލުމަށްފަހު ޒަޔާން ގެއިން ނިކުމެގެން ދިޔައެވެ. ގުޑިލަންވެސް ނޭނގިފައި އިޒާނީ ހުރީއެވެ. (ނުނިމޭ)