ވާދަވެރިން ދައްކަމުން އަންނަ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ރައްޔިތުން ތިބީ އޮޅުވާލުމެއްގެ ތެރޭގައި ކަމަށާއި ދެވަނަ ބުރުގައި ރައްޔިތުންނަށްއޮޅުން ފިލާވަރަށް ހުރިހާ ކަމެއް ސާފުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ސާރުކާރާ ދެކޮޅަށްވަރަށް ގިނަ ދޮގު ވާހަކަތައް ދައްކާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ގޮތަށް ބޭރުގެ ސިފައިންނާ ގުޅުވައިގެންނާއި ގައުމުގެމިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ވާހަކަތައް ދައްކާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި އެ ކަންކަން ރައްޔިތުންނަށް ދެވަނަ ބުރުގެ ކެމްޕެއިނުގެ ތެރޭގައި އޮޅުންފިލުއްވައިދެއްވާނެ ކަމަށެވެ. އިންތިހާބުގެ ކެމްޕެއިން ފެށިގެން އައިއިރު ވާދަވެރި ފަރާތްތަކުން ދައްކަމުން އައި ދޮގު ވާހަކަތައް ރައްޔިތުންނަށް އޮޅުންފިލާވަރަށް ފުރަތަމަ ބުރުގެ ތެރޭގައި ކިޔާދެވިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ވާހަކަތަކަކީ ފުރަތަމަ ބުރުގައި ވަރަށް ބޮޑު “ޗެލަންޖަކަށް” ވީ ކަމެއް ކަމުގައެވެ.
ވާދަވެރިން ދައްކަމުން އަންނަ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ފަރާތްތަކުން ދައްކަމުން އަންނަ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އެ ކަންކަން ރައްޔިތުންނަށް އޮޅުންފިލާވަރަށް ހާމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ ކަންކަން އޮޅުންފިލުވައިދިނުމުން ރައްޔިތުންނަށް ވިސްނޭނެ ކަމަށެވެ.
ރައްޔިތުންނަށް އިތުރަށް ދޯކާ ދޭން ނޫޅުނިއްޔާ ރަގަޅުވާނެ.