ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވަން ނިންމަވައި އެކަން އިއުލާންކޮށްފިއެވެ.
މާޒީގައި ތަޖުރިބާ ކުރެވިފައިވާ ގިނަ ކަންތައްތަކެއްގެ މައްޗަށް ބުރަވެ އަދި އިލްމީ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް ރައީސަށް ތާއިދުކުރަން ނިންމިކަން ހާމަކުރަން ގިނަ އަދަދެއްގެ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވި އެ ޕްރެސް ގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވީ ރައީސްގެ ފަރާތުން ފެނިވަޑައިގެންނެވި އެންމެ މުހިއްމު އެއް ސިފައަކީ ކެތްތެރިކަން ކަމަށެވެ.
“ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ކެތްތެރިކަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ބޭފުޅެއް” އިލްޔާސް ވިދާޅުވިއެވެ.
މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ހިލާފަށް ރައީސް އަކީ އެތެރެ އާއި ބޭރުގެ ދުއްތުރާތައް ކުރިމަތިލާން ޖެހުނުއިރުވެސް ބައެއް ބޭފުޅުން ގޮތަށް ރުޅިއިސްކުރުއްވައި ރުންކުރު ނިންމުންތަކެއް ނިންމަވާފައިނުވާ ބޭފުޅެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.
“މިއީ ރާއްޖޭގެ ސިޔާސީ މާހައުލެއް އުފެދުނު ފަހުން ރާއްޖެ ތަޖުރިބާކޮށްފައިނުވާ ހަމަޖެހުން މިއަދު ރައްޔިތުންނަށް ތަޖުރިބާކުރަން ލިބުނު އެންމެ ބޮޑު އެއްއަސްލު” އިލްޔާސް އިތުރަށް ވިދާޅުވިއެވެ.
ހަމައެއާއެކު އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު އަލީ ޒާހިރު ވިދާޅުވީ ދީނީ އިލްމުވެރިން މިނިވަންކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ރައީސް ސޯލިހު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. ދީނުގެ ދައުވަތުގެ މައިދާނުގައި މަސައްކަތްކުރަމުން ދިޔައިރު ގިނަ އިލްމުވެރިންތަކެއް ރަށްރަށަށް ވަޑައިގެން ޕްރޮގްރާމްތަކުގައި ބައިވެރިވިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޑރ ޒާހިރު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ދީނީ ރޮނގުން ޕްރޮގްރާމްތައް ހިންގިފައި ނުވާ ވަރަށް މި ސަރުކާރުގައި ޕްރޮގްރާމްތައް ހިންގާފައިވާނެކަމަށެވެ. އަދި ރައީސް ސޯލިހު ހާއްސަ ސަމާލުކަމެއް ދީގެން ޒަކާތުގެ ބިލަކާއި ހައްޖުގެ ބިލެއްގެ އިތުރުން ވަގުފްގެ ބިލެއްވެސް އެކުލަވާލާފައިވާ ކަމަށް ޑރ ޒާހިރު ވިދާޅުވިއެވެ. އެ ބިލްތައް މިހާރު ބަންޑާރަނައިބުގެ ލަފާއަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ އިލްމުވެރިންތަކެއް ރައީސަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައި މިވަނީ އިލްމުވެރިން ގުޅުމުގެ ގިނަ އިލްމުވެރިންތަކެއްގެ ތާއީދު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތް ކަމަށް ހާމަ ކޮށްފައި ވަނިކޮށެވެ.