ގިނަ ބަޔަކު ރީ-ރަޖިސްޓްރީވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން- އަނަސް

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ގިނަ ބަޔަކު ރީރަޖިސްޓްރީވަމުން ދިއުމަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭކަމެއް ނޫން ކަމަށް އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.

މި މަހުގެ ފަހު ކޮޅު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން އެތައް ހާސް ބަޔަކުރީރަޖިސްޓްރީ ކުރާތީ އިދިކޮޅު ޕީޕިއެމާއި ޕީއެންސީން ދަނީ ތުހުމަތުތަކެއް ކުރަމުންނެވެ. ދެ ވަނަ ބުރުގެ ރީރަޖިސްޓްރޭޝަނަށް މިދިޔަ ހުކުރު ދުވަހު ހުޅުވައިލުމުން، މިއަދާ ހަމައަށް 25،400 އަށް ވުރެ ގިނަ މީހުން ރީރަޖިސްޓްރީ ވާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީބުނެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެހާ ގިނަ އަދަދެއްގެ ބަޔަކު ރީރަޖިސްޓްރީ ކުރާތީ އެކަމާ މެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިސްވެ ވަނީ ސުވާލުއުފައްދަވައިފަ އެވެ. އެހެންވެ، ސިޔާސީ ޕާޓީތަކުންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުން އެކަން ރަނގަޅަށް ބަލަން މުއިއްޒު ވަނީގޮވާލައްވައިފައެވެ.

އެ ތުހުމަތުތަކާ ގުޅުވައި އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާ ވެސް ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްގު ބޭނުން ހިފަން އުޅުމަކީ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ހިތްވަރުދީ، އެ ހައްގުގެ ބޭނުން ހިފާތީ އުފާކުރަންވީވަރުގެ ކަމެއް ކަމަށް އަނަސް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނުނިކުމެ އެވެ. އެ އަދަދު 50،000 އަށް ވުރެން ގިނަ ކަަމަށާއި މި އިންތިހާބަކީމިހާތަނަށް އެންމެ މަދުން މީހުން ވޯޓުލާން ނުކުތް އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވޯޓުލާން މީހުން މަދުން ނުކުތުމަކީ، އެމްޑީޕީއަށް ވޯޓުތަކެއް މަދުވި ސަބަބެއް ކަމަށް ބުނެ އެ ޕާޓީން އަންނަނީ ޖަގަހަތަކުގައި އޮންލައިންކޮށް ފޯމު ފުރައިދީ ރީ-ރަޖިސްޓްރީ ކޮށްދެމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ