ބޭންކް އޮފް ސިލޯން ކައިރިން 4.5 މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލާގައި އެ ރުފިޔާ ފޭރެން އުޅުނު މީހުންގެ ވަނަވަރު އާންމު ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން 4 މީހުންގެ ވަނަވަރު ވަނީ ފުލުހުން އާންމު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ފަރާތްތަކަކީ އުމުރުން 20 އަހަރުގެ ވ. ޕިންކްވިލާ އަޙްމަދު އަމީރާއި އުމުރުން 23 އަހަރުގެ ގއ. ވިލިނގިލި ކަނީރުމާގެ މުޙައްމަދު މުސްޢަބް ޒުބެއިރާއި އުމުރުން 22 އަހަރުގެ ދަފްތަރު ނަމްބަރު 3678 ޙުސައިން ޢަބްދުﷲ މަޖީދު އަދި 17 އަހަރުގެ ލ. ގަން ކީމިޔާގެ ޢަބްދުﷲ ރާޝިދެވެ.
މި ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބަޔަކު ވެގެން ރޫޓް ފިހާރައިގެ 4.5 މިލިއަން ރުފިޔާ މަގުމަތިން ފޭރެން މަސައްކަތް ކޮށްފައި ވަނީ އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގާފައި ވަނީ ބެންކް އޮފް ސިލޯން ކައިރީގައެވެ.
ފޭރެން މަސައްކަތްކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުގައި އައި ހަތަރުމީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރުފެނެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.
ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު އެ މީހުން ހިފަހައްޓާ ފައިސާތައް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ.
އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުންގެ ފަހަތުން ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ


