މާރަންދޫ އާއި ތަކަންދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހއ. މާރަންދޫ އަދި ތަކަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ( އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަށް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމްއާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް،އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އިޝްތިހާރު
އިޝްތިހާރު

ތަކަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ކުދި ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ރަށުރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ލަފާފުރުމުގެ ދަތިތައްވެސް ހައްލުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މާރަންދޫ މަޝްރޫޢުގެ ދަށުން، 9248 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 45,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1657 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 60 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 150 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 17 މީޓަރުގެ ގްރޮއިން ޖެހުމާއި، 215 މީޓަރުގެ އެއްގަމުތޮށި ލުމާއި، 194 މީޓަރުގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތުކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ، 70 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 2291 އަކަ މީޓަރުގެ ސަރަޙައްދެއްގެ ޕޭވްމަންޓްހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ހަމައެފަދައިން ތަކަންދޫ މަޝްރޫޢުގެ ދަށުން، 15,565 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން އަދި ނެރު ފުންކުރުމާއި، 58 މީޓަރުގެރިވެޓްމެންޓް ޖެހުމާއި، 161 މީޓަރުގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓަރ ރިވެޓްމެންޓެއް ޖެހުމާއި، 244 މީޓަރުގެ އެއްގަމުތޮށިލުމާއި، 17 މީޓަރު ދިގު 7 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 11 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 2463 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުމާއި،ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މާރަންދޫ މަޝްރޫޢަކީ 43.98 މިލިއަން ރުފިޔާއަށް 480 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށްވާއިރު، ތަކަންދޫ މަޝްރޫޢަކީ46.59 މިލިއަން ރުފިޔާއަށް 420 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ