މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ކޮމިޝަނަލް ޖެނެރަލް އޮފް ކަސްޓަމްސް މެދުވެރިކޮށް ބިރު ދައްކަމުންދާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލް ތުހުމަތުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ މި ސަރުކާރުން މުވައްޒަފުންނަށް ބިރު ދެއްކުން އަދިވެސް ކުރިޔަށް ގެންދާ ކަމަށާއި ކަސްޓަމްސްގެ މުވައްޒަފުންނަށްވެސް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ.
ތޮލާލް ވިދާޅުވީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އަދި އިތުރު ގަޑީގެ ފައިސާއަށް ގިނަ ބަދަލުތަކެއް މި ސަރުކާރުން ގެންނަމުންދާ ކަމަށާއި މިއީ ރަނގަޅު ބަދަލަކަށް ވާނަމަ ރައްޔިތުން އެކަން ބަލައިގަންނާނެ ކަމަށެވެ. އަދި ވަކިވަކި މީހުންނަށް ގުޅައިގެން އެމީހުންގެ ޖޫރިމަނާ ފައިސާ އާއި މީރާއަށް ދައްކަންޖެހިފައި ހުރި ފައިސާ މާފުކުރި ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް ތޮލާލް ވަނީ ތުހުމަތުކޮށްފައެވެ. އެކަމަކު އިންތިހާބަށް 15 ވަރަކަށް ދުވަސްވެފައި ވަނިކޮށް މިބަދަލުތައް ގެނައުމުގެ ބޭނުމަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ވޯޓު އެހާ ކައިރިވެފައިވަނިކޮށް ރައްޔިތުންނަށް އެކަހަލަ ކަންތައްތައް ކޮށްދީފައި އޭގެ ބަދަލުގައި ވޯޓު ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ. އިންތިހާބު ނިމުމުން އެކަންތައް އަނބުރާ ކުރިން ހުރި ގޮތަށް ބަދަލުވެގެންދާނެ ކަމުގައި ތޮލާލް ފާހަގަކުރިއެވެ. އަދި ފައިސާއަށް ހެއްލި ވޯޓު ގެއްލުވާނުލުމަށާއި ބާތިލް ވޯޓަށް ސަމާލުވުމަށް ތޮލާލް ވަނީ ގޮވާލާފައެވެ. އެގޮތުން ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ނުލުމަށާއި ފާހަގަ މަތީގައި ދެވަނަ ފަހަރަށް ނުލިޔުމަށްވެސް ތޮލާލް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން އިންތިހާބުގެ ދެވަނަ ބުރުގަައި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކަށް އެ ފުރުސަތު އެބައޮތް ކަމަށާއި ކޯލިޝަން ހެދިޔަސް މުއިއްޒުގެ މެނިފެސްޓޯ އަށް އަދި އެމީހުންގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ.