ހޮޅުދޫ މޭނާ ދޮންބެ ވިދާޅުވި ކަމަށް އަޅުގަނޑުގެ ބައްޕަ ވިދާޅުވިއެވެ. ޙަކީމް ދީދީ މެރުމަށް ޙުކުމް ކުރެވުނު ޙުކުމް ތަންފީޒުކުރެވުނު ދުވަހު އެ ހުކުމް ކުރެއްވި ރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލްއިސްލާމް (ޢަބްދުﷲ ފަހުމީ ދީދީ) އެ ކަމުން ނިމިވަޑައިގެން ގެކޮޅަށް ވަޑައިގެންނެވިއިރު އެގެކޮޅުގައި އާދެ! މާފަންނު ފިނިވާގޭގައި ހުންނެވީމެވެ. އެ މަނިކުފާނުގެ މޫނުފުޅުމަތިން ނުތަނަވަސްކަމުގެ އެއްވެސް އަސަރުފުޅެއް ދެކެވަޑައެއް ނުގަންނަވައެވެ.

އެއީ 1953 އެޕްރީލު 7 ވީ އަންގާރަ ދުވަހެވެ. ގއ. ނިލަންދޫ ޙަކީމް ދީދީގެ ގަޔަށް ހުޅުލޭގައި ބަޑިޖަހައި މަރާލީ ސިހުރު ހަދައިގެން ހުވަދުއަތޮޅު އަތޮޅުވެރިޔަކަށް ހުންނެވި ވީރު ޢަލީ ދީދީ އަވަހާރަކޮށްލި މައްސަލައިގައެވެ. އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ޙަކީމް ދީދީ ވީ އިޢުތިރާފަށް ފަހުގައެވެ.
ވިހަ ގަދަ ހިކައެއްގައި ނުބައި ސިހުރެއް ޙަކީމް ދީދީ ލިޔެ އޭނާ ބުނިގޮތަށް އެ ހިކާ ލައިގެން ކުރައެއްގައި ފެންކައްކައި އެ ފެނުގައި ސައި ތައްޔާރުކޮށް އަތޮޅުވެރިޔާއަށް ބޯންދިނީ އެވެ. ޝަރީޢަތުން ނިންމީ އަތޮޅުވެރިޔާ ވީރު ޢަލީ ދީދީ އަވަހާރަވީ އެ ސިހުރުގެ ސަބަބުން ކަމަށެވެ. އެ ސައިކުރާ ކައްކާ ތައްޔާރުކުރީ ގއ. ވިލިނގިލި އަނީސް އެވެ. ޝަރީޢަތުގެ ކުރިން އޭނާ ވަނީ މަރުވެފައެވެ.


