ހުސްވުމެއްނެތް މިތައުރީފު ނިމުމެއް ނެތޭ
ޢަލީ ނައުފަލް، އޯކިޑުމާގެ / ށ.ޅައިމަގު
ސޫރަ ތިޔަފަދަ ނުވާ ދެވަނައެއް ބިންމަތީ
ހޫރެކޭ ނޫރު ބަބުޅާ ތިއީ ޖަންނަތީ
ލޯ މަގޭ ނުދެކެމޭ ހުވަފެނެއްގައި ވިޔަސް
ލޯފުޅެއްގައި ތިނޫނީ ވިދާތީ މުތީ
ފުން އަސަރުގައި ޒަޚަމްވެއްޖެ މިހިތާ މެޔާ
ތުންފަތާ އޭގެ ހެލިލުން އެހައި ޖަޒްބަތީ
ހުއްޓެމުން ވިންދުތައް މަޑުމަޑުން ބުނެލަނީ
ބައްޓަމާ ފަރި އަދާތައް ކިހައި މޫރިތީ
ކަނޑިޔަކުން ކެފުނުހެން ހީވެ އިޙުސާސުތައް
ބަނޑިލަމުންދާ ހިނގައިލުން އެހައި ޒީނަތީ
ހުސްވުމެއްނެތް މިތައުރީފު ނިމުމެއް ނެތޭ
ފިސްވެ ހިތް ދާ އަޖައިބެކެ ތިއީ ޤުދުރަތީ


