ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް ހުކުރު މިސްކިތުގެ މިންބަރުގައި އެ ހުންނެވީ ހުކުރު ނަމާދުގެ ޚުޠުބާ ދެއްވާށެވެ. އޭރު އެ މިސްކިތުގައި ދިވެހި ދައުލަތް އޭރު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުލްއަޢުޒަމް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެސް ހާޒިރުވެވަޑައިގެން އިންނެވިއެވެ. ދައުލަތުގެ ވަޒީރުންނާއި އަމީރުންނާއި ކަމުވޮށިވެގންވާ ބޭފުޅުން ވެސް ތިއްބެވިއެވެ. އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ހުކުރު ނަމާދަށް ހާޒިރުވެ ތިއްބެވެ. އޭރު މާލޭގައި ހުކުރު ކުރަނީ ހުކުރު މިސްކިތުގައި އެކަންޏެވެ. މާލޭ ހުކުރު މިސްކިތް ކުޑަވުމުގެ ސަބަބުން ހުކުރު މިސްކިތުގެ އިތުރުން ދަރުމަވަންތަ މިސްކިތުގައި ހުކުރުކުރަން ފެށީ 23 ޖުމާދަލްއޫލާ 1378 (5 ޑިސެންބަރު 1958) އިން ފެށިގެންނެވެ. މި ދެންނެވި ހުކުރު ދުވަހަކީ އޭގެ 11 އަހަރު ކުރިން އައި ހުކުރު ދުވަހެކެވެ.
ހިޖުރައިން 2 ރަބީޢުލްއާޚިރު 1367 އެވެ. މީލާދީން ތާރީޚުން އެ ދުވަހަކީ 13 ފެބުރުވަރީ 1948 ވީ ހުކުރު ދުވަހެވެ. އެއީ ޚާއްޞަ ދުވަހެކެވެ. ހުކުރަށް ދިޔައިރު ބައެއް ބޭފުޅުންނަށް އެކަން އެނގިވަޑައި ގަންނަވައެވެ. ނޭނގޭ މީހުންނަށް އެއީ ކޮން ދުވަހެއްކަން އުއްތަމަ ފަނޑިޔާރު މަނިކުފާނު ދެއްވި ހުކުރު ޚުޠުބާއިން އެނގިހާމާވިއެވެ. އެމަނިކުފާނުގެ ޚުޠުބާގައި ރާއްޖެ އިސްލާމްވުމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އެއީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފާހަގަ ކުރި ދުވަހެވެ. އެ ދުވަހުގެ ރަސްމީ ޕްރޮގްރާމު ފެށިގެން ހުކުރު ނަމާދުންނެވެ. ހުކުރު ނަމާދަށް ފަހު އޮތީ ދީނީ ނަސޭހަތް ދެއްވުމާއި ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުމެވެ. ހުކުރު ނަމާދަށް ދިޔަ މީހުން އެކަންކަމުން އަވަދިވެގެން ގެއަށް ދިޔައިރު އެ ދުވަހުގެ ޚާއްޞަކަމާއި މުހިންމުކަމާއި ބޮޑުކަން ރަށުތެރެއަށް އޮތީ އާންމުވެފައެވެ.
އެ ދުވަހުގެ ޢަޞްރު ނަމާދަށް ހުކުރު މިސްކިތުގެ މުންނާރުން ބަންގި ގޮވަންފެށިއިރު ހުކުރު މިސްކިތުގެ ހަރުގެ އޮތީ އެ ދުވަހާ ގުޅިގެން ކިޔުމަށް ހަމަޖެހިފައިވާ މައުލޫދަށް ތައްޔާރުކޮށްފައެވެ. ޢަޞްރު ނަމާދުގެ ޖަމާޢަތަށް ފަހު މައުލޫދު ފަށްޓަވައި ދެއްވީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އެވެ. މައުލޫދު ވިދާޅުވި ބޭފުޅުންގެ ތެރޭގައި އައްޝައިޚް މުޙައްމަދު ޖަމީލް ދީދީ، އަލްއުސްތާޛު އިބްރާހީމް ޝިހާބު، ބަޑި ޢަލީގެ މެދު ސީދީ އާއި ތުއްތު ސީދީ، ޢަލީ ނަޞީރު، ސަބުނަމީގޭ އިބްރާހީމް ދީދީ، ގޮމާގޭ ސީދީ، ބޮޑުގަލު އިބްރާހީމް މަނިކާއި ބޮޑުގަލު ޢަބްދުލް ޙާދީ، މުޙައްމަދު ނިޒާރު (ރަތް ނިޒާރު)، ނާއިބުގޭ ތުއްތު މަނިކު، ދަރަވަންދޫ ޙަސަން ކަލޭފާނު ފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ.
މައުލޫދު ވިދާޅުވި ބޭފުޅުންނަށް އެރޭ ޢިޝާ ނަމާދަށްފަހު ވަރަށް ޚާއްޞަ ފަރިއްކޮޅެއް އޮތެވެ. ބަނޑޭރިގޭގައި އޮތް އެ ފަރިއްކޮޅަށް އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުކޮށްފައެވެ. ބަކަރި ކަތިލާފައެވެ. މި ފަރިއްކޮޅުގައި ދައުލަތުގެ ބޮޑުންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ބައިވެރިވެވަޑައި ގެންނެވިއެވެ. ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ސެކްރެޓަރީން ފެށިގެން މަތީގެ ހުރިހާ މުވައްޒަފުންނަށް އޮތީ ދައުވަތު ދެއްވާފައެވެ. އޭރު އެއީ މާކަގިނަ ބަޔަކު ނޫނެވެ. ހުކުރު ދުވަހަށްފަހު ޖެހިގެން އައި ހޮނިހިރު ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. އެ ދުވަސް ހުކުރު ދުވަހަކާ ދިމާވުމުންނެވެ. އޭގެފަހުން ސުމުއްވުލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަން ނިމުމަކަށް އަންނަންދެން މެދު ނުކެނޑި ކޮންމެ އަހަރެއްގެ ރަބީޢުލްއާހިރު މަހުގެ ދެވަނަ ދުވަސް އައީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެމުންނެވެ. ރަބީޢުލްޢާޚިރު މަހަށް ރަބީއުލްއައްވަލް މަހޭ ވެސް ކިޔައެވެ.
ފުރަތަމަ ޖުމްހޫރިއްޔާއާއެކު ރައީސް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ވެރިކަން 1953 ވަނަ އަހަރު (1373ހ.) ނިމުމަކަށް އައުމުން އެ މަނިކުފާނު ފާހަގަކުރައްވަން ފަށްޓަވައި ނުހަނު ކުލަގަދަކޮށް ފާހަގަކުރައްވަމުން ވަޑައިގެންނެވި ރާއްޖެ އިސްލާމްވި ދުވަސް ވެސް އެ އަހަރު ސަރުކާރަކުން ފާހަގައެއް ނުކުރައްވައެވެ. ސަރުކާރު ހިންގަވަން އުޅުއްވި ބޭފުޅުންނަށް ސަރުކާރުގެ އިންތިޒާމުތައް ހަމަޖައްސަވަން އުޅުއްވަން ހައްދަވައިގެން އެ ދުވަސް ފާހަގަ ކުރެއްވޭގޮތް ނުވީއެވެ. ޖެހިގެން އައި އަހަރުން ފެށިގެން އަނެއްކާ ވެސް ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރައްވަން ސަރުކާރުން ފެށްޓެވިއެވެ. އެއީ އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލުގެ ރަސްކަމެވެ. އެ ދުވަހު އޮތީ ހުކުރު މިސްކިތު ހަރުގޭގައި އޮތް މައުލޫދު ކިޔުމެއް އެކަންޏެވެ. އެ ތަނަށް ކީރިތި މަހާރަދުން ފައިންޕުޅު އެޅުއްވިއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް 1957 ވަނަ އަހަރުގެ ޑިސެންބަރުމަހު ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ސަރުކާރުން ބަދަލުކުރެއްވިއެވެ. މި ބަދަލާއެކު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރައްވަން ފެށްޓެވީ ކޮންމެ ރަބީޢުލްއާޚިރުމަހުގެ 10 ވަނަ ދުވަހުގެ ފަހުން އަންނަ ފުރަތަމަ ހުކުރު ދުވަހެއްގައެވެ. މިގޮތުން ހިޖުރައިން 1378 ވަނަ އަހަރު (މީލާދީން 1958 ވަނަ އަހަރު) ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރެއްވީ 11 ރަބީޢުލްއާޚިރު (24 އޮކްޓޫބަރު) ވީ ހުކުރު ދުވަހުއެވެ. މި ބަދަލު ގެންނެވީ އޭރު އޮތް ދިވެހިރާއްޖޭގެ ތާރީޚު ލިޔާ ކޮމެޓީގެ ލަފާގެ މަތިންނެވެ. ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަސް ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެމުން އަޔަސް ސީދާ އެ ދުވަސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ކަނޑައެޅުއްވި ގޮތަކާމެދު ސުވާލު އުފެދުނީއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މަޢުލޫމާތު ލިބޭ އެންމެ މުޢުތަބަރު މަސްދަރު ކަމުގައިވާ ހުކުރު މިސްކިތު ފިލާގައި ވެސް ރަބީޢުލްއާޚިރު މަހުގެ ވަކި ދުވަހެއް ކަނޑައަޅައި ބަޔާންކޮށްފައި ނެތަތީއެވެ. ހުކުރު މިސްކިތުގައި ހިޖުރައިން 738 ވަނަ އަހަރު އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ބެހެއްޓެވި ފިލާފައި އޮންނަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު ރަސްގެފާނު އިސްލާމްވެވަޑައިގެންނެވިކަމަށެވެ. އެޗްސީޕީ ބެލްގެ މޮނޮގްރާފުގައި އޭނާ ލިޔުއްވާފައިވަނީ ރަސްގެފާނު އިސްލާމްވެ ވަޑައިގެންނެވީ ރަބީޢުލްއާޚިރުމަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ. ދުވަހާ މެދު ޚިލާފުތަކެއް ހުއްޓަސް ދިވެހިތާރީޚު ލިޔުއްވާ ހުރިހާ މުއައްރިޚުން ވެސް ދިވެހިރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހުގައި ކަމަށް އިއްތިފާޤުވެއެވެ.
ހިޖުރައިން 1367 (މީލާދީން 1948) އިން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް އެކި ތާރީޚުތަކުގައި ފާހަގަކުރަމުން އައިސް އެންމެފަހު އެ ދުވަސް ފާހަގަކުރުން ހިޖުރައިން 1388 (މީލާދީން 1968) ވަނަ އަހަރު ސަރުކާރުން ހުއްޓާލެއްވިއެވެ. ދެވަނަ ޖުމްހޫރިއްޔާއަށް އަލިވިލެއް ހަތަރުމަހަށް ވެފައި އޮއްވައެވެ. ދައުލަތުގެ ހުރިހާ ބާރެއް ބޮޑު ވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ އަތްޕުޅަށް ޖަމާވެފައިވަނިކޮށެވެ. ކުރިން ފާހަގަކުރަމުން އައި ގޮތަށް ފާހަގަކުރިނަމަ އެ އަހަރުގެ ރާއްޖެ އިސްލާމްވި ދުވަސް ދިމާވީހީ 12 ޖުލައި 1968 ވީ ހުކުރު ދުވަހަށެވެ. އެއީ ހިޖުރައިން 16 ރަބީޢުލްއާޚިރު 1368 އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ސަރުކާރުން އަލުން ފާހަގަ ކުރައްވަން ފެށްޓެވީ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައެވެ. ތާރީޚުން އެއީ ހިޖުރައިން 2 ރަބީޢުލްއާޚިރު 1421 (މީލާދީން 04 ޖުލައި 2000) ވީ އަންގާރަ ދުވަހުއެވެ. ރާއްޖެ އިސްލާމްވި ދުވަހެއްގެ ގޮތުގައި ރައީސް މައުމޫން ފާހަގަކުރައްވަން ނިންމެވި ދުވަހަކީ އެންމެ ފުރަތަމަ ރާއްޖެ އިސްލާމްވި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެއްވުނު ދުވަހެވެ. އެއީ 2 ރަބީޢުލްއާޚިރެވެ. ނުވަތަ 2 ރަބީޢުލްއައްވަލެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހަކީ 2 ރަބީޢުލްއާޚިރުކަމުގައި ކަނޑައަޅުއްވައި، އެ ދުވަސް ފުރަތަމަ ފާހަގަ ކުރައްވަން ފެށްޓެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އޭގެކުރިން އެއްވެސް ލިޔުމެއްގައި ކަނޑައެޅިގެން އެއީ ކޮން ދުވަހެއްކަން ބަޔާންކޮށްފައި ވާތީއެއް ނުފެނެއެވެ. މުޙައްމަދު އަމީން ދިވެހިތާރީޚު ތަންޤީޙުކުރައްވައި ލިޔުއްވި ތާރީޚު ފޮތުގެ 27 ވަނަ ޞަފުޙާގައި ދިވެހިތާރީޚުގެ “ބައްޕަ” އަލްޤާޟީ ޙަސަން ތާޖުއްދީނާ ހަވާލާ ދެއްވައި ލިޔުއްވާފައިވެއެވެ. “ދިވެހި ދައުލަތުން ރަސްމީ ގޮތުގައި އިސްލާންދީން ޤަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދީނަށް އެނބުރުމަށް ޢަމުރުކުރީ 2 ރަބީޢުލްއާޚިރު 548 މި ދުވަހުއެވެ.” މި ދުވަސް މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން ބަލާލުމުން އަޅުގަނޑަށް ދިމާވި މީލާދީ ތާރީޚަކީ 3 ޖޫން 1153 ވީ ބުދަ ދުވަހެވެ. ރާއްޖެ އިސްލާމްވި މީލާދީ ތާރީޚަކީ 1153 ވަނަ އަހަރުގެ ޖޫން މަސް ކަމަށް ކުރިން ބައެއް ބޭފުޅުން ލިޔުއްވާފައިވާތީ ފެނެއެވެ. (ނިމުނީ)
މަޢުލޫމާތު:
ކދ. އަޙްމަދު މަނިކު (2003) ދިވެހިރާއްޖެ އިސްލާމްވި ދުވަސް. ފަތްތޫރަ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު