ބާސާ މޮޅުވިއިރު، ޔުވެންޓަސްއަށްވެސް މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ގްރޫޕް ޖީގައި ހިމެނޭ ބާސެލޯނާ އާއި ޔުވެންޓަސްވެސް މޮޅުވެއްޖެއެވެ.

ބާސާ މޮޅުވީ އަމިއްލަ ދަނޑުގައި ޑީނަމޯ ކިއެވް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޕެނަލްޓީއަކުން ބާސާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ އޭރިއާ ތެރެއިން މެސީއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މި މެޗުގައި ކިއެވުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ހަމަލާތަކުގެ ހުރަހަކަށްވީ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައި ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެންއެވެ. ސްޓެގެން ވަނީ މެޗުގައި މުހިންމު ގިނަ ސޭވުތަކެއް ކޮށްފައެވެ.

މެޗުގައި ބާސާއިން ލީޑު ފުޅާކޮށްފައިވަނީ 65 ވަނަ މިނެޓުގައެވެ. އަންސޫ ފަޓީ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް ޕީކޭއެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ވިކްޓަ ސިހަންކޯވް ވަނީ ކިއެވަށް މި މެޗުގައި ފަރަގު ކުޑަކޮށްދީފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ ބާސާއިން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ސައްތައިން ސައްތަ ރިކޯޑު ދެމެހެއްޓިއިރު، މި ގްރޫޕުގައި ހިމެނޭ ޔުވެންޓަސް މޮޅުވީ ފެރެންސްވަރޯސް އަތުން 4-1 ންނެވެ.

ފެރެންސްވަރޯސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޔުވެންޓަސްއިން ލީޑު ފުޅާކޮށްފައިވަނީވެސް މޮރާޓާގެ ލަނޑަކުންނެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޕައޮލޯ ޑިބާލާ ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖެހިއިރު، މެޗުގެ 81 ވަނަ މިނެޓުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑަކީ ފެރެންސްވަރޯސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ފެރެންސްވަރޯސްއިން ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންކް ބޮލީއެވެ.

މި ނަތީޖާތަކާއެކު ބާސެލޯނާ ގްރޫޕް ޖީގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސް ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ކިއެވް އާއި ފުލުގައި އޮތް ފެރެންސްވަރޯސްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ