ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 04 ނޮވެންބަރ 2020 އާ ގުޅޭ)

ދެއަތުން ދެ ޖޫސް ތަށި ހިފައިގެން އައި ޒަޔާން ހުއްޓުން އެރީ އިޒާނީގެ ގާތުގައި އިތުރު ދެމީހަކު އިނީމައެވެ. ފުރަގަސްދީގެން ތިބުމުން އެއީ ކޮން ބައެއް ކަމެއް ނޭނގުނެވެ. އެހެންކަމުން އަވަސް ފިޔަވަަޅުތަކެއް އަޅަމުން ޒަޔާން އެދިމާލަށް ދިޔައެވެ. ކައިރިއަށް ދެވުމުން، އެތަނުގައި އިން ފިރިހެން މީހާގެ އަތުން އިޒާނީގެ ކޮނޑުގައި ހިފަހައްޓައިގެން އިން ތަން އޭނާއަށް ފެނުނެވެ. އެއީ ކާކުތޯ ބެލުމެއް ނެތި، ޒަޔާންގެ ލޭ ކެކެން ފެށިއެވެ. އޭނާ ދިޔަގޮތަށް ގޮސް ހުއްޓުނީ އިޒާނީއާއި ކުރިމަތިވާނޭ ހެންނެވެ. އޭނާ ފެނުމުން އަޒާން އޭނާއަށް ގޮވާލިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ސޮރީ.. އައި ތޯޓް އެހެން މީހެއް ކަމަށް..” އިޒާނީ ކައިރީގައި އިނީ އޭނާގެ ބޭބެކަން އެނގުމުން ޒަޔާން ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި އިޒާނީ އަތަށް ޖޫސް ތައްޓެއް ދިއްކޮށްލުމަށްފަހު އަޒާންއާއި ސަލާމްކޮށްލިއެވެ.

“އިޒޫ ރަނގަަޅަށް ބަލައްޗޭ..” އަޒާން ދަމުން ޒަޔާންގެ ކޮނޑުގައި ހިފާލިއެވެ. އަދި އޭނާގެ ކޮއްކޮއަށް ރަނގަޅަށް ބެލުމަށް އެދުނެވެ. އާނ އެކޭ ބުނަމުން ޒަޔާން ބޯ ޖަހާލިއެވެ. އާޒިމްގެ ފުށުން ފެންނަ ކަހަލަ ބޮޑާ ކަމެއް އަޒާންގެ ފަރާތުން އޭނާއަކަށް ނުފެނުނެވެ. އެމީހުން ދިޔުމުން ޒަޔާން އައިސް އިޒާނީ ކައިރީގައި އިށީނެވެ.

ހުޅުމާލޭ ފަޅުތެރެގައި އޮތް ޕަނާޝް ޓުއާރސް ސަފާރީގެ މަތީ ޑެކުގައި މިޔުޒިކްގެ އަޑު ގުގުމަމުން ދިޔައެވެ. އެތަނުގައި ޒުވާން އަންހެން ކުދިންތަކެއް އެމީހުންގެ ހަށިގަނޑުތައް މިޔުޒިކާއި އެއްވަރަށް ބަނޑިބަނޑި ލައްވަމުން ދިޔައެވެ. އެ ކުދިން ލާފައި ތިބި ހެނދުމުން ހަށިގަނޑު ނިވާވަނީވެސް ކިރިޔާއެވެ. އޭގެން އެއް ކުއްޖަކީ އާޒިމްގެ ޕާރސަނަލް އެސިސްޓެންޓް، އީމާއެވެ. އެ ކުދިންގެ ހަރަކާތްތަކަށް ބަލަން އާޒިމްއާއި އެއް އުމުރެއްގެ އިތުރު ދެ ފިރިހެނުން ތިއްބެވެ. ކުރިމަތީ ހުރި މޭޒު މަތީގައި އެކި ބާވަތުގެ މަސްތީ ބުއިންތަކުގެ ފުޅިތައް ބަހައްޓާފައި ހުއްޓެވެ. އެމީހުންގެ ބަލާލުމުގައިވެސް އެދުންވެރިކަން ފާޅުވޭވޭ ހުއްޓެވެ.

“ސޯ ސެކްސީ.. ރަތް ހެނދުން ލާފަ ހުރި މަންޖެ މަށަށް.” އާޒިމް ކައިރީގައި އިން މީހަކު ބުނެލިއެވެ. އެއާއެކު އާޒިމް ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ.

“ފިރާގު. ކަލެއަށް އެމަންޖެ ކައިރީ ދެ މިނެޓު ވެސް ހިފަހައްޓައެއް ނުލެވޭނެ.. އެއީ މަގޭ އައިޓަމްއެއް. ދެން އެ ތިބި ކޮންމެ ކުއްޖަކު ނެގިޔަސް އޯކޭ..” އާޒިމް ބުނެލިއެވެ. “ޒަރީރު، ކަލޭވެސް އެމަންޖެ ނޫން ކުއްޖަކު ނަގާ.” އެތާ ތިބި ދެ ރަހުމަތްތެރިންނަށް ބަލާލަމުން އާޒިމް އިންތަނުން ތެދުވިއެވެ.

އާޒިމް ތެދުވެގެން ގޮސް އީމާއާއި ގައިގޯޅިވާން ފެށިއެވެ. އޭރުވެސް އޭނާގެ އަތުގައި ފަސްޓް ފްލީޓް ޝާޑަނޭ ރާ ފުޅިއެއް އޮތެވެ. ދެން ތިބި ދެމީހުންވެސް އައިސް އެތަނުގައި ފަރި ހަރަކާތްތައް ދައްކަމުންދިޔަ އަންހެން ކުދިންތަކު ތެރެއަށް ވަދެ އެމީހުންނާއި ބައިވެރިވިއެވެ. މިޔުޒިކާއި އެއްވަރަށް އެމީހުން އެކަކު އަނެކަކު ގައިގައި ހޭކެމުން ގޮސް އެކަކު އަނެކަކުގެ ގަޔަށް އަތްލާ ބަދުއަހުލާގީ އަމަލު ހިންގަން ފެށިއެވެ. އެ ދަނޑިވަޅުގައި އާޒިމް އީމާ ގޮވައިގެން ވަނީ ސަފާރީގައި ހުރި ކޮޓަރިއަކަށެވެ.

“އައި ވޯންޓް ޓު ޑާންސް..” އީމާ ގޮވައިގެން ކޮޓަރިއަށް ވަނުމުން އޭނާ ކުސްތަޅާލިއެވެ. އޭނާ ހުރީ ގަދަޔަށް މަސްތުވެފައިކަން ބަލާ މީހަކަށްވެސް އެނގޭނެއެވެ.

“ޔޭސް ބޭބީ… ލެެޓްސް ޑާންސް.” ލައިގެން ހުރި ގަމީސް ގައިން ވަކިކޮށްލަމުން އާޒިމް ބުނެލިއެވެ. އަދި އިމާ ލައިގެން ހުރި ރަތްކުލައިގެ ކުރު ހެދުންވެސް އޭނާގެ ގައިން ވަކިކޮށްލާ، އީމާ ގޮވައިގެން އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ.

އަޒާންއާއި ޝާނާ އެކުގައި ވަގުތު ހޭދަކޮށްލުމަށް ފަހު ގެޔަށް އާދެވުނު އިރު މެންދަމު ބާރަވެސް ޖަހައިފިއެވެ. ޝާނާގެ އަތުގައި ހިފައިގެން ގެއަށް ވަން އާޒާންއަށް ހައިރާންކަން ލިބުނީ އޭނާގެ މަންމަ ސިޓިންގރޫމް ސޯފާގައި އިންތަން ފެނުމުންނެވެ. އެ މޫނުމަތިން ހާސްކަމުގެ އަސަރު ފެންނަން ހުއްޓެވެ. އޭނާ ހީކުރީ މަންމައަށް ނުނިދިފައި އިނީ އެދެކުދިން ނައިސްގެން ކަމަށެވެ.

“މަންމަ، ކިހިނެއްވީ ނުނިދާ؟” އާޒިމް އަހާލިއެވެ.

“ދަރިފުޅު، ބައްޕަ ނައިސްގެން އަދި މަޑުކޮށްލީ.. ކޮންމެވެސް އިންޓާނޭޝަނަލް ކްލައިންޓުންތަކެއް އައިސްގެންނޭ ކިޔާފަ ދިޔައީ. މިހާރު އެކަމު އެއޮއް ބާރަ ޖަހާ ބޮޑުވީ. ފޯނުވެސް ނުނަގާ.” ކަންބޮޑުވެފައި އިން ވަރު ހުސްނާގެ އަޑުންވެސް ހާމަވިއެވެ. ކިތަންމެ ބުރަކޮށް އުޅުނަސް އެގާރަ ޖަހަން ވާއިރަށް އާޒިމް އަބަދުވެސް ގެއަށް އާދެއެވެ.

“އެ ވެދާނެ އެމީހުންނާ އެކު އުޅެމުން ފޯނު ނުނެގެނީ ކަމަށް..” އަޒާން ވިސްނާލިއެވެ. އޭނާއަށް އެނގިގެން ބޭރުގެ އެއްވެސް ކްލައިންޓެއް ރާއްޖެއެއް ނާދެއެވެ. އައި ނަމަ އޭނާއަށް އެކަން އެނގުނީހެވެ. އެހެނަސް މަންމަ އިތުރަށް ކަންބޮޑު ވެދާނެތީ އެވާހަކަ ނުބުނެ ބޭއްވިއެވެ. “ބައްޕައަށް އާދެވޭނީ ވަރަށް ލަހުން ކަންނޭނގެ.. މަންމަ ދެން ނިދަން ދާން ވީނު؟ އަޅުގަނޑުމެންވެސް ނިދަން މި ދަނީ.” ހުސްނާ ގޮވައިގެން ސިޑިން އެރި އިރުވެސް އަޒާންއަށް ވިސްނެނީ އޭނާގެ ބައްޕަ ވީ ތަނަކާއި މެދުއެވެ. ފަހަރުގައި، ބޭރުން މީހުން އަންނަ ވާހަކަ އަޒާން ކައިރީ ބުނެފައިވެސް އޮވެދާނެއެވެ. އޭނާ އެކަން ހަނދާންނެތުނީކަމަށް ބަލާ ހިތްހަމަ ޖައްސާލިއެވެ.

ފޯނުގެ އެލާމްގެ އަޑަށް އިޒާނީއަށް ހޭލެވުނެވެ. އޭރު ގަޑިން ފަތިހު ހަތަރެއް ޖެހީއެވެ. އޭނާ ޒަޔާންއަށް ގޮވާލަމުން ޑިއުޓީ ގަޑި ޖެހެނީ ކަމުގައި ބުނެލިއެވެ. އިޒާނީ ފާހާނާއަށް ވަދެ ނިކުތުމުން ޒަޔާން ފާހާނާއަށް ވަނެވެ. އިޒާނީ އަވަސްވެގަތީ ޒަޔާން ދިޔުމުގެ ކުރިން ލުއި ކާއެއްޗެއް ތައްޔާރު ކޮށްލެވޭތޯއެވެ. އެހެންކަމުން އައިސް އަލަމާރިން ދެބިސް ނަގާ ބޯތައްޓަކަށް ތަޅާލިއެވެ. އަދި ދެފޮތި ޕާން ޓޯސްޓަރަށް ލާ ޓޯސްޓު ކުރަން ޖެއްސިއެވެ. ޒަޔާން ތައްޔާރުވެގެން އައި އިރު ބިސްގަނޑަކާ ދެފޮތި ޕާން ތައްޓަކަށް ލައިގެން އިޒާނީ އައިސް ކާ މޭޒުމަތީ ބަހައްޓަނީއެވެ.

“ވާއޮ. މޮޅު ވެއްޖެއޭދޯ މައި ވައިފް..” ޒަޔާން ފުރަތަމަވެސް އައިސް އިޒާނީގެ ކޮލަށް ބޮސްދިނެވެ. އޭނާ ކާން އިށީނުމުން އައިސްއަލަމާރިން ޖޫސް ޕެކެޓެއް ނަގާ ޖޫސް ތައްތެއްވެސް އިޒާނީ އަޅާދިނެވެ. ޒަޔާން ޑިއުޓީއަށް ދިޔުމުން އިޒާނި އަނެއްކާ އޮށޯއޮތީ ނިދާށެވެ. ފަތިހުގެ އަރާމު ފިނީގެ ސަބަބުން ނިދީގެ ތެރެއަށް ގެނބިގެންދާކަށް މާ ގިނަ އިރެއް ނުވިއެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ކިޔަވާ ކުުދިން މަދަރުސާއަށް ދާ ވަގުތު ކަމުން، މަގުތައް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ވަމުންދާ ހޫނަށް އެއްވެސް މީހެއްގެ ފަރުވާލެއް ނެތް ކަހަލައެވެ. އެމީހުން މަސައްކަތް ކުރަމުން ދިޔައީ އެމީހެއްގެ މަންޒިލާ ހަމައަށް ދިޔުމަށެވެ. މަގުމަތީގައި ބަރުގޮނުގެ އަޑުފައްގަނޑު ގަދަވެގެން ދިޔުމާއެކު އިޒާނިއަށް ހޭލެވުނެވެ. އޭނާ އިހުނަށްވުރެ ބޮޑަށް ރަޖާގަނޑުތެރެއަށް ބޮނޑިވެގަތީ އަދި އިތުރަށް ނިދާލުމަށެވެ. ނަމަވެސް އެހެން އޮވެފައި ފޯނުން ގަޑި ބަލާލުމަށްފަހު އޭނާ ފުންމައިގެން ތެދުވިއެވެ. ޒަޔާން ޑިއުޓީ ނިންމާފައި ގެއަށް އަންނަ ވަގުތު ގާތްވަނީއެވެ. އަދި އެހުރީ ނުވެސް ކައްކައެވެ. އެހެންކަމުން އިޒާނީ އަވަސް އަރުވާލާފައި ވަނީ ފާހާނާއަށެވެ.

ފެންވަރާ މާގަނޑު ދަށުގައި ހުރެފައި އެއްލި ކަޅިއަކުން އިޒާނީއަށް ފެނުނީ ބިލިގާތެރެ ލޭގެ ކޯރަކަށް ވެފައި ވަނިކޮށެވެ. އެތަން ނުބަލާން އޭނާ ދެލޯމަރާ ފިއްތާލިއެވެ. ލޯ މަރާލުމުން ފެނުނު މަންޒަރުން މާ ހިތަށް ދަތިވިއެވެ. އޭނާގެ ލޯ ކުރިމަތީ ސިފަވެގެންދިޔައީ އޭނާގެ ދަރިފުޅު ވަކިވެގެން ދިޔަގޮތެވެ. އެ އިހުސާސް އަދިވެސް އޭނާއަށް ކުރެވޭކަހަލައެވެ. އިޒާނީ ބަނޑުގައި ފިރުމާލީ އެ ތަދު އިހުސާސްވުމުންނެވެ.

ލޯ ހުޅުވާލާ ބިލިގާ ތެރެއަށް ނަޒަރު ހިންގާލި އިރު ކުރިން ފެނުނު ލޭގެ ކޯރު ގެއްލިއްޖެއެވެ. އެކަން ޔަގީން ކުރުމަށް އިޒާނީ ބިލިގާ ކައިރިއަށް ޖެހެލިއެވެ. އޭނާއަށް ފެނުނީ އޭގެ ތެރޭގައި އޮތް ގަނޑު ލޭގަނޑެކެވެ. އޭތި ހަރަކާތް ކުރަމުންގޮސް ތުއްތު ކުއްޖެއްގެ ސިފަ ޖެހުނުވެސްމެއެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ އިޒާނީއަށް ސިހުން ލިބުނީ އޭނާގެ ފައި ކައިރިން އެއްޗެއް ހަރަކާތް ކޮށްލި ކަމުގެ އިހުސާސް ވުމުންނެވެ. އޭނާގެ ފައިތިލަ މައްޗަށް އަރަމުން އެދަނީ ދެންމެ ފެނުނު ލޭގަނޑެވެ. އިޒާނީ ހަޅޭއްލަވައިގަންނަމުން ދެފައި ތަޅައިގަތެވެ. އެއާއެކު އޭތިވެސް ގެއްލުނެވެ. އޭނާ މޫނުމަތީގައި ދެއަތް އަޅަމުން ހުރިތަނަށް ތިރިވިއެވެ.

“އިޒޫ..” ގެއަށް ވަދެ ދޮރު ތަޅުލަމުން ޒަޔާން އިޒާނީއަށް ގޮވާލިއެވެ. ނަމަވެސް އިޒާނީގެ އަޑެއްބަޑެއް ނުއިވުނެވެ. އޭނާ އަދިވެސް ނިދަނީ ކަމަށް ހީކޮށް ޒަޔާން ގޮސް ކޮޓަރިއަށް ވަނެވެ. އެވަގުތު ފާހާނާގައި މާގަނޑު ދޫކޮށްލާފައި ހުރި އަޑު އިވުމުން ދެވަނަ ފަހަރަށް އޭނާ އިޒާނީއަށް ގޮވާލިއެވެ. ދެންވެސް ޖަވާބެއް ނުލިބުމުން ޒަޔާން ޔުނިފޯމު ބަދަލުކުރިއެވެ. އިޒާނީ މާ ގިނަ އިރު ވާތީ އޭނާ ގޮސް ފާހާނާ ދޮރުގެ ތަޅުގައި ހިފާލިއެވެ.

ދޮރު ހުޅުވުމާއެކު ޒަޔާންއަށް ފެނުނީ ފެންވަރާ މާގަނޑު ދޫކޮށްލައިގެން ތަޅުންގަނޑުމަތީ އިން އިޒާނީއެވެ. އޭނާ އިނީ ދެކަކޫ މެޔާލާ ބޮނޑިކޮށްލާ، މޫނުވެސް ފޮރުވާލައިގެންނެވެ. ކަމެއް ގޯސްވެއްޖެކަން ޒަޔާންއަށް އެނގުނީ ދެނެވެ. އޭނާ ގޮސް ފެންވަރާ މާގަނޑު ބާރުކޮށްލިއެވެ. އަދި އިޒާނީގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ.

“ޒަޔާން..” އިޒާނީ ރޮއެގަންނަމުން ޒަޔާންގެ ގައިގައި އޮޅުލައިގަތެވެ.

“ވަޓްސް ރޯންގް؟” ވީ ގޮތް އޮޅުން ފިލުވުމަށް ޒަޔާން އަހާލިއެވެ.

“ހަމަ ޓޮއިލެޓަށް ވަންނަ އިރަށް އެބަ ފެނޭ.. ލޯ މެރިޔަސް، ލޯ ހުޅުވިޔަސް ފެންނަނީ؟ އައިމް ގޮއިންގ ކްރޭޒީ..” އިޒާނީއަށް ވަމުންދާ ގޮތް އޭނާ ރޮމުން ކިޔާދިނެވެ. އޭނާ މޮޔަވާން އުޅެނީއޭވެސް އިޒާނީ ހިތަށް އެރިއެވެ.

“ލިސެން، ބޭބީ.. މާ ބޮޑަށް ވިސްނާތީއޭ ތިހެން ވަނީ..” އިޒާނީ ގަޔާ ދުރުކޮށްލަމުން ޒަޔާން އޭނާގެ މޫނުގައި ދެ އަތުން ހިފާލިއެވެ. އަދި އެކަމާ ނުވިސްނުމަށް އެދުނެވެ.

މެންދުރު ކެއުމަށް އަޒާން ގެއަށް އައި ވަގުތެވެ. އާޒިމް ސޯފާގައި އިންތަން ފެނުމުން އޭނާގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އޭނާ އޮފީހަށް ދިޔަ އިރުވެސް އާޒިމް ގެއަށް ނާންނަކަން އަޒާންއަށް އެނގުނެވެ. އެހެންކަމުން އޭނާ ގޮސް އާޒިމް ކައިރީ އިށީނެވެ.

“ބައްޕަ ބަލީތަ؟” ކަރުގައި އޮތް ޓައީ ދޫކޮށްލަމުން އަޒާން އަހާލިއެވެ.

“މިއަދު މާ ބޮޑަށް ބޮލުގަ ރިއްސާތީ މިއުޅެނީ..” އާޒިމް އޭނާގެ ނިއްކުރީގައި ފިރުމާލިއެވެ.

“ބައްޕަ ރޭގަ ސަފާރީގަ ކީއްކުރީ؟” އަޒާންގެ ލޯ ސީދާވެފައި ހުރީއާޒިމްގެ މޫނަށެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ