ކިއާރީ މަލްފޯމޭޝަންސް : ބޭރުން ފެންނަން ނެތަސް ވޭންހުރި ބައްޔެއް

ޞިއްހަތު ފަހުގެ

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ބޮލުގައި ރިއްސުމަކީ ދޭތެރެ ދޭތެރެއިން ދިމާވާ ކަމެއްކަމުން، ބޭސްގުޅައެއް ކާލައިގެން އަރާމުކޮށްލުމުން އެކަން ހަމައަކަށް އެޅެއެވެ. ނަމަވެސް ކިއާރީ މަލްފޯމަޝަންސް ޖެހިފައިވާ މީހުންނަށް ބޮލުގައި ރިއްސާތީ ހޭލެވުމަކީ އެމީހުން ކޮންމެ ދުވަހަކު ތަޖުރިބާކުރާ ވޭނެކެވެ.

އާންމުކޮށް އަޑުނީވުނަސް، ކިއާރީ މަލްފޯމޭޝަންސް އަކީ އެބަލީގެ އުނދަގުލާއި ވޭން ތަހަންމަލު ކުރަމުންދާ ބަޔަކު އުޅޭ ބައްޔެކެވެ. އެގޮތުން މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ކިއާރީ މަލްފޯމޭޝަންސް ހުންނަ ގިނަ ބަޔަކު އުޅެެއެވެ. ބޮލުގައި ރިއްސުމާއި، ސަމާލުކަން ދޭން އުނދަގޫވުމާއި، ނުވަތަ ބެލެންސްދަށްވުން ފަދަ ގިނަ އަލާމާތްތަކެއް މި ބަލީގައި ފާހަގަކޮށްލެވެއެވެ. އަދި ގިނަ މީހުން އުފަންވާއިރު މި ބަލި ހުންނަ ނަމަވެސް 20 ނުވަތަ 30 އަހަރު ވަންދެން މިއަލާމާތްތައް ނުފެނި ހުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ކިއާރީ މަލްފޯމޭޝަންސް (Chiari Malformations) އަކީ ސިކުނޑީގެ ތިރީބައި ބޮލުގެ ނާށިގަނޑާއި ސެރެބެލަމްގެ ބިންގަލުގައި ހުންނަ ހުޅުވުމަކުން ބުރަކަށީގެ ކެނަލް އަށް ފިއްތާލާ، އުފެދުމުގައި ހުންނަ އައިބުކަމެކެވެ. ސެރެބެލަމް އަކީ ސިކުނޑީގެ ބެލެންސް ކޮންޓްރޯލް ކުރާ ބައެވެ. އާންމު ގޮތެއްގައި ސެރެބެލަމް އާއި ސިކުނޑީގެ ދަނޑިގަނޑުގެ ބައިތައް ހުންނާނީ ބޮލުގެ ނާށިގަނޑުގައި ހުންނަ ހުޅުވުމެއްގެ މަތީގައި ކަމުން ސްޕައިނަލް ކޯޑް އޭގެ ތެރެއިން ފާއިތުވެގެންދެއެވެ. މި ހުޅުވުމުގެ ދަށުން ސެރެބެލަމްގެ ބައެއް ދިގުވެ، ބުރަކަށީގެ މަތީބައިގެ ކެނަލްއަށް ވަދެއްޖެނަމަ، އެއަށް ކިޔަނީ ކިއާރީ މަލްފޯމޭޝަންސް(ސީއެމް) އެވެ.

ސީއެމް ގިންތިކުރެވެނީ ބަލީގެ ސީރިއަސްކަމާއި ސިކުނޑީގެ ސްޕައިނަލް ކެނަލްއަށް ނިކުންނަ ބައިތަކަށް ބަލާފައެވެ. އެގޮތުން ސީއެމް ޓައިޕް 1، 2، 3 އަދި 4 ހިމެނެއެވެ. މިއިން ކޮންމެ ގިންތިއެއްގައިވެސް ފެންނަ އަލާމާތްތަކާއި، ދިމާވާ އުނދަގޫތައް ތަފާތުވެއެވެ. އެންމެ އާންމު އަލާމާތަކަށް ފެންނާނީ ބޮލުގައި ރިއްސުމާއި ކަނދުރާގައި ރިއްސުމެވެ. މީގެ އިތުރުން ހޮޑުލެވުމާއި، ބެލެންސް، އަދި އަޑުއިވުމުގެ މައްސަލަވެސް ދިމާވެއެވެ.

ކިއާރީ މަލްފޯމޭޝަންސްއަށް އާންމުކޮށް ޑޮކްޓަރުން ފަރުވާ ދެނީ ސާޖަރީ ކޮށްގެންނެވެ. މި ސާޖަރީގެ އަމާޒަކީ ސިކުނޑިއާއި ބުރަކަށީގެ ކެނަލްގެ އެނަޓޮމީއަށް އަންނަ ބަދަލުތައް ހުއްޓުވުމުގެ އިތުރުން އަލާމާތްތަކަށް ލުއި ހޯދައިދިނުމެވެ. ސާޖަރީ ކާމިޔާބު ވުމުން ސެރެބެލަމް އާއި ސްޕައިނަލް ކޯޑަށް ޕްރެޝަރު ކުޑަކޮށް، ސްޕައިނަލް ފްލުއިޑް ދައުރުވުން އާންމު ހާލަތަށް ގެނެވެއެވެ. ނަމަވެސް މި ސާޖަރީއަށްފަހުވެސް ކިއާރީގެ އަލާމާތްތައް ކުރިއެކޭ އެއްފަދައިން އިއާދަވާ ފަހަރުތައްވެސް މަދެއް ނޫނެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހަކީ ކިއާރީ މަލްފޯމަޝަން އެވެއާނެސް މަހެވެ. މިއީ މި ބައްޔަކީ، އެހެން ކްރޮނިކް ޑިޒީޒްތަކެކޭ އެއްފަދައިން، ބަލިމީހުން ފުރިހަމަ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބައެއް ކަމަށް ފެންނަ ނަމަވެސް، ދުވަހުން ދުވަހަށް ކުރާ މަސައްކަތުގައި އުނދަގޫތަކެއް ތަހަންމަލު ކުރާ ބައެއްކަމާމެދު އާންމުން ހޭލުންތެރިކުރުމަށް ފާހަގަކުރާ މަހެކެވެ.

ކިއާރީ މަލްފޯމޭޝަންސް ހޭލުންތެރިކަމުގެ މި މަސް ފާހަގަ ކުރުމަށް އެންމެ ރަނގަޅު އެއް ގޮތަކީ ވަގުތު ހޯދައިގެން މި ބައްޔާއި މި ބަލި ތަހައްމަލު ކުރާ މީހުންގެ ދިރިއުޅުމަށް އަސަރުކުރާ ގޮތް ދަސްކުރުމެވެ. ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކަށް ފަރުވާއެއް ނެތް ކްރޮނިކް ބަލިތަކާއެކު އުޅުމުގެ ދަތިތައް ކުރިމަތިވާއިރު، އެމީހުންނަށް ކުރިމަތިވާ އުނދަގޫތަކުގެ ހަގީގަތް ދެނެގަންނަ، އެކަންކަން އަޑުއަހާ، ވިސްނުންތެރިކަންފަތަކަށް’ ވުމަކީވެސް އެމީހުންގެ ދިރިއުޅުން ތަންކޮޅެއް ފަސޭހަކުރުމަށް ކުރެވިދާނެ ކަމެކެވެ.

އަދި ދިގުދެމިގެންދާ އެހެން ބަލިތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުމަށާއި، އެ ބަލިތަކާ ބެހޭ މައުލޫމާތު ރައްޓެހިންނާއި އާއިލާއާ ހިއްސާ ކުރުމަށް ވެސް ކިއާރީ އެވެއާނެސް މަސް ބޭނުން ކުރެވިދާނެއެވެ. މިފަދަ ކޮންމެ ކުޑަ ފިޔަވަޅަކުންވެސް ކިއާރީ މަލްފޯމޭޝަން ފަދަ ކްރޮނިކް ބަލިތައް ޖެހިފައިވާ މީހުންނަށް ދުނިޔެއަކީ ތަންކޮޅެއް އޯގާތެރި ތަނަކަށް ހެދުމަށް އެހީތެރިވަމާހެއްޔެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އަސްލުވެސް ވަރަށް ވޭންހުރި ބައްޔެއް. ކިޔައިދޭން އުނދަގޫ އެތައް ތަކްލީފްތަކެއް. ❤️‍🩹
    ކިއަރީ ފައިޓަރ އެއްގެ ހައިސިއްޔަތުން މި ބައްޔަށް ދިވެހިބަހުން ފުރަތަމަ އާޓިކަލް އެއް ލިޔެ ޕަބްލިޝްކޮށްލަދިނީތީ ގޮށްކޮޅު.ކޮމް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! 🫶