މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިއަދު ކުރަން ޖެހޭ ކަމަކީ ކަނޑި އާއި ބަޑި ހިފައިގެން ނުކުތުމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފ. ބިލެތްދުއަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަދުޅުގައި ވިދާޅުވީ ގައުމިއްޔަތާއި ދީނާއި މިނިވަންކަމުގެ ވާހަކަ ދައްކައި އެމަނިކުފާނުގެ ވާދަވެރިން ދަނީބުހުތާނު ދޮގު ހަދަމުން ކަމަށެވެ. އެއީ މުޅިން ވެސް އޮޅުވާލުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ދައުރަކީ މިނިވަންކަމަށްޓަކައިވެސް އެންމެ ގިނަ މަސައްކަތްތައް ކުރެވުނު ދައުރު ކަމަށެވެ.
މި އިންތިހާބާ ގުޅިގެން ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށް ބޭރުގެ ނުފޫޒު ވަދެ ގައުމު ދަރާވިކިފައި އޮތް ކަމަށްވާދަވެރިން ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ހުސް ދޮގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
“ވާދަވެރިން ދައްކާ އެއް ވާހަކަ މިނިވަންކަމުގެ ވާހަކަ, ގައުމިއްޔަތުގެ ވާހަކަ, ދަރާ ވިކިފައި އޮތް ވާހަކަ, މިހިރީ ހަމަ ހުސް ދޮގު.” ރައީސް ވިދުޅާވި އެވެ.
“މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިއަދު ކުރަން ޖެހޭ ކަމަކީ ކަނޑި އާއި ބަޑި ހިފައިގެން ނުކުތުމެއް ނޫން. ވަށާ ބޮޑުފާރުލުމެއް ނޫން. ބޭނުންވަނީ ގައުމުތަކާއެކު ބަދަހި ގުޅުން އިތުބާރު ހިފޭ ގުޅުން އުފެއްދުން. އަޅުގަނޑުމެން މިދަނީ ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކު އެ ގުޅުން އުފައްދަމުން.” ރައީސް ސޯލިހު އިތުރަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި 180 އަށް ވުރެން ގިނަ ގައުމާ އެކު ބަދަހި ގުޅުން އުފެއްދިއްޖެއެވެ. ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްކަމަށް ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.