ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 25 ނޮވެންބަރ 2020 އާ ގުޅޭ)

“ކަލޭ ތިހުރީ މަށާ އެއްކޮޅަށްތަ ނޫނީ އިދިކޮޅަށްތަ؟” އާޒިމް އެނގެން ބޭނުންވީ އެންމެ ކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

“އާޒިމް ދައްކާ ވާހަކަ. މަ އަބަދުވެސް ހުންނާނީ ކަލެއާ އެއްކޮޅަކަށްނު. މަ ބިރުގަންނަނީ ކަލޭ މިކަމުގަ ބެދިދާނެތީ.” ފިރާގުއަށް އާޒިމްގެ ގޮތް އެނގެއެވެ. އޭނާއާއި ދެކޮޅު ހަދާ މީހުންނަށް ވާ ގޮތްވެސް ފިރާގުއަށް އެނގެއެވެ. އެމީހަކު ދުނިޔެއިން ގެއްލި ހަލާކުކޮށްލުމަށް އާޒިމްއަކަށް މާ އުނގަދުލެއް ނުވާނެކަންވެސް އޭނާއަށް އެނގެއެވެ. ކިތަންމެ ގާތް ރަހުމަތްތެރިއަކަށް ވިޔަސް އޭނާ އާޒިމް ދެކެ ޖެހިލުންވަނީ އެ ސަބަބާއި ހުރެއެވެ.

“ހަހަ… މަށެއް ނުބެދޭނެ. ބެދުނަސް ސަލާމަތްވާނެ ގޮތް މަށަށް އެނގޭ. މި ޒަމާނުގަ ފައިސާ އިން ނުކުރެވޭނެ ކަމެއް ނޯންނާނެ. އެހެންނު؟” އާޒިމް ހުރީ ވަރަށް ހަމަޖެހިފައެވެ. ފައިސާގެ ނުފޫޒުން ދުނިޔެމަތީގައި ކޮންމެ ކަމެއްވެސް ކޮށްލެވިދާނެކަން އޭނާއަށް އެނގެއެވެ. އެ ތަނަވަސްކަން އޭނާގެ އެބަހުއްޓެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ، މީހެއްގެ ހައްގަކަށް އަރައިގެންފި މީހަކަށް އެކަމުގެ އަދަބު ކޮންމެވެސް ދުވަހަކުން ލިބޭނެކަމެވެ. އެފަދަ މީހުން ދުނިޔެމަތީގައިވެސް ފަލީހަތް ވާ ފަހަރު މަދެއް ނޫނެވެ.

“ބައްޕާ…” ފިރާގުއާއި ވާހަކަ ދައްކަން ހުރި އާޒިމް ސިހުނީ އަޒާންގެ އަޑަށެވެ. އޭނާ ފޯނުކޯލު ކުރުކޮށްލަމުން އަޒާންއާއި އެކު ސިޓިންގރޫމަށް ހިނގައިގަތެވެ. ގެއަށް އައިސް ތިބި މެހެމާނުން އެނބުރި ދިޔުމަށް ތައްޔާރުވީ އިރު އާޒިމް ފެންނަން ނެތުމުން އެމީހުން އެތިބީ އާޒިމް އަންނަންދެން މަޑުކޮށްލައިގެންނެވެ. އާޒިމް އައުމުން އެމީހުން ދާން ތެދުވިއެވެ. އަޒާންވެސް އެމީހުންނާއި އެކު ނިކުތީ ކާރުގައި އެމީހުން ގެއަށް ގެންގޮސްދިނުމަށެވެ.

ދުވަހުގެ ސެޝަން ނިންމާލުމަށްފަހު އިޒާނީ ގެއަށް ދާން ނިކުންނަން ދިޔަ ވަގުތެވެ. އޭނާ ކުލާހުން ނިކުތީ ޒަޔާންއަށް ގުޅާ އޭނާ ބަލާ އައުމަށް ބުނެފައެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ދުރުން މީހަކު ގޮވާލި އަޑު އިވިގެންނެވެ. ބަލާލި އިރު އިނާންއެވެ. ބާރު ހިނގުމެއްގައި އޭނާ އިޒާނީއާއި ދިމާލަށް އަންނަ ތަން ފެނުނެވެ. އިނާން ފެނުމުން އިޒާނީ ހިނިތުންވެލިއެވެ.

އިނާން އަކީ ހުތުރު މީހެއް ނޫނެވެ. އަންހެން ކުދިން ހިތް ކިޔާ ކަހަލަ އެތައް ސިފަތަކެއް އޭނާގެ އެބަ ހުއްޓެވެ. ހާއްސަކޮށް އޮފީސް ހެނދުމުގައި އޭނާ ހުންނަ އިރު މާ ސްމާޓް ކަމަށް ދައްކައެވެ. މިއަދު އޭނާ ލައިގެން ހުރީ ގަދަ ނޫ ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. އަރާފައި ހުރީ ކަޅު ބޫޓަކަށެވެ. ގަމީހާއި ގުޅޭގޮތަށް ހިމަ ޓައީއެއް އަޅާފައި ހުރި އިރު، ގަމީހުގެ އަތްކުރި ހުރީ އުޅަބޮއްޓާއި ހަމައަށް އޮޅާލާފައެވެ. ބޮލުގެ އިސްތަށިގަނޑު މައްޗަށް ވާ ގޮތަށް ފުނާ އަޅާފައި ހުރި އިރު، ތުނބުޅި ހުރީ އާދައިގެ ވަރަކަށް ދިގުކޮށްފައެވެ. އިޒާނީ ހިނިތުންވެލުމުން އޭނާވެސް ހިނިތުންވެލިއެވެ.

“ދަނީތަ މިހާ އަވަހަށް؟” އިޒާނީ ކައިރިއަށް ހުއްޓިލަމުން އިނާން އަހާލިއެވެ.

“ކިހިނެއްވީ؟ ކަމެއް އޮތީތަ؟” އިޒާނީވެސް ސުވާލުކުރިއެވެ.

“ނޫން. ކާޑު ހަވާލު ކޮށްލަން ވެގެން. މަ ހީކުރީ ނިންމާފަ އެލް.ޓީ ރޫމަށް ވަދެފަ ކަމަށް ދާނީ.” އިޒާނީ އަތަށް މުވައްޒަފުންގެ ކާޑު ދިއްކޮށްލަމުން އިނާން ވާހަކަ ދެއްކިއެވެ.

“ވަނީމޭ.. ސަރ ނޫޅޭ އަޅުގަނޑު ވަން ގަޑީގަ..” އިޒާނީ އެ ކާޑުގައި ހިފިއެވެ. އެ މަންޒަރު ބަލަން ގޭޓު ކުރިމަތީގައި އިން ޒަޔާން އިނީ ދަތްކުނޑިވިކާލައިގެންނެވެ. އޭނާ ސައިކަލުން ބަރުގޮނު އަޅާލީ އޭނާ އައިސް އިން ކަން އިޒާނީއަށް އަންގާލުމަށެވެ. އެއާއެކު އިޒާނީ ގޭޓާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އިޒާނީގެ މޫނުމަތިން ހިސާބަކަށް ނުތަނަވަސްކަން ފާޅުވިއެވެ. އޭނާއާއި ދޭތެރޭ ޒަޔާން ގޯސް ގޮތަކަށް ދެކިފާނެތީއެވެ. އެހެންކަމުން އަވަހަށް އިނާންއަށް ފުރަގަސްދެމުން އިޒާނީ ހިނގައިގަތެވެ.

“ކާޑު ހަވާލުކުރަން އެ އައީ..” ޒަޔާން ނާހަނީސް އިޒާނީ ބުނެދިނެވެ. އަދި އަތުގައި އޮތް ކާޑު ޒަޔާންއަށް ދައްކާލިއެވެ. ޒަޔާންގެ ހިތުގައި ޝައްކު އުފެދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

“ނާހަމެއްނު..” ސައިކަލު ދުއްވާލަމުން ޒަޔާން ދިނީ ކުރު ޖަވާބެކެވެ. ގެއާއި ހަމައަށް ދެވުނު އިރުވެސް ޒަޔާން އަނގަޔަކުން ނުބުނެއެވެ. އޭނާ އަނގައިން ބުނޭތޯ އިޒާނީ އެތައް ވާހަކައެއް ދެއްކިއެވެ. ސްކޫލުގައި ދިމާވި އެކި ކަންކަމުގެ ވާހަކައެވެ. ނަމަވެސް ޒަޔާންއަށް އެވާހަކަތައް އަޑު އިވުނު ކަމަކަށްވެސް ނުހެދިއެވެ. އެހިސާބުން އިޒާނީވެސް ހިމޭންވީއެވެ.

ގޭ ކައިރީގައި ސައިކަލު މަޑުކޮށްލުމާއެކު އިޒާނީ ފޭބިއެވެ. އަދި ޒަޔާން ފައިބަންދެން މަޑުކޮށްލިއެވެ. ސައިކަލުން ފޭބުމުގެ ބަދަލުގައި އޭނާ ސައިކަލު މަތީ ހަމަޖެހިލާ ޖީބުން ވޭޕް ނެގިތަން އިޒާނީއަށް ފެނުނެވެ. އެހެންކަމުން އިޒާނީ އެކަނި ގޮސް ގެއަށް ވަދެ ލިފްޓަށް އެރިއެވެ. ޒަޔާން އެހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާއަށް އެނގުނެވެ.

އިޒާނީ ދިޔުމުން ޒަޔާން އަތުގައި އޮތް ވޭޕް ތުނބުގައި ޖައްސާލަމުން އެތެރެއަށް ދަމާލިއެވެ. އޭގެ ދުންތައް ވައިގެ ތެރެއަށް ފޮނުވާލަމުން އޭނާ ވިސްނާލިއެވެ. މި ހުރިހާ ދުވަހަކު އޭނާ އުޅުނީ އިޒާނީގެ ފަރާތުން ކުށެއް ނުވަތަ ޝަކުވާކުރާނެ ކަމެއް ނުފެނިގެންނެވެ. މިއަދު އެފަދަ ކަމެއް ފެނުމުން އޭނާގެ ހިތަށް ވަރަށްވެސް އުނދަގޫވެއްޖެއެވެ. ކިތަންމެ ނަފުރަތު ކުރަން ބޭނުންވިޔަސް އިޒާނީ ދެކެ ޒަޔާންއަށް ވަނީ ލޯބި ވެވިފައެވެ. އެ ލޯބި ހިތުގެ ކަނެއްގައި ފޮރުވުމަށް ޒަޔާންގެ ސިކުނޑި ބުނަމުންދިޔައެވެ. އެއާއެކު އޭނާގެ ދައްތަ، ޒައިނާގެ ހަނދާންތައް އާ ވެލިއެވެ.

ކޮޓަރި ދޮރު ހުޅުވުނު އަޑަށް އިޒާނީ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ އަތުގައި އޮތް ފޯނު ޒަޔާން އަތުލިއެވެ. އަދި ފޯނު ބަލަން އިރުކޮޅަކު އިނުމަށްފަހު އެނދުމައްޗަށް ފޯނު އެއްލިއެވެ.

“ހާދަ ކުރީގައޭ ދޯ މިހާރު ތިއުލެނީ.. ހުސް ފިރިހެނުންނާ ވާހަކަ ދައްކާފަ ހުރި މެސެޖުތައް މި ހުރީ ފެންނަން. ދެން ބުނޭ ލީޑިންގ ޓިޗަރޭ، ޕޭރެންޓެކޭ، އެހެން މީހެކޭ.. ތި ސްކޫލުގަ ވެސް އުލެނީ ހުސް ފިރިހެނުންތަ؟ އަދި އިތުރަށް ކިތައް ފިރިހެނުން އިޒާނީ ބޭނުންވޭތަ؟” ޒަޔާންގެ އަޑުގައިވީ ހަރުކަށިކަމެވެ. އެތަށް އެއްޗެއް ކިޔުމުންވެސް އިޒާނީ އެންމެ ބަހެއް ވެސް ނުބުންޏެވެ. އެފަދައިން އިޒާނީ ކަންތައްކުރީ ޒަޔާން އިތުރަށް ރުޅި ގަދަވެދާނެ ފަދަ އެއްޗެއް އޭނާއަށް ބުނެވިދާނެތީއެވެ. ނަމަވެސް އިޒާނީ ބަހެއް ނުބުނުމުން ޒަޔާންގެ ރުޅި ހައްތަހާ ގަދަވިއެވެ.

“ވާހަކަ ދައްކަބަލަ..” އެނދުމަތީގައި ބާއްވާފައި އޮތް ފޮތެއް ނަގާ އިޒާނީ ގަޔާއި ދިމާލަށް ހޫރާލިއެވެ. އެ ފޮތް ގޮސް ޖެހުނީ ޒަޔާންއަށް ފުރަގަސްދީގެން އިން އިޒާނީގެ ބުރަކަށީގައެވެ.

“އައު..” ވީ ތަދުން އޭނާއަށް ބުރަކަށީގައި އަތް އަޅާލެވުނެވެ. ޒަޔާންއަށް ހޭވެރިކަންވީ އެހިސާބުންނެވެ.

“ސޮރީ ބޭބީ..” އޭނާ ވަގުތުން އައިސް އިޒާނީގެ ބުރަކަށީގައި ފިރުމަންފެށިއެވެ. ލޮލުތެރޭގައި ކަރުނަތައް ހިފަހައްޓާލައިގެން އިން އިޒާނީއަށް އިތުރަށް ހިފަހައްޓައެއް ނުލެވުނެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެއާއެކު ޒަޔާން އޭނާ ގެނެސް މޭގައި ބޮނޑިކޮށްލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އިޒާނީގެ މަޑު ގިސްލުމުގެ އަޑު އިވިގެންދިޔައެވެ.

“ސޮރީއޭ ބޭބީ.. ޖަހާކަށް ނޫނޭ އެއްލީ.” އިޒާނީ ގަޔާ ދުރުކޮށްލަމުން އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ޒަޔާން ފޮހެލަދިނެވެ. އަދި އިޒާނީގެ ދެކޮލުގައި ހިފާލަމުން އޭނާގެ ތުންފަތުގައި ބޮސްދޭން އުޅުނެވެ. ޒަޔާން އުޅުނީ އިޒާނީއަށް ލޯބިދީ ހިތްހަމަ ޖައްސާލަދޭށެވެ. އެހެނަސް އިޒާނީ އޭނާގެ މޫނު ޒަޔާންގެ މޫނާއި ދުރުކޮށްލާ މޫނު އަނބުރާލިއެވެ. އެގޮތް ޒަޔާން އަކަށް ކަމަކު ނުދިޔައެވެ. އޭނާ ދެއަތުން އިޒާނީގެ މޫނުގައި ހިފާ ގަދަކަމުން އިޒާނީގެ ތުންފަތުގައި ތުންފަތް ޖައްސާ ފިއްތާލިއެވެ. އެއާއެކު އިޒާނީ ގަދަ ހަދާލުމުން، ޒަޔާންއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. އޭނާ އިޒާނީގެ ތިރީ ތުންފަތުގައި ދަތް އެޅިއެވެ. ވީ ތަދުން، އިޒާނީ ޒަޔާންގެ މޭގައި ދެއަތުން ތަޅައިގަތެވެ. ނަމަވެސް ޒަޔާން މާ ބާރުގަދަވެފައި ފަރިތައެވެ.

އޭނާ އިޒާނީ އެނދުމައްޗަށް ވައްޓާލުމަށްފަހު، އިޒާނީގެ ގައިމައްޗަށް އެރިއެވެ. އަދި އިޒާނީ ލައިގެން އޮތް ޓީޝާޓުގެ ދަށަށް އޭނާގެ އަތް ކޮއްޕާލިއެވެ. އެ ބީހުންތަކުން އިޒާނީއަށް ވީ އަރާމެއް ނެތެވެ. ހިނދުކޮޅެއްގެ ތެރޭގައި އިޒާނީ ތިރިން ލައިގެން އޮތް އަންނައުނު ގަޔާއި ވަކިކޮށްލިއެވެ. އަދި ޒަޔާން އޭނާގެ ދެފައިގާ ހިފާ ދުރުކޮށްލިއެވެ. އިޒާނީގެ ހަށިގަނޑު އެކަމަށް ތައްޔާރު ނުވި ނަމަވެސް، ޒަޔާން އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެން ރޯލަ ރޯލާ އޮތުން ނޫން ކަމެއް އިޒާނީއަކަށް ނުކުރެވުނެވެ.

ޒަޔާންގެ އަތުގައި އޮތް ޓިޝޫ ބޮނޑިކޮށްލަމުން އިޒާނީއަށް ބަލާލިއެވެ. އޭނާ އޮތީ ޒަޔާން ބޭއްވި ގޮތަށެވެ. ޓީޝާޓު ލައިގެން އޮތް އިރު ދެން ހުރި އަންނައުނު އޮތީ އެނދު ކައިރިއަށް ވެއްޓިފައެވެ. އެ މޫނުމަތިން އެއްވެސް ހިތްހަމަ ޖެހުމުގެ އަސަރެެއް ފެންނާކަށް ނެތެވެ. ދެލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކަކަށް ފަހު ތިއްކެއް ލޮލާއި އަލްވަދާއި ކިޔަމުން ދިޔައެވެ. އެތަން ފެނި، އިޒާނީ ކަރިއަށް ޒަޔާން ޖެހެލިއެވެ. އޭނާގެ ރަތްވެފައި ހުރި ތުންފަތުން ލޭ އަންނަތަން ޒަޔާންއަށް ފެނުނީ އެވަގުތެވެ.

“އިޒޫ.. ޔޫ އާރ ބްލީޑިންގ..” އިޒާނީގެ ތުންފަތުގައި ޒަޔާން އަތް ޖައްސާލިއެވެ. އެވަގުތު އިޒާނީ ދިޔައީ ސިހިގެންނެވެ. ޒަޔާންގެ އިނގިލީގައި އުނގުޅިފައި ހުރި ލޭ އިޒާނީއަށް ވެސް ފެނުނެވެ.

“އައިމް ސޯ ސޮރީ ބޭބީ..” ޒަޔާން މައާފަށް އެދުނެވެ. “ދެން ނުރޮއެ ހުއްޓާލާ..” އޭނާ އިޒާނީ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ. ޒަޔާންގެ އެ އަމަލުންވެސް އިޒާނީގެ ހިތުގެ ރިހުން ވީ އިތުރެވެ. ބާރަށް ރޮއެގަންނަމުން އޭނާ ޒަޔާން ގައިގައި އޮޅުލައިގަތީ އެ ހިތުގެ ރިހުމަށް ލުޔެއް ލިބޭތޯއެވެ.

ސީ ހައުސް ރެސްޓޯރެންޓްގައި ޝުޖާއު އިނީ އެކަނިމައި އެކަންޏެވެ. ކުރިމަތީގައި ހުރި ކޮފީތަށި ތުނބުގައި ޖައްސާލުމަށްފަހު އޭނާ ބަލާލީ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށެވެ. ބަލާބެލުމަށް އޭނާ އެއިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. މާ ގިނަ އިރެއް ނުވެ އެ މޭޒުދޮށަށް ދެވަނަ މީހަކު އައިސް ހުއްޓުނެވެ. ޝުޖާއު ތެދުވެ އޭނާއާއި ސަލާމް ކޮށްލުމަށްފަހު ދެމީހުން އެކީ އިށީނެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ