މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި … ބައެއް މުދައްރިސުންގެ ބައެއް ހަނދާންތައް

މީހުން ފަހުގެ

އާންމު ގޮތެއްގައި މުދައްރިސުންގެ ދުވަސް ފާހަގަކުރެވެނީ އޮކްޓޯބަރު ފަހެއްގައެވެ. ނަމަވެސް، ބައެއް ގައުމުތަކުގައި މުދައްރިސުންގެ ދުވަސް އެހެން ތާރީޚުތަކުގައި ވެސް ފާހަގަކުރެވެއެވެ. މިފަދަ އެހެން އެއް ތާރީޚަކީ އޮކްޓޯބަރު ތިރީހެވެ. އާދެ، މިއަދެވެ. މުދައްރިސުންގެ ދުވަސް، ކޮންމެ ތާރީޚެއްގައި ފާހަގަކުރެވުނަސް، އެ ފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މުދައްރިސުންގެ މަތިން ހަނދާންކޮށް މުދައްރިސުންގެ އަގުވަޒަންކުރުމެވެ. އެ ގޮތުން، މުދައްރިސުންގެ ދުވަހުގައި، އަޅުގަނޑުގެ ދެތިން މުދައްރިސެއްގެ މަތިން ހަނދާންކޮށްލަން ގަސްދުކޮށް، މި ލިޔުން ލިޔެލަމެވެ. އެބޭކަލުންގެ ވާހަކަތައް ހަނދާނުގައި ހަރުލައި، އެބޭކަލުންގެ އަސަރު ނުފިލައި ހުރި ބައެއް މުދައްރިސުންގެ ވާހަކައެވެ.

ކޮންމެ މީހެއްގެ ވެސް، އެންމެ ފުރަތަމަ މަދަރުސާއަކަށް ވާނީ އެމީހެއްގެ ގެއެވެ. ގޭގެ މާހައުލެވެ. އެންމެ ފުރަތަމަ މުދައްރިސުންނަށްވާނީ އެމީހުންގެ މައިންބަފައިންނެވެ. އެމީހުންގެ ބަލަދުވެރިންނެވެ. އެމީހުންނަށް އަޅާލައި، އެމީހުން ގެންގުޅެ ތަރުބިޔަތު ކުރި މީހުންނެވެ. އެ ގޮތުން، އަޅުގަނޑުގެ ވެސް ފުރަތަމަ މަދަރުސާއަކަށްވީ އަޅުގަޑުގެ ގެއެވެ. ފުރަތަމަ މުދައްރިސުންނަކީ މައިންބަފައިންނެވެ. ޚާއްސަ ގޮތެއްގައި، އެންމެ ބޮޑަށް އެހީއަށް ބޭނުންވި ވަގުތު، އެންމެ ކުޑައިރު ގެންގުޅެ، ބަލާ އަޅައިލާ، ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު އުފުލި ބެލެނިވެރި މައިންބަފައިނާއި އެފަދަ އެހެން މީސްމީހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ގޭގެ މާހައުލުން ދަސްވީ ކޮން ކަމެއްހޭ މީހަކު އަހައިފި ނަމަ ބުނާނީ ކީކޭ ހެއްޔެވެ؟ ކޮންމެ މީހަކަށް ވެސް، ގޭގެ މާހައުލުން ދަސްވާނެ ކިތަންމެ ކަމެއް ހުންނާނެތާއެވެ. މިކަންކަން، ބައެއް ފަހަރު، ކިޔައިދެވޭ ވާހަކަތަކަކަށް ވެދާނެއެވެ. އަދި، ވަރަށް ގިނަ ފަހަރު، މިކަންކަން ވާނީ ފެނި، މުލާހަޒާކުރެވި، ހިތުގައި ހަރުލާކަންކަމަށް ވުން ގާތެވެ. މިފަދަ ބައެއް ކަންކަން، ކުއްޖާގެ އާދަތަކަށްވެ، ކުއްޖާގެ ބިނާވަމުން އަންނަ ޝަޚުސިއްޔަތުގެ ބަޔަކަށް ވެގެން ވެސް ދެއެވެ. ގެއިން ދަސްވި ކަމަކާ ބެހޭ ގޮތުން މީހަކު ސުއާލެއްކޮށްފި ނަމަ، އެހެން މީހުންނެކޭ ވެސް އެއް ފަދައިން، ބުނާނޭ ގިނަ ވާހަކަތަކެއް ހުންނާނެތާއެވެ. މިތަނުގައި މިފަދަ ދެކަމެއްގެ ވާހަކަ ލިޔެލާ ހިތްވެއެވެ. މިސާލެއްގެ ގޮތުންނެވެ. އެއްކަމީ ފުދިގެން އުޅެން ދަސްކުރުމެވެ. މިހެން އުޅެން ދަސްވެއްޖެ ނަމަ، ކުރާނެ ފައިދާތަކެއް އޮވެއެވެ. ތިމާގެ އަތް ނުފޯރާ ހިސާބަށް ތިމާގެ ލޯ ދަތުރުކުރިއަ ނުދިނުމަށް މަސައްކަތްކުރުމެވެ. ތިމާއަށް ނުލިބޭނެ ކަމަށް ފެންނަ އެއްޗިއްސަށް ތިމާގެ ހިތް ކިޔާނޭ ގޮތް ނުހެދަށް ވެސް ގަދައަޅާ މަސައްކަތްކުރުމެވެ. އަދި، އެފަދަ އެއްޗެހި ކޮންމެހެން ހޯދައި ލިބިގަތުމަކީ މުހިއްމުކަމަށް ނުވުމެވެ. މަކަރާއި ހީލަތް ހެދުމާއި، ވައްކަންކޮށްގެން އެއްޗެހި ހޯދަން ނޫޅުން ވެސް މެދުވެރިވުމެވެ. ދެވަނައަށް ދަސްވީ ކަމަކީ ކިޔެވުމުގެ މުހިއްމު ކަމެވެ. އަބަދުވެސް ކިޔަވަން މަސައްކަތްކުރަން ޖެހޭނޭ ކަމެވެ. އާދެ، މިއީ ގޭގެ މާހައުލުން، ބައެއް އެހެން މީހުންނެކޭ ވެސް އެއްފަދައިން، ގޭގެ އެންމެ ފުރަތަމަ މުދައްރިސުން ކަމުގައިވާ ބެލެނިވެރި މައިންބަފައިންގެ ކިބައިން ދަސްވީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެވެ.

ޖާމިއާ އިސްލާމިއްޔާ

ދެން މަދުރަސީ ދައުރަށް ބަލާލާއިރު، ވަރަށް ގިނަ މުދައްރިސުންގެ ހަނދާންތައް ހިތަށް އާދެއެވެ. އޭގެ ތެރެއިން އެއްބޭކަލަކީ މރ. ސަމަރުސޭކަރާއެވެ. ކުދިން ދީފައި އޮންނަ ނަމުން ނަމަ، މރ. ސަމަރޭއެވެ. އޭނާއަކީ މަޖީދިއްޔާގެ މަތީ ކުލާސްތަކަށް އިނގިރޭސި ކިޔަވައި ދެއްވި މުދައްރިސެކެވެ. އަޅުގަނޑުމެންނަށް ވެސް ދެ އަހަރު އިނގިރޭސި މާއްދާ ކިޔަވައިދެއްވިއެވެ. ސަމާސާ މިޒާޖެއްގެ، އެހެނަސް، ހަރުކަށިވާން ޖެހޭ މަގާމުގައި ހަރުކަށިވެލެއްވި މުދައްރިސެކެވެ. އޭނާއާ ބެހޭ ހަނދާން ނުނެތޭ ހެއްވާ ވާހަކައެއް ވެސް ހިތުގައި ހަރުލާފައި އޮވެއެވެ. އެއްދުވަހަކު އޭނާ ކުލާހަށް ދުރުވިއިރު ކުލާސްތެރޭގައި ‘ފަބި އަލީއެއްގެ’ ވާހަކަ ކުދިން ދައްކަމުން ދިޔައެވެ. އެދުވަސް ވަރުގެ މީހުންނަށް ފަބިއަލީއަކީ ކާކުކަން އެނގޭނެއެވެ. އޭނާގެ ރަސްމީ މަސައްކަތަކީ ކެއްކުމެވެ. އަދި، ވަރަށް ‘ރަނޑު’ މީހެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެވިފައި ވެއެވެ. ކޮންމެ އަކަސް، މުދައްރިސު ކުލާހަށް ވަންނަވައި ކުދިން ދައްކަމުން ދިޔަ ‘ފަބިއަލީ’ގެ ވާހަކަ މުދައްރިސުގެ ކަންފަތުގައި ޖެހުނެވެ. ދެން އެއްސެވިއެވެ. ‘ފަބިއަލީ އަކީ ކާކު ހެއްޔެވެ؟’ ޖަވާބުގައި ކުދިން ބުންޏެވެ. އޭނާއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ކައްކާއެވެ؟’ ކުދިންގެ ވާހަކައިގެ އަމާޒަކަށް ވެފައި އޮތީ ފަބިއަލީގެ ރަނޑުކަމުގެ ވާހަކައާއި އެކަމާ ގުޅިފައި ހުންނަ އެހެން ބައެއް ކަންކަމުގެ ވާހަކަކަން މުދައްރިސަށް ފަހަރެއްގައި ވެސް އެނގިއެއް ނުލައްވައެވެ. ދެން ސަމާސާކޮށްލުމުގެ ގޮތުން މުދައްރިސު ބުނުއްވިއެވެ. “ތިހެން ކަމަށް ވަންޏާ ތިމަންނައަކީ ވެސް ފަބިއަލީއެކެވެ!”

މރ. ސަމަރުސޭކަރައިގެ ވާހަކަ ހަންދާންކޮށްލާއިރު، މި ވާހަކައިގެ އިތުރުން، އެހެން ވާހަކައެއް ވެސް ހަނދާނުގައި ހަރުލާ އެބަ ހުއްޓެވެ. އެއީ ހަޔާތުގެ ކަންކަމާ ކުރިމަތިލާއިރު އަބަދުވެސް ހިނުތުންވެ ހުންނަން ބާރުއަޅައި އޭނާ ބުނުއްވި ވާހަކައެކެވެ. އޭނާގެ ބުނުއްވި ގޮތަށް ބުނާ ނަމަ، ހިނިތުންވެ ހުރެއްޖެ ނަމަ “ނަރަކައިގައި ވެސް ކާމިޔާބު ހޯދޭނެއެވެ!” ފަހަރެއްގައި ވެސް އޭނާ އެބުނުއްވަނީ ނަރަކައިގައި ކާމިޔާބު ލިބޭނޭ ވާހަކައެއް ނޫނެވެ. ދުނިޔޭގައި ކިތަންމެ ދަތި ހާލަތެއް މެދުވެރިވެ، ތިމާގެ ދުނިޔެއަކީ ނަރަކައަކަށް ވިޔަސް، ހިނިތުންވެ ހުރެ، އެ ދުނިޔެއާ ކުރިމަތިލައި، އެކަމުން އަރައިގަންނަން މަސައްކަތްކޮށްފި ނަމަ، ކާމިޔާބުލިބޭނޭ ކަމެވެ.

ދެން މިވަގުތު ހަނދާނަށް އަންނަ އަނެއް މުދައްރިސަކީ މރ. މަންޑަލޭސުވަރަމްއެވެ. އާދެ، ކުދިންގެ ބަހުރުވައިން ބުނާ ނަމަ މރ. މަންޑަލޭއެވެ. އަޅުގަނޑުމެންނަށް ތާރީޚު ކިޔަވައި ދެއްވި މުދައްރިސެވެ. ކުދިންނަށް ފާހަގަކުރެވުނު ގޮތުގައި، އެދުވަސް ވަރު މަޖީދިއްޔާގައި ކިޔަވައިދެއްވި މުދައްރިސުންގެ ތެރެއިން، އެންމެ މައުލާމާތު މުއްސަނދި އެއް މުދައްރިސެވެ. އަދީ ތާރީޚީ މައްސަލަތައް ތަހުލީލުކޮށް ކުދިންނަށް ވިސްނައިދެއްވަން މަސައްކަތްކުރެއްވި މުދައްރިސެކެވެ. މރ. މަންޑަލޭގެ އެންމެ ހަނދާންވާ ވާހަކައަކީ އެއްދުވަހު ކިލާހުގައި ހަޔާތުގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން ކަންތައްކުރާނީ ކިހިނެއް ކަމާ މެދު ބުނުއްވި ވާހަކައެކެވެ. އޭނާ ބުނުއްވީ ހަޔާތުގެ ދުވަސްތައް ވޭތުކުރަމުންދާއިރު، ކުރިއަށްދާން ގަސްދުކުރާ މަގުގައި ‘ހުރަސްތައް’ ހުންނާނޭ ކަމެވެ. އަދި، މިފަދަ ހުރަސްތަކާ ކުރިމަތިލާން ޖެހުމުން، އެކަމަށް މަރުހަބާ ކިޔަންވާނޭ ކަމެވެ. ސަބަބަކީ، އޭނާ ބުނުއްވި ގޮތުގައި، މިފަދަ ހުރަހެއް ދިމާވާ ކޮންމެ ފަހަރަކު، ކެރިގެން އެކަމާ ކުރިމަތިލައި އެ ހުރަސް ގިރާކުރުމުން، ހަޔާތުގެ ކުރިމަގުގައި ކުރިއަށް ފިޔަވަޅެއް އެޅުނީއެވެ. އެހެންވެ، ހަޔާތުގެ ކުރިމަގުގައި ބޭނުންވާ މަންޒިލަށް ގެންގޮސްދޭ މަގުގައި ދަތުރުކުރަމުންދާއިރު، ހުރަސްތައް ދިމާވުމުން، ފަހަށް ނުޖެހި، އެ ހުރަސްތައް ގިރާކުރަން މަސައްކަތްކޮށް، އެކަން ހާސިލުވުމުން، ކުރިއަށް ފިޔަވަޅުތައް އެޅެމުންދާނެތީއެވެ.

މަޖީދީ ދައުރުގެ ތިން ވަނަ މުދައްރިސަކަށް މިވަގުތު ހަނދާނަށް އަންނަނީ މރ. ޑިސަނަޔާކާއެވެ. ހުރިހާ ކުދިންގެ ‘ޑިސޭ’ އެވެ. މރ. ޑިސަނަޔާކާ ކިޔަވައި ދެއްވީ ހިސާބިއްޔާތާއި އޭރު ކިޔާގޮތުން ނަމަ ‘ޓެކްނިކަލް ޑުރޯއިން’އެވެ. އޭނާ ފާހަގަކޮށްލެވެނީ، އެދުވަސްވަރު، މަޖީދިއްޔާގައި ކިޔަވައި ދިނުމުގެ ހުނަރު ލިބިވަޑައިގެން ހުންނެވި އެންމެ ރަނގަޅު އެއް މުދައްރިސުގެ ގޮތުގައެވެ. ހިސާބިއްޔާތާއި ޓެކްނިކަލް ޑުރޯއިންގެ މައްސަލަތައް ކުދިންނަށް ފަސޭހައިން ވިސްނޭ ގޮތެއްގައި ބުނެދެއްވާ މުދައްރިސެއްގެ ގޮތުގައެވެ. އޭނާ ކިޔަވައިދެއްވި ކުދިންގެ ތެރޭގައި، އޭނާގެ ‘ފުރެންޑްލީ ސްލެޕް’، ރަހުމަތްތެރިކަމުގެ ‘އަތްތިލައިގެ ތަފާލު’، އެކުދިންގެ ކަނދުރާގައި ބީހިނުލާ ކުއްޖަކު ހުންނާނޭ ބާވައޭ ހިތަށް އަރައެވެ. ކޮންމެ އަކަސް މރ. ޑިސަނަޔާގެ ވާހަކަތަކުގެ ތެރެއިން ހަނދާނުގައި ހަރުލާފައި ހުރި އެއް ވާހަކައަކީ މިއެވެ. އޭނާ ބުނުއްވި ގޮތުގައި ހިސާބިއްޔާތު އުނގެނުމުގައި އޮންނާނީ ދެ ގޮތެކެވެ. އެނގުމާއި ނޭނގުމެވެ. އޭގެ ދެމެދެއް، އާދެ، ކުޑަކޮށް އެނގުމެއް ނުވަތަ ކުޑަކޮށް ނޭނގުމެއް ނޯންނާނެއެވެ. އަދި، އެނގެން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ހިސާބިއްޔާތު އެނގި ދަސްކުރެވިދާނެއެވެ. އާދެ، ހިސާބިއްޔާތު ކިޔެވުމުގައި އުއްމީދު ކަނޑާނުލައި ހިތްވަރު ދިނުމުގެ ގޮތުން އޭނާ ބުނުއްވި ވާހަކައެކެވެ. ހަމަ އެކަނި އޭނާ މިހެން ބުނުއްވީއަކީ ނޫނެވެ. އެކަން، އޭނާ ސާބިތުވެސް ކޮށްދެއްވިއެވެ. އޭނާ ކިޔަވައި ދެއްވުމުގެ ކުރިން ހިސާބިއްޔާތުން އެއްގޮތަކަށް ވެސް ފާސްނުވާ ބައެއް ކުދިންނަށް، އޭނާ ކިޔަވައިދެއްވައި، ޖީ.ސީ.އޯ. ލެވަލްގެ އިމްތިހާނުން އެކުދިން ހިސާބިއްޔާތުން ފާސްވާނޭ ގޮތް މެދުވެރިކުރއްވިއެވެ. މރ. ޑިސަނަޔާކާގެ މި ނަންގަތް ވާހަކަ އިތުރަށް ފުޅާކޮށްލެވިދާނެއެވެ. އާދެ، ކިޔަވަން މަސައްކަތްކޮށް، ތިމާގެ ވިސްނުމާ ފިކުރު ތަރައްގީކުރަން ބޭނުން ކޮންމެ ކުއްޖަކަށް ވެސް، އެއީ ކުރެވިދާނޭ ކަމެކެވެ. ބޭނުންވަނީ ނުގުޑާ އަޒުމަކާއި ކެރުމެވެ. ހިތްވަރާއި މަސައްކަތެވެ.

މުދައްރިސުންގެ ވާހަކަ ދައްކާއިރު، ތައުލީމީ ހަޔާތުގެ މަދުރަސީ މަރުހަލާގެ އިތުރުން، ޖާމީއީ މަރުހަލާގެ ބައެއް މުދައްރިސުންގެ ވާހަކަ ވެސް ހަނދާނުގައި ހަރުލާ އެބަ ހުއްޓެވެ. އެ މަރުހަލާގައި ދިމާވި އުސްތާޒުންގެ ތެރެއިން މިވަގުތު ހަނދާނަށް އަންނަ އެއް އުސްތާޒަކީ ޑރ. އަބްދުލް ބާސިތު ބަދުރެވެ. އަރަބި އަދަބިއްޔާތުގެ އުސްތާޒެކެވެ. ލިޔުންތެރިއެކެވެ. އަޅުގަނޑުމެންނަށް އޭނާ ކިޔަވާ ދެއްވީ އަރަބި އަދަބިއްޔާތާ ބެހޭ ބައެއް މާއްދާތަކެވެ. އަރަބި އަދަބީ ބައެއް މުހިއްމު ފޮތްތައް ކިޔައި ތަހުލީލުކުރާނޭ ގޮތެވެ. އެ ގޮތުން ބަލާލަން ޖެހުނު ބައެއް ފޮތްތަކުގެ ތެރޭގައި އިބުނު ޤުތައިބާގެ ‘އުޔޫނު އަލްއަޚްބާރު’އާއި އަދި ޖާހިޡުގެ އަލްބަޔާން ވަ އައްތަބްޔީނު’ ހިމެނެއެވެ. ގިރާއަތު، ނުވަތަ ކިޔުން، މިމާއްދާގެ ބޭނުމަކީ އިހުގެ އަރަބި އަދަބުގެ މި ނަންގަތް ފަދަ ފޮތްތައް ތާލިބުނުންނަށް ތައާރުފުކޮށްދީ އެ ފޮތްތައް ކިޔުމާއި މާނަކުރުން ދަސްކޮށްދިނުމެވެ. އަރަބި އަދަބިއްޔާތުގެ ފޮތްތަކޭ ބުނުން މިތަނުގައި މާނަކުރެވެނީ ވަކި ގޮތަކަށެވެ. އެއީ އަރަބި ބަހުން ވާހަކަދައްކައި ލިޔުމުގައި ރީތިކޮށް އިބާރަތްކުރުމުގެ ވާހަކައެވެ. އަދި، އެކަމަށް އެހީވެދޭ އިހުގެ މައިފޮތްތަކުން ފައިދާ ލިބިގަންނާނޭ ގޮތުގެ ވާހަކައެވެ.

ޑރ. ބަދުރު، ދެން ކިޔަވައިދެއްވީ އިސްލާމީ އަދަބިއްޔާތުގެ މާއްދާއެވެ. އިސްލާމީ އަދަބިއްޔާތަކީ އަދަބީ ލިޔުންތަކުގައި، އެއީ ޅެންކަމަށް ވިޔަސް ނުވަތަ ވާހަކައާއި ތަމްސީލު ކަމަށް ވިޔަސް، އެލިޔުންތަކުގެ މައިގަނޑު މައުޟޫއަކީ، ‘ތީމަކީ’، އިސްލާމީ މައްސަލަތައް ނެގިފައިވާ އަދަބީ ލިޔުންތަކެވެ. މިސާލަކަށް ހައްސާނު ބިން ސާބިތުގެ ޅެންތަކެވެ. އަދި، އައްލާމާ އިގުބާލުގެ ޝިކުވާއާއި ޖަވާބޭ ޝިކުވާ ފަދަ ޅެންތަކެވެ. ޑރ. ނަޖީބު ކީލާނީގެ ވާހަކަތަކެވެ. ޑރ. ބަދުރަކީ އިސްލާމް ދީނަށް ވަރަށްވެސް ލޯބިކުރައްވައި ދީނީ ހަމާސަތު ހުރި އިލްމުވެރި އަދީބެކެވެ. އަދި އިސްލާމީ އިލްމުވެރިކަމެއް އަލުން އުފެދި، އާ އިސްލާމީ ހަޟާރަތެއް ގާއިމުވުމަށް އެދިލެއްވި އުސްތާޒެކެވެ.

ޑރ. ބަދުރުގެ ކިލާސްތައް ހަނދާނަށް އަންނައިރު ހަނދާންވާ ދެ ވާހަކައެއް އެބައޮތެވެ. އެ ދެވާހަކަ ވެސް ގުޅެނީ އިސްލާމީ އިލްމީ ހޭލުންތެރިކަމަކާއި އާ އިސްލާމީ ހަޟާރަތެއް އުފެއްދުމާއެވެ. އެއް ވާހަކައަކީ ހުއްޓާނުލާ ކިޔެވުން ކުރިއަށް ގެންދިޔުމުގެ ވާހަކައެވެ. އޭނާ ބުނުއްވަނީ އުނގެނުމަކީ އަބަދުވެސް ކުރިއަށް ގެންދަން ޖެހޭނޭކަމެވެ. ކިތަންމެ މަތީ އިލްމީ ސެޓިފިކެޓެއް ލިބުނުކަމުގައި ވިޔަސް، ނޭނގޭ އެއްޗެހި، އެނގޭ މީހުން ކުރެން އަހައި އޮޅުންފިލުވަމުން ގެންދިޔުމަށެވެ. އެކިއެކި ކަންކަމާ ބެހޭ ގޮތުން ބަހުސްކޮށް ކަންކަން ހޯދުމުގައްޔާއި މައްސަލަތައް ތަހުލީލުކުރުން މަތީ ދެމިހުންނަން ޖެހޭނޭ ކަމެވެ. މިގޮތުން، އޭނާ ވެސް އެކިއެކި އިލްމީ ހަލަގާތަކުއި އަބަދުވެސް ބައިވެރިވެލައްވައި، އުނގެނުމުގެ މަސައްކަތުގައި ވަގުތުތައް ހޭދަކުރައްވަމުން އަބަދުވެސް ގެންދާކަމުގައ ބުނުއްވިއެވެ. އަޅުގަނޑުމެންގެ، އެހެން އުސްތާޒެއް ބުނުއްވި ގޮތުގައި، އެބޭކަލުން ބައެއް ފަހަރު ފަހަރު، ދުވާލަކު، އަށެއްކަ ގަޑިއިރު ވެސް ކިޔުއްވުމުގައި ހޭދަކުރައްވައެވެ.

ޑރ. ބަދުރުގެ އަނެއް ވާހަކައަކީ، އޭނާ ދެކިލައްވާ ގޮތުގައި، އިސްލާމީ އިލްމީ ހޭލުންތެރިކަމަކާއި އަދި އިސްލާމީ ހަޟާރަތެއް އުފެދުމުގެ އުއްމީދަކައިގެން މަސައްކަތްކުރާ ކޮންމެ މީހެއްގެ ހަޔާތުގައި އެކަން ހަގީގަތަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް، އެއީ އެއްވެސް މައްސަލައެއް ނޫންކަމެވެ. އެ އުއްމީދު ހާސިލުވާން ހާލަތްތަކެއް މެދުވެރިވާން ޖެހެއެވެ. މުސްލިމުން ކިޔެވުމަށް އަހައްމިޔަތުކަންދީ ފިކުރީ ގޮތުން ކުރިއަރައި އިސްލާމީ ޒިހުނިއްޔަތެއް ތަރައްގީކުރުމެވެ. އެހެންވެ، ތިމާގެ އަމިއްލަ ހަޔާތުގައި އިސްލާމީ އާ ހޭލުންތެރިކަމެއް އުފެދި، އާ އިސްލާމީ ހަޟާރަތެއް ގާއިމުވެ ނުދިޔަ ނަމަވެސް، އިސްލާމް ދީނަށް ލޯބިކުރާ މުސްލިމު ކިޔަވާ ކުދިންގެ ތެރޭގައި އެކަން ކުރުމުގެ ވާހަކަތައް ދައްކައި އެ މެސްޖު އެމީހުންގެ ހިތްތަކަށް ފޯރުކޮށްދިނުމަކީ ވެސް އެމަގުގައި އެޅޭ ހަރުދަނާ ފިޔަވަޅެކެވެ. ރަނގަޅު ކާމީޔާބީއެކެވެ. އަދި، އެ މެސެޖު އެފަދައިން ފޯރުކޮށްދީ، އެ އުއްމީދުގެ ހުޅުކޮށް ނިވުނަ ނުދީ ބެހެއްޓުމަށް މަސައްކަތްކުރެވިއްޖެ ނަމަ، އިސްލާމީ ޚަޟާރަތެއް މެދުވެރިވާން ބޭނުންވާ އިލްމީ ހޭލުންތެރިކަމާއި މިނިވަން އިސްލާމީ ޒިހުނިއްޔަތެއް އުފެދި، ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ، އެ އުއްމީދު ހާސިލުވާނެއެވެ.

ދެން ހަނދާނުގައި ހަރުލާފަ އޮތް އުސްތާޒަކީ ޕުރޮފެސަރ ފަޒްލުއްރަހްމާނެވެ. އޭނާއާ ބައްދަލުވީ ޖާމިއީ ތައުލީމު ނިންމައި ދިރާސާތު އުލްޔާގެ މަރުހަލާގެ ދުވަސްވަރުއެވެ. މިފަހަރުގެ ބައްދަލުވުމަކީ ކިލާހުގެ ތެރެއިން ނޫނީ މުޙާޟަރާ ތިއެޓަރުތަކުގެ ތެރެއިން، ޖިސްމާނީ ސިފައެއްގައި، ބައްދަލުވީ ބައްދަލުވުމެއް ނޫނެވެ. ޕުރޮފެސަރ ރަހުމާނާއި ބައްދަލުވީ މައުނަވީ ސިފައެއްގައި ފިކުރީ މައިދާނެއްގައެވެ. އޭނާގެ ލިޔުންތަކުގައި އޭނާ ފާޅުކުރައްވާފައިވާ ފިކުރުގެ ތެރެއިންލާފައެވެ.

މެލްބަން ޔުނިވަރސިޓީ

ޕުރޮފެސަރ ރަހުމާނަކީ ޕާކިސްތާނުގެ ބޭކަލެކެވެ. އުފަންވެ ވަޑައިގަތީ 1919ވަނަ އަހަރުއެވެ. ޕާކިސްތާނުގައި ފާރިސީ ބަހާއި އަރަބި ބަހާއި އަދި އިސްލާމީ ޝަރުއީ އިލްމުތައް ކިޔަވާވިދާޅުވެ، ޕަންޖާބު ޔުނިވަސިޓީއިން އެމް.އޭ ހާސިލުކުރެއްވުމަށް ފަހު، މަތީ ތައުލީމު ފުރިހަމަ ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތަށް ވަޑައިގަތެވެ. އިނގިރޭސިވިލާތުގައި އިސްލާމީ ފަލްސަފާގެ ރޮގުން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ފަހު، އިނގިރޭސިވިލާތާއި ކެނެޑާއާއި އަދި ފަހުން އެމެރިކާގައި ކިޔަވައިދެއްވުމުގެ މަސައްކަތްތުގައި އުޅުއްވިއެވެ. ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި، ޕާކިސްތާނުގެ އެދުވަސް ވަރުގެ ރައީސް، ޖެނެރަލް އައްޔޫބު ޚާނުގެ ދައުވަތަކަށް، އެނބުރި ޕާކިސްތާނަށް ވަޑައިގެން އިސްލާމީ ދިރާސަތާ ބެހޭ މަތީތައުލީމުގެ މައުހަދެއް އުފައްދަވައި މިޒަމާނުގެ އިލްމުތަކަށާއި އިލްމީ މަންހަޖުތަކަށް ވެސް ލޯހުޅުވިފައި ތިބި އިސްލާމީ އިލްމުވެރިން އުފެއްދެވުމުގެ މަސައްކަތްކުރެއްވިއެވެ. އޭނާގެ ބައެއް ޚިޔާލުތަކުގެ ސަބަބުން، ޕާކިސްތާނުގެ އެދުވަސް ވަރުގެ ބައެއް ދީނީ އިލްމުވެރިން، އޭނާއާ މެދު، ނުރުހުންވެ، އޭނާގެ ހަޔާތަށް ނުރައްކާވެދާނޭ ހިސާބަށް، މިނުރުހުން ބޮޑުވެގެން ދިޔުމުން، 1968ވަނަ އަހަރު ޕާކިސްތާނު ދޫކޮށް، އެމެރިކާއަށް ހިޖުރަކުރެއްވިއެވެ. އަދި، 1969ވަނަ އަހަރުން ފެށިގެން، 1988ގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމަށް ދާންދެން، ޕުރޮފެސަރު ރަހުމާނު މަސައްކަތްކުރެއްވީ އެމެރިކާގެ ޗިކާގޯ ޔުނިވަރސިގައި ކިޔަވައި ދެއްވުމުގައެވެ. އެ ޔުނިވަރސިޓީގައި، ދުނިޔޭގައި ހިމެނުނު އިސްލާމީ ދިރާސާތުގެ އެންމެ ރަނގަޅު އެއް ގިސްމު އުފެއްދެވިއެވެ. އަދި، އިސްލާމީ ދިރާސާތުގެ އިލްމުވެރިން އުފެއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

ޕުރޮފެސަރ ރަހުމާނާ ބައްދަލުވީ، ކުރިންވެސް އިޝާރަތްކޮށްލިފަދައިން އޭނާގެ ފޮތްތަކުންނެވެ. އެންމެ ފުރަތަމަ އޭނާގެ ‘އިސްލާމް’ މިފޮތުންނެވެ. މިފޮތުގައި އިސްލާމީ ޒިހުނިއްޔަތުގެ ތާރީޚު ޚުލާސާ ގޮތެއްގައި ހުށަހަޅާލެވިފައި ވެއެވެ. އަދި، ފޮތުގެ އެންމެ ފަހު ބާބުގައި މުސްތަގުބަލުގައި އިސްލާމީ ޒިހުނިއްޔަތުގެ މަސައްކަތް އޮވެދާނެ ގޮތަކާ މެދު ވެސް ބަލާލެވިފައި ވެއެވެ. އިސްލާމީ ހޭލުންތެރިކަމެއް ބިނާވާނީ އިސްލާމީ ފިކުރު އާކުރެވިގެން ކަމުގައި ބަޔާންކުރެއްވިއެވެ. އަދި، މިކަން ކުރެވިދާނޭ މަގު އޭނާގެ އެހެން ފޮތްތަކުގައި ތަފްސީލު ކޮށްދެއްވިއެވެ. އޭނާގެ އިސްލާމީ ޝަރުއީ މަންހަޖިއްޔަތުގެ ތާރީޚުގައި (އިސްލާމިކް މެތޮޑޮލޮޖީ އިން ހިސްޓްރީ) އިހުގައި އިސްލާމީ އިލްމުވެރިކަމަށް ދިރުން އޮތީ ކިހިނެއް ވެގެން ކަމާއި އަދި، އެ ދިރުމަށް ހުއްޓުން އައިގޮތް ބަޔާންކޮށްދެވިފައި ވެއެވެ. އިސްލާމީ މަންހަޖިއްޔަތަކީ އިހުގައި އޮތް ގޮތަށް، އިލްމު އުފެއްދުމުގެ ގާބިލުކަން ލިބިގެންވީ ތަހުރީކީ (ޑައިނަމިކް) މަންހަޖިއްޔަތަކަށް އަނބުރާލައި، އިސްލާމީ އިލްމުވެރިކަމަށް އަލުން ދިރުން ގެންނާނީ ކިހިނެއްކަން، ‘ހަދާސަތާއި އިސްލާމް ދީން: ޒިހުނިއްޔަތުގެ އިލްމީ ތަރިކައެއް ބަދަލުކޮށް ދިރުވާނެ ގޮތް’، (އިސްލާމް އެންޑް މޮޑާނިޓީ: ޓްރާންސްފޯރމޭޝަން އޮފް އެން އިންޓަލެކްޗުއަލް ޓްރެޑިޝަން’) މިފޮތުގައި ބަޔާން ކޮށްދެވިފައިވެއެވެ. އަދި، މިކަން ބިނާވާން ޖެހޭނީ ކީރިތި ގުރުއާން ރަނގަޅަށް ފަހުމުވުމުގެ އަސާސެއްގެ މަތީގައި ކަމަށް ވުމުން، ކީރިތި ގުރުއާނުގައި އައިސްފައިވާ މައިގަނޑު ފިކުތުރުތަކަކީ ކޮބައިކަން ވިސްނައި ކީރިތި ގުރުއާން ފަހުމުވުމަށް އެހީވެ ދިނުމުގެ ގޮތުން އޭނާގެ ކީރިތި ޤުރުއާނުގެ މައިގަނޑު މައުޟޫއުތައް (މޭޖަރ ތީމްސް އޮފް ދަ ގުރުއާން) މިފޮތް ލިޔުއްވިއެވެ.

ޕރ. ރަހުމާނު ގަބޫލުކުރައްވާ ގޮތުގައި، އިސްލާމީ ހޭލުންތެރިކަމެއް އުފެދޭނީ މުސްލިމުންގެ ދީނީ ސިކުނޑި ހުޅުވާލެވި، އިސްލާމީ އާ ޒިހުނިއްޔަތެއް އުފެދިގެންނެވެ. އާންމު ގޮތެއްގައި، މިވަގުތު ފެންނަ އިސްލާމީ ތަހުފީޒީ (ކޮންސަވެޓިވް) ފިކުރަކީ – ހުރިހައި ކަމެއްގައި ވެސް އިސްލާމީ ގޮތަކީ އިހުގައި އިސްލާމީ ފިގުހީ މަޒުހަބުތަކުގައ ބަޔާންކޮށް ފައިވާ ގޮތުގެ ފިކުރު –، އޭނާގެ ނަޒަރުގައި، ވަގުތީ ކަމެކެވެ. އެއީ، މުސްލިމުންނާ ކުރިމަތިވެފައި އޮތް، ސިޔާސީ، އިގުތިސާދީ، އިލްމީ ވަގުތީ ވެއްޓުމަކާ ވިދިގެން، ކުރިމަތިވެފައިވާ ހަދާސަތުގެ ގޮންޖެހުންތަކާ ދިފާއީ ސިފައެއްގައި ކުރިމަތިލާ ކުރިމަތިލުމެއްގެ ނަތީޖާއެކެވެ.

ކޮންމެއަކަސް، ޖިސްމާނީ ގޮތެއްގައި ޕރ. ރަހުމާނާ ބައްދަލު ނުވިޔަސް، އޭނާގެ ޚިޔާލުތަކާއި ފިކުރުތަކާއެކު ދުވަސް ގަނޑެއް ހޭދަކުރަން ޖެހުނެވެ. މަތީ ތައުލީމު ހާސިލުކުރަމުންދާ ކޮންމެ މީހަކުވެސް، އެމީހެއްގެ މަތީ ތައުލީމުގެ ބަހުސް ލިޔުމުގެ ދާއިރާގެ އިލްމުވެރިންގެ ލިޔުންތަކާ އެކު ވަގުތުތައް ހޭދަކުރަން ޖެހޭ ފަދައިންނެވެ. އެގޮތުން އަޅުގަނޑުގެ މަތީ ތައުލީމުގެ ބަހުސް ޕރ. ރަހުމާނުގެ ފިކުރާއި ޚިޔާލުތަކާ ގުޅުމުން، އޭނާގެ ފިކުރާއެކީ ވަގުތުތަކެއް ހޭދަކުރަން ޖެހުނީއެވެ. އަދި، އަޅުގެ ބަހުސުގެ މައިގަނޑު މައުޟޫއަކީ އޭނާ ފާޅުކުރެއްވި ބައެއް އިލްމީ ނަޒަރިއްޔާތުތައް، އަމަލީ ސިފައެއްގައި ބައެއް އިސްލާމީ ފިގުހީ މައްސަލަތަކުގެ މައްޗަށް ހިންގާލުން ކަމަށް ވުމުން، އޭނައާއެކު، މައުނަވީ ސިފައެއްގައި، އަހަރުތަކެއް ހޭދަވެ، އޭނާގެ ހަނދާން، ވަކިން ޚާއްސަ ގޮތެއްގައި އޭނާގެ ފިކުރުތަކުގެ ހަނދާން، ނުފިލާ ގޮތެއްގައި ހިތުގާ ހަރުލާ ގޮތް ވީއެވެ. އަދި، މުދައްރިސުންގެ ވާހަކަތައް ދައްކާ ދުވަހެއްގައި، ޕރ. ރަހުމާނާއި ޖިސްމާނީ ގޮތެއްގައި ބައްދަލުވެފައި ނެތަސް، އޭނާގެ ބައެއް ފޮތްތަކުގެ ތެރޭގައި ދުވަސް ގަނޑެއް ވަންދެން އުޅެން ޖެހިފައި އޮތުމުން، އޭނާގެ ވާހަކަވެސް ލިޔެލާ ހިތްވީއެވެ.

ކޮންމެ އަކަސް، މުދައްރިސުންގެ ދުވަސް ފާހަގަކުރަމުންދާ އިރު، މަތީގައި ނަންގަނެލެވުނީ ހަނދާނުގައި ހަރުލާ ހުރި އަޅުގަނޑުގެ ބައެއް މުދައްރިސުންނާއި އެބޭކަލުންނާ ބެހޭ ބައެއް ވާހަކަތަކެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ މުދައްރިސުންގެ ހަނދާންތައް އެބަހުއްޓެވެ. ކޮންމެވެސް އެހެން ފަހަރަކުން، އެބޭބޭކަލުންގެ ވާހަކަތައް ލިޔެލަން ގަސްދުކުރަމެވެ. މިވަގުތު، އެންމެ މުހިއްމު ވާޖިބެއް ކަމުގައި ވަނީ، މި ހުރިހާ ބޭކަލުންނަށް، އާދެ، ނަންގަނެވި ދިޔަ މުދައްރިސުންނާއި އަދި، ނަންގަނެވިފައި ނެތް މުދައްރިސުންނަށް ވެސް، އެބޭކަލުންގެ އަގުހުރި އިރުޝާދުތަކާއި ޚިދުމަތަށްޓަކައި އެބޭބޭކަލުންނާއި އަދި އެފަދަ އެހެން ހުރިހާ މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭކަލުންނަށް ވެސް ޝުކުރުއަދާކުރުމެވެ. އަދި، އެފަދަ ޚިދުމަތްތެރި އެހެން މުދައްރިސުން އަޅުގަނޑުމެންގެ ތެރޭގައި އުފެދި ދިޔުމަށް އެދި ދުއާކުރުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ