މިނޫން ގޮތެއް ހަނިމާދޫ އެއަރޕޯޓަށް ހަމަ ނެތީހޭ!

ހަނިމާދޫ ރިޕޯޓް ފަހުގެ

1990 ވަނަ އަހަރު ހުޅުވިގެންދިޔަ ހަނިމާދޫ އެއާޕޯޓަކީ މިހާރު “ޖިފުޓި” އެކޭ ބުންޏަސް ހަމަ ރަނގަޅުވާނެއެވެ.

އެދުވަސްވަރު ރާއްޖޭގެ ޒަޢާމަތުގައި ހުންނެވި ވެރިޔާ ހަނިމާދޫއާއި އުތުރުގެ ރައްޔިތުންނަށް ދައްކަމުން ގެންދިޔަ ހުވަފެނަކީ ބޭރު ކަރަތަކަށް ދަތުރު ކުރެވޭ ފެންވަރަށް ހަނިމާދޫ އެއާޕޯޓް ތަރައްގީ ކޮށްދޭނެކަމުގެ ހުވަފެނެވެ. އެމަނިކުފާނުގެ ވެރިކަން ނިމި ޑިމޮކްރަސީގެ ބައްޕަ ކަމަށް ދައުވާކުރަމުން އަދި ލާމަރުކަޒުކުރުމުގެ ހުފަވެން ދައްކަމުން ރާއްޖޭގެ ވެރިކަމާ ހަވާލުވި މަނިކުފާނުވެސް އެއަރޕޯޓުގެ ހުވަފެން ދެއްކިއެވެ. އަމިއްލަފުޅަށް ވެރިކަން ދޫކޮށްލުމުން އެމަނިކުފާނުގެ ނައިބު ވެރިކަމާ ހަވާލުވެ، ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރެއްވިއެވެ. އެއީ 2013 ވަނަ އަހަރުގައެވެ. ހަނިމާދޫއިން ފުރައިގެން ބޭރު ކަރަ ކަރައަށް ދާން ކެތްމަދުވެފައި ތިބި މީހުންނަން 2013 ވަނަ އަހަރުގައި ވަނީ ހިންދޫކުރައަށް ދަތުރުކުރުމުގެ އުފާ ލިބިފައެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުން ދަތުރުކުރެވުނީ ހަމައެކަނި އިންޑިއާއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ އެއަރޕޯޓުގެ އެހާރާ މިހާރު

އެއަށްފަހު ވެރިކަމާ ހަވާލުވީ، ބައެއް މީހުންގެ ނަޒަރުގައި ތަރައްްގީގެ ބާނީއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުނުއިރުވެސް، އެއަރޕޯޓުގެ ހާލަތަކަށް ބަދަލެއް ނާދެއެވެ.

މިހާރު ހިނގަމުންމިދާ ވެރިކަމުގައި ހުންނެވި ބޭފުޅާ ވެރިކަމާ ހަވާލުވީވެސް އެއަރޕޯޓުގެ ހުވަފެން ދައްކަމުންނެވެ. އަދި ޖަޒީރާގެ ޝިޢާރާއެކީގައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެއަރޕޯޓަކަށް ބަދަލެއް ނާދެއެވެ.

ފެެންނަން އޮތް ހަގީގަތަކީ އެެއަރޕޯޓު ހުޅުވީއްސުރެ ވެރިކަމާ ހަވާލުވާ ކޮންމެ ބޭފުޅަކުވެސް އުތުރުގެ ރައްޔިތުންނަށް ދައްކާ އެންމެ ބޮޑު ހުވަފެނަކީ އަދި ވެވަޑައިގަންނަވާ ވައުދަކީ ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރަށް އެއަރޕޯޓު ތަރައްޤީ ކޮށްދޭނެކަމުގެ ހުފެނެވެ. އަދި ވައުދެވެ. އާޚިރުގައި މިކަންވަނީ ބިލާހަކަށެވެ. ނުފުއްދައިދޭ ވައުދަކަށެވެ.

ދިވެހި ރާޖެއިން ކޮވިޑް-19 ފެނި ބޯޑަރު ބަންދު ކުރުމާ ގުޅިގެން ހަނިމާދޫއިން އިންޑިޔާއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިއެވެ. ހިތާމައަކީ ބޯޑަރު ހުޅުވާލިފަހުން އެތަކެއް ދުވަސްތަކެއް ވެގެންދިޔައިރުވެސް ދަތުރުތައް އަލުން ފަށާފައިނުވުމެވެ.

މިއަހަރު ހަނިމާދޫ އެއާޕޯޓަށް 30 އަހަރު ފުރޭއިރު އެތަނުގައި އަދިވެސް އޮތީ އެތަން ހުޅުވިއިރު އޮތް 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެވެ.

ހަނިމާދޫ އެއަރޕޯޓުގެ އެހާރާ މިހާރު

އެއަރޕޯޓުން ފުރާ މީހުންނާއި އަންނަ މީހުން ބޭނުންކުރާ ގިމަތައަަށް ނަޒަރު ހިންގާލާއިރު ފެންނަ ހަގީގަތަކީ ގިމަތައަކީވެސް މީގެ 30 އަހަރު ކުރިން އިމާތްރާތްކޮށްފައިވާ އާދައިގެ ކުޑަ އިމާރާތެއްކަމެވެ. އެތަނުގެ އެތެރެ ފާރުތައް ތަޅާ އެތަނަށް އެގޮތް މިގޮތަށް އެކި ފަހަރު ބަދަލު ގެނެސްފައިވެއެވެ. ނަމަވެސް ހަމަ ހުރީ އެއްކަލަ 30 އަހަރުގެ ގިމަތައެވެ. އެއްފަހަރާ 50 މީހުންނަށް ހިދުމަތް ދޭން ޖެހިއްޖެއްޔާ އޮންނަނީ ތަން ކޮށްގަނެފައެވެ. އެެއަރޕޯޓަށް އައިސްގޮސްވާ ފުލައިޓުތަކަކީ 30 ހާއި 50 މީހުންގެ ޖާގައިގެ ފުލައިޓުތަކެވެ. ފުލައިޓު ޖައްސާއިރު، އެ ފުލައިޓުން ފުރާ ފަސިންޖަރުންގެ ކަންކަން އޮންނަނީ ކުރަންޖެހިފައެވެ.

އިންޑިޔާއަށް ދަތުރު ކުރިއިރު އެއްވަގުތެއްގައި 2 ފުލައިޓުގެ ދަތުރުވެރިންނަށް ހިދުމަތް ދޭންޖެހުނު ފަހަރުތަކުގައި ގިމަތަ ފުރި އެތަނަށް ލަގެޖު ވައްދާނެ ޖާގަ ނެތިގެން ގިމަތައިގެ ބޭރުގައި ލަގެޖުތައް ބަހައްޓައިގެންނާއި އެތަނާ އިންވެއިންނަ ގޭޓުން ދަތުރުވެރިން ނެރެގެންވެސް ހިދުމަތްދީފައި އެބަހުއްޓެވެ. މިއީ ދޮގެއްތޯ އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ކައިރިން އަހާބަލާށެވެ. މިކަން ހިގާ ދިޔަކަން ވަރަށް ސާފުކޮށް އިނގޭނެއެވެ.

ގިމަތައާ އިންވެއިންނަ ގޭޓު

ކޮވިޑް 19 ރާޖެއިން ފެނިގެން އެއާޕޯޓު ބަންދު ކުރުމަށްފަހު ޖުލައި މަހު ހުޅުވީސްސުރެ އެތަނުގައި ބަހައްޓާފައިވާ ދަތުރުވެރިންގެ ލަގޭޖް ޗެކުކުރާ އެކްސްރޭ މެޝިނާއި، އަތްދަބަސް ޗެކުކުރާ މެޝިނު ހުރީ ހަލާކުވެފައެވެ. އަދު ނޫން މާދެން ހެދޭނެ ކަމުގެ ހުވެފެން ދައްކާލަ ދައްކާލަ ވެރިން ހަމަ ތިބެނީއެވެ. އެއަރޕޯޓުތަކުން ދަތުރުވެރިންގެ ލަގެޖު އެކްސްރޭކޮށް ޗެކްކުރަނީ ފުލައިޓާއި ހުރިހާ ދަތުރުވެރިންގެ ރައްކަލަކަށެވެ. މިގޮތުން، އެކްސްރޭ ނުކުރެވޭނަމަ އޮތީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ. މިފަދަ އަސާސީ ހިދުމަތެއް ނުލިބޭނަމަ، އެއަރޕޯޓު ހިންގުމަކީ ގަވައިދުގެ ހުދޫދުން ހެއްޔެވެ. އަަޅެ ފަހެ، ހުރިހާ ފޮށިތަކެއް ހުޅުވައިގެން ބެލުމަކީ ވާނެކަމެއް ހެއްޔެވެ. ދަތުރުވެރިންގެ ހައްގުގައި އެންމެ އިންސާފުގޮތް ހެއްޔެވެ.

މިކަމުގެ ސަބަބުން އެއަރޕޯޓުން ހިދުމަތް ހޯދާ ދަތުރުވެރިންގެ ލޭ ހޫނުވެ ޒުވާބު ކުރާ ފަހަރުތައްވެސް ދެއެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ. ދަރިނަށާއި އާއިލާއަށް ފޮނުވުމަށް ނަލަކޮށް ބަންދުކޮށްގެން ގެންދާ ޕާރުސަލުތައްވެސް އާއްމުކޮށް ކަނޑަން ޖެހެނީއެވެ. ފޮށި ގަނޑުގައި ހުރިހުރިހާ އެއްޗެއް ވަކިވަކިން ނަގަން ޖެހެނީއެވެ. އެކްސްރޭކުރެވެން ނެތިއްޔާ މިނޫންގޮތެއްވެސް ހަމަ ނޯންނާނެތާއެވެ. މިކަމުގެ ޝަކުވާވެސް ވެރިންނާ ހަމައަށް އެތައް ގޮތަކުން ގެންދެވިއްޖެކަމަށް އެތަނުގެ މުވައްޒަފުން ބުނެއެވެ. ވީކަމައެއް ހަމަ ހަރާމެވެ. އަދުނޫން މާދެން ހައްލުކުރާނެކަމުގެ ހުވަފެން ދައްކާލަ ދައްކާލަ ވެރިން ތިބެނީއެވެ.

ހަލާކުވެފައިވާ ދަތުރުވެރިންގެ ލަގެޖް ޗެކުކުރާ އެކްސްރޭ މެޝިން

ހަނިމާދޫ އެއާޕޯޓުގެ ޓާމިނަލުގެ މުވައްޒަފުނަން ބަލާއިރު ތިބީ މުޅިންވެސް ލޭބަރުންގެ ނަމުގައި ތިބި މުވައްޒަފުންނެވެ. އެކަމަކު އާއްމުކޮށް އެއަރޕޯޓުތަކުގައި ފުލައިޓަށް އަރުވާބާލައި ލަގެޖުތައް އުފުލުމަށް ތިބެނީ ލަގެޖް ހޭންޑްލިން މުވައްޒަފުންނެވެ. ފުލައިޓަށް ހިދުމަތްދޭން ގްރައުންޑު ސްޓާފުންނެވެ. ދަތުރުވެރިންނަށް ހިދުމަތްދޭން ޕެސެންޖަރ ސަރވިސް މުވައްޒަފުންނެވެ. ނަމަވެސް ހަނިމާދޫ އެއަރޕޯޓުގައި ތިބީ ކުނިކަހަންވެސް ގުރައުންޑުގައި މަސްކަތް ކުރަންވެސް ހަމަ ލޭބަރުންގެ މަގާމުގައި ތިބި މުވައްޒަފުންނެވެ. މިވެސް މިތަނަށްވީމާ އެކަން އޮންނަން ޖެހޭގޮތް ކަންނޭގެއެވެ.

އޭރުވެސް މިހާރުވެސް ލަގެޖު ކިރާގޮތް

އަދުގެ ސަރުކާރުން މިއަދުވެސް ކެނޑި ނޭޅި ދައްކާ އެއް ހުވަފެނަކީ ބޮޑެތި ބޯޓް ފަހަރު ޖެއްސޭވަރަަށް ހަނިމާދޫ އެއަރޕޯޓު ތަރައްްޤީކުރާނެކަމެވެ. އެހެން ނަމަވެސް އެތަނުގައި މަސައްކަތްކުރާ ހާލަތުގައި ހުރުން ލާޒިމު މެޝިންތައް ހަލާކުވެ 4 މަސް ވެގެންދިޔައިރުވެސް ހައްލުނުކުރެވުނެވެ. އެވަރުކޮށްނުލެވޭއިރު އެބުނާ ވައުދު ފުއްދިދާނެކަމާމެދު ސުވާލު އުފެއްދުން ހައްގެއްނޫން ހުއްޔެވެ. ހަމަ ޔަގީނުންވެސް 20 ވަރަކަށް އިންޑިއާ ސިފައިން ހަނިމާދޫގައި ގާއިމުވެތިބެވޭނެ ގޮތް ސަރުކާރުން ހަދައިފިއެވެ. އެއީ މި ސަރުކާރުގެ ސިޔާސަތުގައި އޮތްގޮތުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަނީ އިންޑިއާ ސަރުކާރުންކަމަށް ވާތީކަމަށްވެސް ވެދާނެއެވެ.

މީގެ އިތުރުން ދިވެހިންނަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަރުކާގެ އަޝްކަރީ ފުލައިޓު ކޮންމެ ދުވަހަކުހެން ދަތުރު ކުރަމުންދާއިރު، ގެންދަނީ ހަނިމާދޫ އެއަރޕޯޓުގެ ބޭނުންކުރަމުންނެވެ. ދިވެހި ދައުލަތުގެ ނިޝާނާއި ދައުލަތުގެ އެންމެ ޝަރުފުވެރި މުވައްސަސާގެ ނަން ޖަހާފައިވާ މިބޯޓުގައި މުޅިންކަހަލަ ގޮތަކަށް ދަތުރުކުރަނީ ހަމައެކަނި އިންޑިއާ މީހުންކަމަށް އެތަނުގެ މުވައްޒަފުން ބުނެއެވެ.

އިންޑިއާ ސިފައިން، އަދި ހަދިޔާކުރި ބޯޓް

ހަނިމާދޫ އެއަރޕޯޓު ތަރައްޤީ ކުރާނެކަމުގެ ހުވަފެނަކީ ކޮންމެ އިންތިހާބަކާ ދިމާކޮށް އުތުރުގެ ރައްޔިތުންނަށް ދައްކާ ބިލާހެކެވެ. ފުއްދުމުގެ ގަސްދެއްނެތި ވާ ވައުދެކޭ ބުނުމުގެ ހައްގުއޮތް ކަމެކެވެ. އޮޅުވާލާ އޮޅުވާލުމެކޭ ބުނުމުގެ ހުއްގުވެސް އޮތްކަމެކެވެ. ގަސްދެއް އޮތްނަމަ، އޮޅުވާލުމުގެ ނިޔަތް ނެތްނަމަ، 30 އަހަރު ވެރިކަން ކުރެއްވިއިރު މިތަން ނުހެދޭނެ ހެއްޔެވެ. ބޮޑެތި ބުރިޖުތަކާ އިމާރާތްތައް މާލެ ސަރަހައްދުގައި ބިނާކުރެވުނުއިރު، މިތަން ތަރައްގީނުކުރެވޭނެ ހެއްޔެވެ. ފްލެޓު ދޮންބެއޭ ބުނެ ފުލެޓުތައް އެޅުނުއިރު މިތަނަށް ހަމަ ކުޑަނަމަވެސް ގޮތެެއް ހަދާނުލެވޭނެ ހެއްޔެވެ. ވިލިމާލެ ބުރިޖުގެ ސަރވޭގެ މަސައްކަތާއި މާލެ ސަރަހައްދުގައި އިތުރު ސުކޫލުތައް އިމާރާތްކުރަން ފެށުނުއިރު، މިތަނުގެ ތަރައްގީގެ އަމަލީ މަސައްކަތް ވެރިކަމަަށް 2 އަހަރު ވެގެން ދިޔައިރު ނުފެށޭނެ ހެއްޔެވެ. ހަނިމާދޫ އެއަރޕޯޓަށް މިނޫން ގޮތެއް ހަމަ ނެތީ ހެއްޔެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ