ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ

ރަންގަލަން ރިޕޯޓް އަރކައިވް ފަހުގެ

ޝަހީދުންގެ ހޫނު ލޭ ޖެހުމުން ބިންގަނޑު ސިހިގެން ދިޔައެވެ. ވެލިފުކަކަށް ފަހު ވެލިފުކެއް އެ ލެއިން ރަތްވެ ފޯވަމުން ދިޔައެވެ. ކޯރު ދެމެމުން ގޮސް އެ ލޭ ހިނދެންފެށިއިރު ކޮންމެ ވެލި ފުކެއް ވެސް ދިޔައީ ރޮމުންނެވެ. އެ ހިނދު ދިވެހި ފަސްގަނޑު ބުންޏެވެ. ދަރިންނޭވެއެވެ. ނުރޯށެވެ. އެ ބޭފުޅުންނަށް ޓަކައި އުފާކުރާށެވެ. އެ ބޭފުޅުން އެ ދައްކައިދިނީ ދީނާއި ޤައުމަށް އޮތް ލޯތްބެވެ. މި ޤައުމުގެ ޙައްޤުގައި ޤުރުބާންވެ، ފިދާވާން ކެރޭ ދަރިން އަދިވެސް ތިބިކަމެވެ. މި ޤައުމުގެ ރޫޙު މަރުނުވާކަމެވެ. މި ޤައުމުގެ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙުގެ ވިންދު ޖަހާ ކަމެވެ. އަހުރެންގެ އޮތީ އެންމެ އާދޭހެވެ. އެ ބޭފުޅުގެ ހަނދާނާއި ޒިކުރާ އާކޮށްދޭށެވެ.

1988 ނޮވެންބަރު 3 ވަނަ ދުވަހު ދުޝްމަނުން ދިން ނިރުބަވެރި ހަމަލާއާއި ހިތްދަތި އަސަރުގަދަ އެ ހާދިސާގެ މަތިން މި ބިމާއި މި ބިމުގެ ދަރިން ހަނދާނެއް ނުނެތެއެވެ. ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަކީ މީގެ ހެއްކެކެވެ. ދަލީލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފެންނަ ފެނުމަށް އެއީ ފާރުން ކަނޑާފައިވާ ނިކަން ބޮޑު ބާގަނޑެކެވެ. އެ ބާގަނޑުގެ އެތެރެއިން ފެންނަނީ ބިޔަ އައްޑަނައެކެވެ. ބިނާގެ ފުރިހަމަކަމާއި މާނަތައް ގުޅިފައިވަނީ ޖަހާފައިވާ ޝަރަފުވެރި ދިވެހި ޤައުމީ ދިދަތަކާއި ބިނާގައި ދައްކައިދީފައިވާ ފަރުމާތަކުން ރަމުޒުކުރެވޭ ގުޅިލާމެހިފައިވާ މާނައާއެވެ.

ބިނާގައިވާ އައްޑަނައިގެ މައިގަނޑު ފަރުމާއަކީ ދީނާއި ޤައުމަށް ޓަކައި ދުޝްމަނުންނާ ދެކޮޅަށް އެތައް ހަނގުރާމައެއް ކުރައްވައި ނަޞްރާއި ފަތަޙަ ހޯއްދަވާފައިވާ ހުރަވީ ދުވަހުގެ ޤައުމީ ބަޠަލު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ އައްޑަނަކޮޅު އަސްލަކަށް ބަލައިގެން ކޮށްފައިވާ ފަރުމާއެކެވެ. އެ އައްޑަނަ ރަމުޒުކޮށްދެނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ދިފާޢުގައި ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދެވެ. ދުޝްމަނުން ދިން ވަރުގަދަ ޙަމަލާ ތަކުން ސިފައިންގެ މައި މަރުކަޒުގެ ފާރު އެ ދުވަހު ފޫއަޅުވާ ލެވުނަސް، ދިވެހި ސިފައިންގެ ޢަޒުމަށް ކުޑަ ނަމަވެސް ގުޑުމެއް އަރުވާ ނުލެވުނު ކަމެވެ.

ދިވެހި އަސްކަރިއްޔާގެ މައި މަރުކަޒު ވަށައިގެން ލެވިފައިވާ ބޯ ފާރަކީ މާއްދީ ދިފާޢެކެވެ. އެ މާއްދީ ފާރުން ބާގަނޑެއް ހައްދާލެވުނަސް ދުޝްމަނުންނަށް ދިވެހި ސިފައިންގެ ރޫޙާނީ އަޤީދާ އެ ދުވަހު ފޫއަޅުވާލެވިފައެއް ނުވެއެވެ. އެ ދުވަހު ދުޝްމިނުން ބަލިވެ ދިވެހީންނަށް ނަޞްރު ލިބިގެން ދިޔަ މައިގަނޑު ސަބަބަކީ އެއީއެވެ. މާތް ﷲގެ ވާގިފުޅާއެކު ދުވަހަކު ވެސް މި ޤައުމުގެ ދުޝްމަނުންނަށް ދިވެހި ސިފައިންގެ އަޤީދާއަށް ގުޑުމެއް އަރުވައެއް ނުވާނެކަމެވެ.

އައްޑަނައިގެ ވަށައިގެންވާ ލިޔުމުގައި ވަނީ މާތްﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ ޝަހީދުންނަށް ހުރި މަތިވެރި ދަރުމައިގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އާޔަތާއި އެ އާޔަތުގެ ދިވެހި ތަރުޖަމާއެވެ. އެއީ އާލްޢިމްރާން ސޫރަތުގެ 169 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ. “اللَّه ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒުޤުލިބޭ ހާލު، ދިރިތިބި ބަޔެކެވެ.”

އައްޑަނައިގައިވާ ލިޔުންތަކުން ރަމްޒުކޮށް ދެނީ ދިވެހި ސިފައިންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބި ބައެއްކަމެވެ. ދިވެހި ސިފައިންނަކީ ދީނާއި ޤައުމަށް ޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވުމަށް އަބަދުވެސް ތައްޔާރަށް ތިބި ބައެއްކަމެވެ. ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިން އެކަން ސާބިތުކޮށްދިންކަމެވެ.

ބިނާގައި މައުންޓްކޮށްފައި ހުންނަ ޤައުމީ ދިދައިގެ އަށް ދިދައިން ރަމުޒުކޮށް ދެނީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ހިތްވަރުގަދަ ދިވެހި ސިފައިންގެ އަށް ބޭފުޅުންނެވެ. އެ ދިދަ ތަކުގެ ބިއްދޮށު ފާރުން ފާޅުވާ އަށް ތަނބާއި އަށް މާބޮނޑި (ރިތު) ރަމްޒުކޮށް އާކޮށްދެނީ މި ވަޠަންގެ ޙައްޤުގައި ފިދާވެ ދިޔަ ސިފައިންގެ މަތިވެރި ޤުރުބާނީގެ ޒިކުރާއެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި ދުޝްމިނުން ދިވެހީންގެ ތެރެއިން 19 ބޭފުޅުން ޝަހީދުކޮށްލިއެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ އަށް ބޭފުޅުންނާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭފުޅުންނެވެ. މި ބިނާގައި އެ ހުރިހާ ބޭފުޅުންގެ ނަންފުޅުތަކާއި ބިނާއާ ބެހޭ ކުރު ތަޢާރަފެއް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައިވާ ދެ ގައު ބާއްވާފައިވެއެވެ.

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ދުޝްމަނުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި އިސްލާމްދީނާއި މި ލޮބުވެތި ވަޠަންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ދިފާޢުގައި ދިވެހި ދަރީން ކޮށްފައިވާ މަތިވެރި ޖިހާދާއި، ވެފައިވާ އަގުނުކުރެވޭފަދަ ޤުރުބާނީގެ ޒިކުރާ އާކުރުމަށް ޤާއިމުކުރެވިފައިވާ ބިނާއެކެވެ. މި ބިނާ ފަރުމާ ކުރެއްވީ އެމްއެންޑީއެފް ގެ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމެވެ. މި ބިނާ ފަރުމާކުރައްވާފައި ވަނީ ސިފައިންގެ މައި މަރުކަޒަށް ނިރުބަވެރިން ވަދެގަތުމަށް ޓަކައި ވަށާފާރުގެ ހުޅަނގު ދެކުނުކަން ގޮއްވާލައި، ފޫއަޅުވާލި ބާގަނޑުގެ ނަކަލު ދައްކައިދޭގޮތަށެވެ. އެކަމަކު އަސްލު ބާގަނޑުގެ ސައިޒަށްވުރެ މާ ބޮޑުކޮންނެވެ. އެ ބިނާގެ މަފްހޫމާއި އެ ބިނާ ހުރިތަކާ ވަނީ ގުޅުވާލައްވާފައެވެ. ބިނާ އެހެރީ ދުޝްމަނުން ގޮއްވާލި ބާގަނޑުހުރި ތަނުގައެވެ.

މާނަފުން އަދި އެހާ ރީތި މި ބިނާގެ އާކިޓެކްޗަރަކީ ކެޕްޓަން މުޙައްމަދު ޝިފާޢުއެވެ. ބިނާ ހެދުމަށް ކުރި މަސައްކަތުގެ ޕްރޮޖެކްޓް މެނޭޖަރަކީ ވޮރަންޓް އޮފިސަރ3 އައިމިނަތު ޢަލީ އެވެ. ބިނާ ހެދުމުގެ ޢަމަލީ މަސައްކަތް ފެށުނީ 2012 ސެޕްޓެންބަރު 22 ވަނަ ދުވަހުއެވެ. ބިނާ ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވުނީ 2 ނޮވެންބަރު 2012 ގައެވެ. މި ބިނާ އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި 2012 ނޮވެންބަރު 2 ވަނަ ދުވަހުގެރޭ ސަލްޓަންޕާކް ކުރިމަތީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަނެވެ.

އޭގެފަހުން ދިވެހިރާއްޖޭގެ ފަޚުރުވެރި ކޮންމެ ނަޞްރުގެ ދުވަހަކު އެ ބިނާގައި އަންނަނީ ދިދަ މައުންޓް ކުރުމުގެ ޚާއްޞަ ރަސް މިއްޔާތެއް ބާއްވަމުންނެވެ. ސިފައިންގެ ރަސްމީ ޢިއްޒަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ މައުންޓްކުރެވެއެވެ. ޝަހީދުގެ ޝަރަފުގައި ހަތް ބަޑީގެ ސަލާމެއް އެރުވެއެވެ. ތިނެއް ނޮވެންބަރުގެ ޝަހީދުންގެ ހަނދާނާއި ޤުރުބާނީއާއި ޝަރަފަށް ޓަކައި ރަސްމިއްޔާތުގެ ހުރިހާ ބައިވެރިން ވެސް މަޑުމަޑުން އިސްޖަހާލައެވެ. އެ ހިނދު އެ ވެރިވާ ހަމަ ހިމޭން ކަމުގައި މި ލޮބުވެތި ވަޠަނުގެ ފަސްގަނޑު ބުނާ ކަހަލައެވެ. ދަރީންނޭވެއެވެ. އެ ޝަހީދުންގެ ހިތްވަރުން ހިތްވަރު ލިބިގަންނާށެވެ. އެ ބޭފުޅުން ނަމޫނާއަކަށް ބަލާށެވެ. އެ ބޭފުޅުންގެ ހަނދާނާއި ޒިކުރާ އާކޮށްދޭށެވެ. (ނިމުނީ)

ނޯޓް: މިއީ ފޭސްބުކްގައި 30 އޮކްޓޯބަރ 2020 ވަނަ ދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ