ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 29 ނޮވެންބަރ 2020 އާ ގުޅޭ)

ސީ ހައުސް ރެސްޓޯރެންޓްގައި ޝުޖާއު އިނީ އެކަނިމައި އެކަންޏެވެ. ކުރިމަތީގައި ހުރި ކޮފީތަށި ތުނބުގައި ޖައްސާލުމަށްފަހު އޭނާ ބަލާލީ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށެވެ. ބަލާބެލުމަށް އޭނާ އެއިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. މާ ގިނަ އިރެއް ނުވެ އެ މޭޒުދޮށަށް ދެވަނަ މީހަކު އައިސް ހުއްޓުނެވެ. ޝުޖާއު ތެދުވެ އޭނާއާއި ސަލާމް ކޮށްލުމަށްފަހު ދެމީހުން އެކީ އިށީނެވެ.

އިޝްތިހާރު
އިޝްތިހާރު

“ކިހިނެއްތަ ކަންކަން؟” ޝުޖާއު ކުރިމަތީ އިން މީހާ އަހާލިއެވެ.

“ބަރާބަރު.. މިހާރު އިންޕެކްޓަރެއް މީ. ޒަޔާން ކިހިނެއް؟” ޝުޖާއު އިނީ ހިނިތުންވެލައިގެނެވެ. ޒަޔާންއާއި މިހާ ދުވަސްކޮށްފައި ބައްދަލުވުމުން އޭނާ އެ އިނީ ވަރަށް އުފަލުންނެވެ. އެ ދެމީހުން ބައްދަލުވީ ޒައިނާގެ މަރުގެ މައްސަލައިގައި ޒަޔާން ފުލުހުންގެ މަރުކަޒަށް ދިޔަ ދިޔުމުގައެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން ދެމީހުން ބައްދަލުވެ އުޅެއެވެ.

“ރަނގަޅު ހަމަ….”

“ކީއްވެތަ ޕޮލިހަށް ނުވަނީ؟” ޝުޖާއު އަހާލިއެވެ. “ޕޮލިހަށް ވަން ނަމަ މަށަށްވެސް ފަސޭހަވީސް ދޯ.” ޒަޔާންގެ ވާހަކަ މެދު ކަނޑާލަމުން ޝުޖާއު ވާހަކަ ދެއްކިއެވެ. “ކޭސް އަކާ ހަވާލުވެގެން މިއުޅެނީ.” އޭނާ ގޮނޑީގައި ހަމަޖެހެލިއެވެ.

“ކުރިން ދުވަހު ފެނުނެއްނު ކަނޑުމަތިން ކުއްޖެއް… އެވެސް އާޒިމްގެ ކަމަކަށް ވަނީ…” ޝުޖާއު ބުނެލިއެވެ.

“އެކިހިނެއް އެނގެނީ؟” ޒަޔާންގެ ހަށިގަނޑު މޭޒާއި ކައިރިކޮށްލިއެވެ. އޭނާ އިނީ ޝުޖާއު ދައްކަން އުޅޭ ވާހަކަ އަޑު އަހަން ތައްޔާރަށެވެ.

“ސީސީޓީވީ..” ޝުޖާއު ބުނެލިއެވެ. “އާޒިމްގެ ކާރުގަ އޭނާ ގޮވައިގެން ހުޅުމާލެ ދިޔަ ތަން އެބަހުރި ފެންނަން.” ޝުޖާއު އެހެން ބުނުމުން ޒަޔާން މޭޒުމަތީގައި ބާއްވާފައި އޮތް އަތް މުއްކަވާލިތަން އޭނާއަށް ފެނުނެވެ. އެވަގުތު ޝުޖާއު ލައިގެން އިން ޖީންސުގެ ޖީބުން ޕެންޑްރައިވެއް ނަގާ ޒަޔާންގެ ކުރިމަތީގައި ބޭއްވިއެވެ. އަދި އެ ޕެންޑްރައިވް ރައްކާތެރިކޮށް ޒަޔާންގެ އަތުގައި ބާއްވާދިނުމަށް އެދުނެވެ.

“އެކޮޅު ސިސްޓަމްތަކުން ޑިލިޓް ކުރަންވާ އިރަށް ތިއޮތީ ގެނެސްފަ.. ކުރިން ފަހަރުވެސް ވީ ގޮތް ޒަޔާންއަށް އެނގެއެއްނު.” އެއާއެކު ޒަޔާން އެ ޕެންޑަރައިވް ނަގާ ޖީބަށް ލިއެވެ. އަދި ޝުޖާއު އާއި ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކުރިއެވެ.

އެޕާޓްމެންޓްގެ ރަނގަބީލު ޖެހި އަޑު އިވުމުން އިޒާނީ އަވަސްވެލީ ދޮރު ހުޅުވާށެވެ. ދޮރު ހުޅުވުން ލަސް ވެއްޖެ ނަމަ ޒަޔާން ހިތްހަމަ ނުޖެހިދާނެތީ އުނދުން މަތީގައި ހުރި ތަރުކާރީކޮޅުވެސް ހުރި ގޮތަށް ބަހައްޓާފައި އޭނާ ދުވެފަ ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހެވިލާފައި ހުރީ ޒަޔާން އެއް ނޫނެވެ. ޒޯޔާއެވެ.

“ހާއި..” އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އިޒާނީގެ ތުންފަތުގައި ލާފައި އިން ލަކުނެވެ. “މި ކީއްކޮށްފަ؟” އިޒާނީގެ ތުންފަތަށް އިޝާރާތް ކުރަމުން އޭނާ އަހާލިއެވެ.

“މީ.. އަނެއް.. ޓޮއިލެޓް ގަ އުޅެނިކޮށް ކައްސާލީ..” އިޒާނީ ހެދީ ދޮގެވެ. “ކަމް އިންސައިޑް.” ޒޯޔާ ވަންނަން ތަން ދައްކަމުން އިޒާނީ ބުނެލިއެވެ.

“ކޯޗެއް ތި ކައްކަނީ؟” ޒޯޔާ އެތެރެއަށް ވަދެގެން ދިޔުމުން ދޮރު ލައްޕާލާ އިޒާނީ އަނެއްކާވެސް ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. އޭނާ ފަހަތުން ޒޯޔާވެސް އައިސް ކާ މޭޒުދޮށުގައި އިށީނެވެ.

“ޔާން އަންނަން ވާ އިރަށް ކޮންމެވެސް އެއްޗެއް ހެދޭތޯ މިއުޅެނީ.” އިޒާނީ ގެ ހަރަކާތްތައް ފަރިތަ ކަމުން ޒޯޔާ އިނީ ހައިރާންވެފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އިޒާނީ ކައްކަންވެސް ދަސްކޮށްފިކަން އޭނާއަށް އެނގުނެވެ. އިޒާނީ ކައްކާ ނިމެންދެން ޒޯޔާ މަޑުކުރިއެވެ.

ކައްކާ ނިމިގެން އިޒާނީ ފެންވަރަން ވަން ވަގުތެވެ. ޒޯޔާ މަޑުކޮށްލީ ސިޓިންގ ރޫމުގައެވެ. އެހެން އިންދާ އެޕާޓްމެންޓްގެ ދޮރު ހުޅުވުނު އަޑު އިވިގެންދިޔައެވެ. ދޮރާއި ދިމާލަށް ބަލާލި އިރު ޒަޔާން ވަދެގެން އައި ތަން އޭނާއަށް ފެނުނެވެ. ޒަޔާންއަށްވެސް ޒޯޔާ ފެނުނީ ހަމަ އެވަގުތެވެ. އޭނާ އައިސް ޒޯޔާ ކައިރީގައި އިށީނެވެ. އަދި އިޒާނީ ކޮބާތޯ ސުވާލު ކޮށްލިއެވެ.

“ދޮންބެ.. އިޒޫއަށް އަނިޔާ ކުރަނީތަ؟” ޒޯޔާ ކޮށްލި ސުވާލުން ޒަޔާން ދިޔައީ ސިހިގެންނެވެ.

“ކާކު ތިހެން ބުނީ؟ ޒޯއަށް ހީވޭތަ ދޮންބެ އެކަހަލަ ކަމެއް ކޮށްފާނެއޭ.؟” ޒަޔާންވެސް ކޮށްލީ ސުވާލެކެވެ. އޭނާ އިނީ ހިސާބަކަށް ޖެހިލުންވެސް ވެފައެވެ. އޭނާއަށް ޒޯޔާއާއި ހަތަރު ކަޅި ހަމަކޮށްލަންވެސް ނުކެރުނެވެ. އެހެންކަމުން އޭނާ ޓީވީއަށް ބަލަހައްޓައިގެން އިނީއެވެ. މާ ގިނަ އިރެއް ނުވެ އިޒާނީ ނިކުތެވެ. އަދި އެ ދެމީހުނަށް ކާން ގޮވިއެވެ. ކާން ތިބި އިރު އެ ތިން މީހުންގެ މެދަށްވެސް ވެރިވެފައިވަނީ އާދަޔާ ހިލާފު ހަމަ ހިމޭންކަމެކެވެ. ޒޯޔާ މާ މަޑުން އިނުމުން ޒަޔާން އޭނާއާއި ދިމާވެސް ކޮށްލިއެވެ. ނަމަވެސް ޒޯޔާ އެކަމަކަށް މާ ބޮޑު ސަމާލު ކަމެއް ނުދިނެވެ.

“ހަލޯ… އާދެ ބަލާ.” ކައި ނިމުމާއިއެކު ޒޯޔާ ވަގުތުން ވިކާޝްއަށް ގުޅާލިއެެވެ. އޭނާ އިތުރަށް އެ ގޭގައި މަޑުކުރަން ބޭނުން ނުވެފައި ހުރި ކަހަލައެވެ. ޒޯޔާ ދިޔުމުން ޒަޔާން ބަލާލީ އިޒާނީއާއި ދިމާލަށެެވެ. އޭނާގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ. އޭނާގެ މޫނު އިޒާނީއަށް ފެނުމުންވެސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޒަޔާންއަށް ފުރަގަސް ދެމުން އިޒާނީ ހިނގައިގަތީ ކޮޓަރިއަށެވެ.

“މަޑުކޮށްބަލަ..” އިޒާނީގެ އަތުގައި ހިފަމުން ޒަޔާން ބުނެލިއެވެ. “ޒޯޔާ ގާތު ކީކޭ ކިޔައިގެން ތި އުޅެނީ؟” ޒަޔާންގެ އަޑުގައިވީ ހަރުކަށިކަމެވެ. އޭނާ އިޒާނީގެ އަތުގައި ހިފާ ޒަޔާންއާއި ކުރިމަތި ވާނޭހެން އިޒާނީ އަނބުރާލިއެވެ.

“ނުބުނަން އެއްޗެއް.” ޒަޔާންގެ އަތުން މިންޖުވުމަށް އިޒާނީ މަސައްކަތް ކުރަމުންދިޔައެވެ. އެއާއެކު ޒަޔާން އޭނާގެ އަތުގައި ހިފާ އިތުރަށް ބާރުކޮށްލިއެވެ.

“ދޮގު ނުހަދާ.. އިޒާނީ އެއްޗެއް ނުބުނާ ނަމަ ޒޯޔާ އެހެނެއް ނުބުނާނެ.” އިޒާނީގެ މޫނާއި ޒަޔާންގެ މޫނު ކައިރިކޮށްލަމުން އޭނާ ބުނެލިއެވެ. ޒަޔާންގެ ހޫނު ނޭވާ އިޒާނީގެ މޫނަށް އެޅެމުން ދިޔައިރު ހީވީ އެ ނޭވާގެ ހޫނުން އިޒާނީ އަންދާލަން އުލޭ ހެންނެވެ. އިޒާނީއަށް ބޭއިހުތިޔާރުގައި ދެލޯ މަރާ ފިއްތާލެވުނެވެ. ކުރިމަތީގައި އެހުރީ އޭނާ ދަންނަ ޒަޔާންއެއް ނޫނެވެ.

“މިތަން ފެނުނީ ދޯ؟” އިޒާނީގެ އަނގަމަތީގައި ހިފާލަމުން ޒަޔާން އަހާލިއެވެ. އިޒާނީ ހުރީ އޭނާގެ އަމަލުތައް ހުރި ގޮތުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “ތަންތަނަށް ދާ އިރު މޭކަޕް ކުރަން އެނގޭ.. އެކަމަކު މިވަރު ތަންކޮޅެއް ފޮރުވާލާކަށް ނޭނގުނު ދޯ؟” ޒަޔާން އަދިވެސް ހުރީ އިޒާނީގެ އަނގަމަތީގައި އެއް އަތުން ހިފައިގެންނެވެ.

“ދެން ކީކޭ ޒޯޔާ ގާތު ބުނީ؟” ޒަޔާން ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ. “މަ އަނިޔާ ކުރަނީއޭ ބުނީ ދޯ؟” އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން އަނގަ ހުޅުވާލުމުންވެސް އިޒާނީގެ އަނގައިން އަޑު ބޭރުވާ ގޮތެއް ނުވިއެވެ. އޭނާގެ އަރު ބެދިފައިވާ ކަހަލައެވެ. އޭނާ ނޫނެކޭ ބުނަން ބޭނުމެވެ. ޒަޔާން އެ ދެކެނީ ގޯސްކޮށް ކަމަށް ބުނަން ބޭނުމެވެ. ނަމަވެސް ބޯ ދެފަރާތަށް ހޫރާލުން ފިޔަވާ އިތުރު ހަރަކާތެއް އޭނާއަކަށް ނުކުރެވުނެވެ.

“ކީކޭ ބުނީ؟” އިޒާނީ ވާހަކަ ނުދެއްކުމުން ޒަޔާން އަނެއްކާވެސް ރުޅި ގަދަވާން ފެށިއެވެ. “ކީކޭ ހޭ ބުނީ؟” އޭނާގެ އަޑު ބާރުވާން ފެށިއެވެ.

“ޓޮއިލެޓް ގަ އުލެނިކޮށް ކައްސާލީއޭ..” ކިރިޔާ އިވޭ ވަރަށް އިޒާނީ ބުނެލިއެވެ. އެއާއެކު ޒަޔާން އިޒާނީއާއި ދުރަށް ޖެހެލިއެވެ. އަދި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ޒަޔާން ނެތް ތަނެއްގައިވެސް އިޒާނީ އޭނާ ދިފާއުކޮށްދޭނެ ކަން ޒަޔާންއަށް ވިސްނާލަން މަޖުބޫރުވިއެވެ.
“ސޮރީ..” އިޒާނީ މެޔާ ބޮނޑިކޮށްލަމުން ޒަޔާން މައާފަށް އެދުނެވެ. “އައި ލަވް ޔޫ.” އެއާއެކު އިޒާނީ ލޮލަށް ޖަމާވެފައި ކަރުނަތައް ޒަޔާންގެ ގަމީސް ތެންމާލިއެވެ. އިޒާނީއަށް ޒަހަމް ދީފައި، އެ ޒަހަމްތަކުގައި ބޭސް އަޅައިދެނީވެސް ހަމަ ޒަޔާންއެެވެ. އިޒާނީއަށް އެގޮތްވެސް ރަނގަޅެވެ. އޭނާ ޒަޔާން ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެނބުރި އާއިލާ ކައިރިއަށް ދާކަށްވެސް ބޭނުމެއް ނޫނެވެ.

ބަންދު ދުވަހެއް ކަމަށް ވުމުން އިޒާނި އުޅުނީ ގޭތެރެ ފޮޅާ ސާފުކުރުމަށެވެ. ކުރީކޮޅުގައި އެކަންކަން ކުރުމަށް އުނދަގޫވީ ނަމަވެސް މިހާރު އެކަންކަން ކުރުމަށް އޭނާ ވަނީ ފަރިތަ ވެފައެވެ. އެކަމުގައި ޒަޔާންގެ އެހީ ލިބޭތީ އިޒާނީއަށް ވަރަށް ފަސޭހަވެސްމެއެވެ. މިއަދުވެސް ޑިއުޓީއަށް ދާން ވަންދެން ޒަޔާން އެ އުޅެނީ އިޒާނީއާއި އެކު ގޭތެރެ ފޮޅާ ސާފުކުރާށެވެ. އެކަން ނިމުމުން އިޒާނީ ދިޔައީ ދާ އެއްޗެހި ދޮންނަ މެޝިނަށް އަޅާށެވެ. ޒަޔާން މަޑުކޮށްލީ ސިޓިންގރޫމުގެ ސޯފާގައެވެ.

“ފިލްމު އެޅީތަ؟” ލެޕްޓޮޕާއި ޕެންޑްރައިވެއް ހިފައިގެން އިޒާނީ ކޮޓަރިން ނިކުތެވެ. އަދި އައިސް ޒަޔާން ކައިރީގައި އިށީނެވެ. ޒަޔާންގެ ނަޒަރު ހުރީ ޓީވީއަށް ގެއްލިފައެވެ. އެހެންކަމުން އިޒާނީ އެބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް އޭނާ ނުދެއެވެ.

“އެންމެ ފިލްމެއްތަ އެޅީ؟” އިޒާނީ ބުނެލި އަޑު ޒަޔާންއަށް އިވުނެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ