( 01 ނޮވެންބަރ 2020 އާ ގުޅޭ)
“އިޒޫ.. ދެން ހުއްޓާލަ ބަލަ، ބޭބީ.” ނިދަން އޮތް ވަގުތުވެސް އިޒާނީގެ ލޮލުން ކަރުނަ ނުހިކެއެވެ. އެކަމާ ޒަޔާން އޮތީ އިންތިހާއަށް ކަންބޮޑުވެފައެވެ. އިޒާނީ ހަމައަކަށް އެޅެންދެން އޭނާ ކައިރީގައި މަޑުކުރަން ޒަޔާން ބޭނުންވިއެވެ. އެހެންކަމުން އެދުވަހު ޑިއުޓީއަށް ނުދެވޭނެ ވާހަކަ އޭނާގެ އޮފީހަށް އެންގިއެވެ. އަދި އިޒާނީ ނިންދެވޭތޯ އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލާ ޒަޔާން އޮތެވެ.
އިޒާނީއަށް ހޭލެވުނީ ތުއްތު ކުއްޖެއްގެ ބާރަށް ރޮއިގެން އަޑަށެވެ. ޒަޔާން ކޮބާތޯ ބަލާލި އިރު އޭނާ އޮތީ ގަދަ ނިދީގައެވެ. އޭރު އިރުގެ އަލިކަން ކުޑަދޮރުން ފޭދިގެން ކޮޓަރިއަށް އެޅިފައި ހުއްޓެވެ. އިޒާނީ ތެދުވެ އެ އަޑު އަންނަ ދިމާ ހޯދާލިއެވެ. އެ އަޑު އަންނަނީ ފާހާނާއިންނެވެ. ޖެހިލުންވެ ހުރެ އޭނާ ފާހާނާއާއި ދިމާލަށް ދިޔައީ ލަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭރުވެސް އެ އަޑު ކެނޑިގެނެއް ނުދެއެވެ. އިޒާނި ގޮސް ފާހާނާ ދޮރު ހުޅުވާލުމާއެކު ރުއިމުގެ އަޑު ގަދަވެގެންދިޔައެވެ. އެ އަޑު އަންނަނީ ބިލިގާއާއި ވީ ދިމާލުންނެވެ. އެހެންކަމުން އިޒާނީ ބިލިގާ ކައިރިއަށް ގޮސް ހުއްޓުމާއެކު، އޭނާގެ މެއަށް ފިނިވެގެން ދިޔައެވެ. ބިލިގާ ތެރޭގައި އޮތީ ލެއިން ތަތްތެޅިފައި އޮތް ދުވަސް ނުފުރޭ ތުއްތު ކުއްޖެކެވެ. ފޫޅުވެސް ނުކަނޑާ އޮތް އެ ކުއްޖާގެ ރުއިމުގެ އަޑުން މުޅި ތަން ގުގުމަމުން ދިޔައެވެ.
އެކުއްޖާ ފެނުމުން އިޒާނީގެ ހިތުގައި މައިވަންތަ ކަމުގެ ލޯބި ވިންދު ޖަހާލިއެވެ. ބިރުން ހުރެ ނަމަވެސް އެކުއްޖާ ނެގުމަށް އިޒާނީގެ އަތް ދިއްކޮށްލިއެވެ. އެކުއްޖާގެ ގައިގައި އަތް ޖެހުމާއެކު އެކުއްޖާ ފުންމައިގެން އައިސް އިޒާނީގެ މޭމަތީގައި ތަތްވިއެވެ. ގެންފައި ހުރި ބިރާއެކު އިޒާނީއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އަދި އެކުއްޖާ ގައިން ނައްޓާލުމަށް ފަހު ފާހާނާއިން ނިކުންނަން ދުއްވައިގަތެވެ. އޭނާ ގޮސް ޖެހުނީ ފާހާނާއަށް ވަންނަން އައި ޒަޔާންގެ ގައިގައެވެ. އިޒާނީ މާ ބާރަށް ހަޅޭއްލަވައިގަތުމުން ޒަޔާންއަށް ހޭލެވުނީއެވެ.
“ކިހިނެއްވީ..” ދެލޯ ބޮޑުވެފައި ހުރި އިޒާނީ ފެނުމުން ޒަޔާން އަހާލިއެވެ.
“ބޭބީއެއް… ބާތް ޓަބް ތެރޭ…” ހާސްވެ ނޭވާ އަވަސްވެފައި ހުރުމުން އިޒާނީއަށް ރަނގަޅަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އޭނާ ބުނި އެއްޗެއް އަޑު އެހުމަށްފަހު ޒަޔާން ގޮސް ފާހާނާއަށް ވަނެވެ. އަދި އެހާމެ އަވަހަށް ނިކުމެގެން އައެވެ.
“ބާތް ޓަބް ގަ ކޯއްޗެއްތަ؟ ނެތޭ އެއްވެސް އެއްޗެއް. ޔާން ސާފުކުރީމޭ..” ތުރުތުރު އަޅަމުންދިޔަ އިޒާނީގެ ހަށިގަނޑުގައި ޒަޔާން ހިފަހައްޓާލިއެވެ. “ނެތޭ އެއްވެސް އެއްޗެއް، ބޭބީ. ގަބޫލުކޮށްބަލަ..” އިޒާނީއަށް ޔަގީންކޮށްދިނުމަށް ޒަޔާން އުޅުނެވެ.
“އެކަމަކު އިޒޫ ދެކުނީމޭ.. އަތްވެސް ލީން.. މޭގަ….” އިޒާނީ އޭނާގެ މޭމައްޗަށް ބަލާލިއެވެ. ލައިގެން ހުރި ހުދު ޓީޝާޓުގައި އެންމެ ލޭ ތިއްކެއްގެ އަސަރުވެސް ފެންނާކަށް ނެތެވެ.
“އާދެބަލަ..” އިޒާނީގެ ކޮނޑުގައި ހިފާލަމުން ޒަޔާން އޭނާ ގޮވައިގެން ފާހާނާއަށް ވަނެވެ. އިޒާނީ އަށް ހައިރާން ކަން ލިބުނީ، މީގެ ކުޑަ އިރުކޮޅެއްގެ ކުރިން ހިނގާދިޔަ އެއްވެސް ކަމެއްގެ އަސަރު ފާހާނާ ތެރެއިން ފެންނަން ނެތުމުންނެވެ. އޭނާ ބޮލުގައި އަތް އަޅާލިއެވެ،
“އެކަމަކު އަތްވެސް ލީމޭ… އިޓް ވޮސް ރިއަލް.. ޔާން ގަބޫލުކޮށްބަލަ.” އިޒާނީގެ ދެލޮލަށް ކަރުނަތައް ޖަމާވަމުންދިޔައެވެ. “މައި ބޭބީ އިޒް ނޯ މޯ.” ރޭ ހިނގާދިޔަ ކަންތައް އަނެއްކާވެސް އިޒާނީގެ ލޯ ކުރިމަތީ ސިފަވާން ފެށުމުން އޭނާއަށް ރޮއެގަނެވުނެވެ. އެއާއެކު ޒަޔާން އިޒާނީ ގެނެސް މެޔާ ބޮނޑިކޮށްލަމުން، އޭނާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ.
“އިޒޫ މާ ގަދަޔަށް ވިސްނާތީ ހީވިގޮތް ކަމަށް އެވާނީ.. މޭ ބީ އިޓް ވޮޒް އަ ޑްރީމް.. ޑޯންޓް ވޮރީ.” ޒަޔާން ބުނެލިއެވެ. “ހިނގާ ކޮފީއެއް ބޯން..” އިޒާނީ ގަޔާ ދުރުކޮށްލަމުން އޭނާ ބުނެލިއެވެ. އިޒާނީގެ ރަތްވެފައިވާ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާ ފޮހެލަ ދިނެވެ. “އަދި ފަހުންވެސް ބޭބީއެއް ހޯދޭނެއެއްނު.. އިޒޫ ބުނެބަ ކިތައް ކުދިން ބޭނުންވަނީ؟” އިޒާނީގެ މޫޑު ރަނގަޅު ކޮށްލެވޭތޯ ޒަޔާން އުޅުނެވެ.
“ކްރިކެޓް ޓީމެއްތަ؟ އޯރ ފުޓްބޯލް ޓީމެއްތަ؟” އިޒާނީ ހެއްވާލެވޭތޯ ޒަޔާން މަސައްކަތް ކުރިއެވެ. “އައި ކޭން ހެލްޕް ޔޫ..” އެއް ކޮލުން ހީލަމުން ޒަޔާން ބުނެލިއެވެ. އެއާއެކު އިޒާނީގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ފާޅުވިއެވެ.
ޝާނާއާއި އަޒާން ތިބީ ހެންވޭރު ހެދި ގޮނޑުދޮށުގައެވެ. ދެނަމާދު ދޭތެރެ ވަގުތު ކަމުން އެތަނުގައި ހިސާބަކަށް މީހުން މަދެވެ. މޫދު ކައިރީގައި ބަހައްޓާފައި ހުރި ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި އެމީހުން ތިބި އިރު، އެތަނުގައި ގިނައިން ތިބީ ލޯބިވެރިންނެވެ. މޫދުގައިވެސް ދެތިން މީހަކު ތިއްބެވެ. އެތަނުގައި ތިބޭ އިރު ފެންނަ އެންމެ ހިތްގައިމު އެއް މަންޒަރަކީ ހުޅުލެއިން ނައްޓާލާ ނުވަތަ ހުޅުލެއަށް ޖައްސާ މަތިންދާ ބޯޓުތަކުގެ މަންޒަރެވެ.
“ތެންކްޔޫ މިތަނަށް ގެނައިމަ..” އަޒާންއަށް ބަލާލަމުން ޝާނާ ބުނެލިއެވެ.
“މިހެން ޓައިމް ދޭން ވަރަށް ބޭނުންވޭ. އެކަމު އޮފީސް ކަންކަމުގަ ބިޒީވާތީ މައްސަލައަކީ. އޮފީހުން އަންނަ އިރު ހުންނަނީ ވަރުބަލިވެފަ.” އަޒާން ވާހަކަ ދެއްކިއެވެ. އޭނާގެ އަނބިމީހާއަށް ދޭންވާ ވަރަށް ވަގުތު ނުދެވޭކަން އޭނާ ގަބޫލުކުރެއެވެ. ނަމަވެސް އެއީ ހަމަ އެމީހުންގެ މުސްތަގުބަލު އުޖާލާ ކުރުމަށް ކުރާ ބުރަ މަސައްކަތްކަން ޝާނާއަށް ވިސްނެއެވެ.
“އިިޓްސް އޯކޭ.. ޝަކުވާއެއް ނުކުރަމެއްނު. ޒާން ތީ ހަމަ ބެސްޓް. އެންޑް އައި ލަވް ޔޫ.” އެހެން ބުނެ ޝާނާ އަޒާންގެ ކޮލުގައި ބޮސްދިނެވެ. އޭނާގެ އެ ލާނެއް ހަރަކާތުން އަޒާން ހިސާބަކަށް ލަދުގަތެވެ. އަދި އެތަން އެހެން މީހަކަށް ފެނުނުތޯ ބަލާލުމަށް ވަށައިގެން ހޯދާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ދުރު ނޫން ހިސާބެއްގައި ހުރި އައްޓެއްގައި ތިބި، އިޒާނީއާއި ޒަޔާންއެވެ. ޒަޔާން އޮތީ އިޒާނީގެ އުނގުގައި ބޯ އަޅާލައިގެންނެވެ. އޭނާގެ އަތުތެރޭގައި އިޒާނީގެ އަތް އޮތެވެ. އެ މަންޒަރު ފެނުމުން އަޒާންގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.
އިޒާނީ ގޮވައިގެން ޒަޔާން ހެދި ގޮނޑުދޮށަށް އައީ ގޭން ބޭރަށް ނުކުމެލުމުން އިޒާނީގެ ތަބީއަތް ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް އޭނާ އެވަރަށް ވާހަކަ ދައްކަމުން ދިޔައިރުވެސް އިޒާނީ ބަހެއް ނުކިޔައެވެ. ހިޔާލަކަށް ގެއްލިފައި އިންނަނީއެވެ.
“ހިނގާ އެއްޗެއް ބޯލަން ދާން..” އިޒާނީގެ އުނގުން ތެދުވަމުން ޒަޔާން ބުނެލިއެވެ. “އިޒޫ..” ފަހަތު އަކުރަށް ދަމާލަމުން ޒަޔާން އިޒާނީއަށް ގޮވާލިއެވެ. “ހިނގާބަލަ ދާން ޑްރިންކެއް ގަނެގެން އަންނަން.” އިޒާނީ އެތަނުން ދާން ބޭނުން ނުވެފައި އިން ހެން ހީވުމުން ޒަޔާން ބުނެލިއެވެ.
“ޔާން ދޭބަލަ ގަނެގެން އަންނަން.” އިޒާނީ ދާ ހިޔާލެއް ނުކުރިއެވެ.
“ޔޫ ޝުއާރ، ބޭބް؟ އެކަނި އިންނަން ކެރޭނެތަ؟” ޒަޔާން އަހާލުމުން އިޒާނީ ބޯ ޖަހާލިއެވެ. “ކަމެއް ވެއްޖެއްޔާ ގުޅާތި. މީހަކު ވާހަކަ ދައްކަން އުޅުނަސް ގުޅާތި.. ބަލާލިޔަސް ގުޅާތި. އޯކޭ.؟ މި އަންނަނީ ވަރަށް އަވަހަށް..” އިޒާނީގެ ނިއްކުރިއަށް ބޮސް ދެމުން ޒަޔާން ތެދުވިއެވެ. އަދި އެތާ ކައިރީ ހުރި ‘ލުއި ބުއިން’ ކިޔާ ތަނާއި ދިމާލަށް މިސްރާބު ޖެހިއެވެ.
އިރުކޮޅެއް ފަހުން، އިޒާނީމެން ތިބިތޯ ބަލާލި އިރު އަޒާންއަށް ފެނުނީ އިޒާނީ އެކަނި އިން ތަނެވެ. ޒަޔާން ފެންނާކަށް ނެތެވެ. އޭނާ އިޒާނީއާއި ވާޙަކަ ދައްކަން ބޭނުންވެފައި ހުރި ވަރުން އެދިމާލަށް ދާން ހިނގައިގަނެވުނެވެ. ޝާނާވެސް އޭނާގެ ފަހަތުން ދިޔައެވެ. އިޒާނީއާއި ކައިރިވީ ވަރަކަށް އެ މޫނުމަތިން ކުރިން ނުފެނުނު ހިތާމަވެރިކަން އަޒާންއަށް ފެންނަން ފެށިއެވެ. އޭނާގެ ކޮއްކޮގެ ދިރިއުޅުން އުފާވެރިއެއް ނޫނޭ އަޒާންގެ ހިތް ބުނަން ފެށިއެވެ.
“އިޒޫ.” ޒަޔާން ގޮސް އިޒާނީގެ ކުރިމައްޗަށް ހުއްޓުނެވެ. ނަމަވެސް އިޒާނީ އަޅާވެސް ނުލާ އިނީއެވެ.
“އިޒޫ” އިޒާނީގެ ކޮނޑުގައި އަތްލަމުން ތަންކޮޅެއް ބާރަށް އަޒާން ގޮވާލިއެވެ. އެއާއެކު އިޒާނީ ސިއްސައިގެން ދިޔައެވެ. ކާކުތޯ ބަލާލި އިރު، ކުރިމަތީ ހުރީ އޭނާގެ ބޭބެއެވެ.
“ދޮންބެ..” އިޒާނީ މަޑުމަޑުން ބުނެލިއެވެ.
“އިޒޫ ރަނގަޅުތަ؟” އިޒާނީ ކައިރީގައި އިށީންނަމުން އަޒާން އަހާލިއެވެ. އާނއެކޭ ބުނަމުން އިޒާނީ ބޯޖަހާލިއެވެ. އެވަރުން އަޒާން ހިތްހަމައެއް ނުޖެހުނެވެ.
“ދޮންބެއަށް ހާދަ ހީނުވެއޭ..” އިޒާނީގެ ކޮނޑުގައި ހިފާލަމުން އަޒާން ބުނެލިއެވެ. އިޒާނީގެ ހާލު ރަނގަޅު ނޫންކަން އޭނާއަށް ޔަގީނެވެ. “ދެން ބުނެބަލަ.. ޒަޔާން އެއްޗެއް ބުނީތަ؟ އޭނަ ގޯހީތަ؟ އިޒޫއަށް އަނިޔާ ކުރީތަ؟” އަޒާން އެންމެ ފަހުން ބުނެލި ޖުމުލައިން އިޒާނީ ލާން އުޅުނު ނޭވާ ކަރުގައި ތާށިވިއެވެ. އޭނާއަށް އެއައި ބަދަލު އަޒާންއަށް ފާގަނުވެ ނުދިޔައެވެ.
“ހިނގާ ގެއަށް ދާން.. އެކަހަލަ މީހުންނާއެކު އުޅޭކަށް ނުވާނެ.” އަޒާން އޭނާގެ ކޮއްކޮގެ އަތުގައި ހިފާލިއެވެ. އަދި ގެއަށް އައުމަށް އެދުނެވެ. ނަމަވެސް އިޒާނީ އެކަމާ އިންކާރުކުރިއެވެ.
“ދޮންބެ ކީކޭތަ ތިކިޔަނީ؟ ޒަޔާން ވަރަށް ރަނގަޅު.. އެހާ ރަނގަޅު މީހަކު ދޫކޮށްލާފަ ކިހިނެއް ދާނީ؟” އިޒާނީ ބުނެލިއެވެ. “ބައްޕަ ބުނި އެއީ އިޒޫގެ ބައްޕައެއް ނޫނޭވެސް. އެދުވަހު ދޮންބެވެސް ހުރީމެއްނު.” ކުރީގެ ހަނދާންތައް އާކޮށްލަމުން އިޒާނީ ބުނެލިއެވެ.
“އެއީ ބައްޕަ ރުޅި އައިސްގެން ބުނި އެއްޗެކޭ. މިހާރުވެސް ހިނގާބަލަ ގެއަށް. ބައްޕަވެސް ވަރަށް އުފާވާނެ..” އަޒާން އުޅުނީ ކޮންމެވެސް ގޮތަކުން އިޒާނީ ރުއްސައިގެން ގެއަށް ގެންދާށެވެ.
“އައި ޑޯންޓް ތިންކް ސޯ.. މިހާރު މެރީވެސް ކޮށްގެން މިއުޅެނީ. ސޯ، ޒަޔާން ދޫކޮށްފައެއް ނުދެވޭނެ.” އިޒާނީގެ ނިންމުން ބަދަލެއް ނުވިއެވެ. “ސޮރީ.” އަދި އަޒާންގެ ކިބައިން މައާފަށް އެދުނެވެ.
ދެއަތުން ދެ ޖޫސް ތަށި ހިފައިގެން އައި ޒަޔާން ހުއްޓުން އެރީ އިޒާނީގެ ގާތުގައި އިތުރު ދެމީހަކު އިނީމައެވެ. ފުރަގަސްދީގެން ތިބުމުން އެއީ ކޮން ބައެއް ކަމެއް ނޭނގުނެވެ. އެހެންކަމުން އަވަސް ފިޔަވަަޅުތަކެއް އަޅަމުން ޒަޔާން އެދިމާލަށް ދިޔައެވެ. ކައިރިއަށް ދެވުމުން، އެތަނުގައި އިން ފިރިހެން މީހާގެ އަތުން އިޒާނީގެ ކޮނޑުގައި ހިފަހައްޓައިގެން އިން ތަން އޭނާއަށް ފެނުނެވެ. އެއީ ކާކުތޯ ބެލުމެއް ނެތި، ޒަޔާންގެ ލޭ ކެކެން ފެށިއެވެ. (ނުނިމޭ)