( 06 ޑިސެމްބަރ 2020 އާ ގުޅޭ)
ކަނޑުން ޖެހޭ ފިނި ރޯޅިން ހިތްތައް ތާޒާ ކޮށްދެމުން ދިޔައެވެ. ރާޅުތައް ބީއްސާލާ ވަގުތު އިވެމުންދިޔަ ހިތްގައިމު އަޑުން ނަފްސަށް އިތުރު ދިރުމެއް ލިބޭ ކަހަލައެވެ. ސައިކަލު މަތީގައި އިނާން މަޑުކޮށްލައިގެން އިނީ ރާޅުގަނޑު ސަރަހައްދުގައެވެ. އެތަނުގައި ހޭލަމޭލަވެ އުޅޭ މީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ނަމަވެސް އިނާންގެ މޫނުމަތިން މާޔޫސްކަން ފިޔަވާ އެހެން އެއްޗެއް ނުފެނެއެވެ. ފޯނުގެ ޑިސްޕްލޭގައި އިން ފޮޓޯއަށް ބަލަން އޭނާ އިނީ ހިތުގައި އެތަށް ގިނަ ޝަކުވާ ތަކެއް އޮވެ، އެ ޝަކުވާތައް ހިއްސާކުރާނޭ އިތުރު މީހެއް ނެތުމުންނެވެ.
“އަޅެ ކުރިން ބުނެލި ނަމަ..” އިތުރު މީހަކަށް އަޑު ނީވޭ ވަރަށް އިނާންއަށް ބުނެލެވުނެވެ. އޭނާ ބަލަން އިނީ އިޒާނީއަށް ނޭނގި ނަގާފައިވާ އޭނާގެ ފޮޓޯއަކަށެވެ. އެއީ އިޒާނީ ސްޓާފް ރޫމުގައި މަޑުކޮށްލައިގެން އިންދާ ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއަށް ބެލި ވަރަކަށް އޭނާގެ ހިތުގައި އުފެދެމުންދިޔަ ރިހުން ގަދަ ވަމުންދިޔައެވެ. އެ ފޮޓޯގަނޑު ފޯނުން ފޮހެލަން އޭނާ ހިތަށް އެރިއެވެ. ނަމަވެސް ދެން އޭނާ ބޭނުންވާ ގޮތަށް އިޒާނީއާއި ދިމާލަށް ނުބެލޭނެކަން އެނގޭތީ އެ ފޮޓޯއާއި އެކު، އިޒާނީއަށްޓަކައި އޭނާގެ ހިތުގައި އުފެދުނު ލޯބި ވެސް ހިތުގެ ކަނެއްގައި ފޮރުވާލިއެވެ.
ޓާމް ޗުއްޓީ ކައިރިވަމުންދިޔަ ވަރަކަށް ސްކޫލުގައި މަސައްކަތް ބުރަ ވަމުންދިޔައެވެ. އިޒާނިއަކީ ކްލާސް ޓީޗަރެއް ކަމުން ކުދިންގެ ޕޯޓްފޯލިއޯ ތައްޔާރުކޮށް ފައިނަލް ކުރުމުގައި ގިނަ ވަގުތުތަކެއް ސްކޫލުގައި ހޭދަކުރަންޖެހެއެވެ. ޒަޔާންގެ ނުރުހުމުގެ ބަސްތައް ދޭތެރެ ދޭތެރެއިން އިވުނަސް އިޒާނީ އެކަމާ މާބޮޑަށް އަޅައެއްނުލައެވެ. އަދި ދުވަހަކުވެސް ޒަޔާންއާއި ދިމާލަށް އިޒާނީ ނުރުހުމުގެ ބަހެއްވެސް ނުބުނެއެވެ.
“ހާދަ ލަސްވީ؟” އިޒާނީ ގެއަށް އައިސް ވަނުމާއެކު ޒަޔާންގެ އަޑު އިވުނެވެ. އޭރު އިޝާ ނަމާދަށް ބަންގި ގޮވައިފިއެވެ. އޭނާ އިނީ ސޯފާގައި އިށީދެލައިގެންނެވެ. ޓީވީ ހުޅުވާފައި ހުރި ނަމަވެސް ޒަޔާންގެ ނަޒަރު ހުއްޓިފައި ހުރީ އޭނާގެ ފޯނަށެވެ. ދޮރު ހުޅުވުމުން އެ އައީ އިޒާނީ ކަން އޭނާއަށް އެނގުނީއެވެ.
“ސޮރީ.. އިޒޫ ހީކުރީ އަދި ނުނިމޭނެ ކަމަށް. އެހެންވެ ނުގުޅީ.” އިޒާނީ ކޮނޑުގައި އަޅުވާލާފައި އިން ދަބަސް ސޯފާގައި ބޭއްވިއެވެ.
“ބަލާބަ ކިތައްފަހަރު މަ ގުޅާފަ އޮތްތޯ..” ޒަޔާން އެހެން ބުނުމާއެކު ދަބަސް ތެރެއަށް އިޒާނީގެ އަތް ކޮއްޕާލިއެވެ. އަދި ފޯނު ނަގާ ބަލާލި އިރު ޒަޔާންގެ ފަސް މިސްޑް ކޯލް އައިސް އޮތެވެ. އެހިސާބުން ޒަޔާން ހިތަހަމަ ނުޖެހިފައި އިން ސަބަބު އޭނާއަށް އެނގުނެވެ.
“ދަބަސް ތެރޭގަ އޮތީމަ ނޭނގުނީ.. ހިނގާލާފަ މި އައީވެސް..” ޒަޔާންއާއި ޖެހިގެން އިޒާނީ އިށީނެވެ. އަދި ޒަޔާންގެ ބޮލުގައި ފިރުމާލިއެވެ. ޒަޔާންގެ މޫނު ފެނުމުންވެސް އޭނާ ވެފައި ހުރި ވަރުބަލިކަން ފިލާ ގޮސްފިއެވެ.
“ބަނޑުހައި ތަ؟” އިޒާނީ އަހާލިއެވެ. “ކާން ވީނު؟” ޒަޔާން ބޯ ހޫރާލުމުން، އިޒާނީ ކަންބޮޑުވިއެވެ. އަދި ލަހުން އާދެވުނީތީ މައާފަށްވެސް އެދުނެވެ.
“ދޭބަލަ ރެޑީވެލަން..” ޒަޔާން ބުނެލިއެވެ. “ބޭރުން ކާނީ. އިޒޫ ތިހުރީ ޓަޔަރޑް ވެފައެއްނު.” ޒަޔާން އެހެން ބުނެލުމުން އިޒާނީގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފާޅުވިއެވެ. ޒަޔާން އޭނާއާއި މެދު އަޅާލާކަން އިޒާނީއަށް އެނގުނެވެ. އުފަލުން ގޮސް އޭނާ ކޮޓަރިއަށް ވަނެވެ. އަދި ފެންވަރާލައިގެން ރީތިވާ މޭޒު ކައިރީގައި މަޑުކޮށްލުމަށްފަހު ވަތްގަނޑުން މޭކަޕް ސާމާނުތައް ނަގާ އަތުރާލިއެވެ. ލައިގެން ހުރި ހުދު ކުލައިގެ މަތިކޮޅުގައި ހުރި ކަޅު ބޮޅުތައް ފަދައިން އޭނާގެ ލޮލުގައި ކަޅުކުލައިން އައި ލައިނާރ އަލާލިއެވެ. އަދި ތުންފަތުގައި ރަތް ފިޔާތޮށިކުލަ ޖައްސާލިއެވެ. ބޮލުގެ އިސްތަށިގަނޑު އޮމާން ކުރަން ހުއްޓާ ޒަޔާން އައިސް އިޒާނީގެ ފުރަގަހުގައި ހުއްޓެލިއެވެ.
“ޔޫ ލުކް ބިއުޓިފުލް..” އެއީ ޒަޔާން އާންމުކޮށް ބުނެލާ ބަސްކޮޅެކެވެ. ނަމަވެސް މި ފަހަކަށް އައިސް އެފަދައިން އިޒާނީއަށް ތައުރީފުކޮށްލަނީ ވަރަށް މަދު ފަހަރަކުއެވެ. އިޒާނީ ލޯގަނޑަށް ބަލާލުމުން ޒަޔާން ހިނިތުންވެލިއެވެ. މިހާރު އެ ލޯގަނޑުން ފެންނަން ތިބީ އުފާވެރި ދެ މޫނެވެ. ޒަޔާންގެ ދެއަތް އިޒާނީގެ އުނަގަނޑުގައި ވަށާލާފައި އޮތް އިރު ހީވަނީ ދުވަހަކުވެސް އިޒާނީ ގެއްލެން ޒަޔާން ބޭނުންނުވާ ހެންނެވެ.
“މި ކުލަ ޖައްސަބަލަ..” އެހެން ހުރެފައި އިޒާނީ ގެންގުޅޭ މޭކަޕް ސާމާނުތައް ޒަޔާން ހާވާލިއެވެ. އަދި އޭގެން ރަތް ކުލައިގެ ލިޕްސްޓިކެއް ނަގާ އިޒާނީއަށް ދިއްކޮށްލިއެވެ. އެއާއެކު އިޒާނީ ތުންފަތުގައި ކުރިން ޖައްސާފައި ހުރި ކުލަ ފޮހެލުމަށްފަހު ޒަޔާން ބުނި ކުލަ އޭނާ ތުންފަތުގައި ޖައްސާލިއެވެ. އެއަށްފަހު ސެންޓު ފުޅިން ދެތިން ފަހަރަކު ގަޔަށް ފިތާލަމުން އިޒާނީ ތައްޔާރުވެ ނިމުނީކަމަށް ބުނެލިއެވެ.
މާލޭގެ ބޭރު މަގުން ދުއްވަމުން ދިޔައިރު އިޒާނީ އިނީ ނުހަނު ހިތްހަމަ ޖެހިފައެވެ. ކޮންމެ ދުވަހަކީ އެފަދަ ދުވަހަކަށް ވާނެ ނަމަ އޭނާ އަދި މާ ބޮޑަށް ހިތްހަމަ ޖެހޭނެއެވެ. ނަމަވެސް، ހަޔާތަކީ އުފަލާއި ހިތާމަ އެކުލެވިގެންވާ އެއްޗެއްކަން އޭނާއަށް އެނގެއެވެ. ހަޔާތުގެ ކޮންމެ ދުވަހެއް އުފާވެރިއެއް ނުވާނެއެވެ. ހިތާމައާއި ކުރިމަތިލާން ޖެހޭ ދުވަސްތައްވެސް އަންނާނެއެވެ. އެހެންކަމުން، އެ ހިޔާލުތައް އެއްފަރާތް ކޮށްލަމުން އިޒާނީ ޒަޔާންގެ ބުރަކަށީގައި ލައްވެލާ، އޭނާގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އެއާއެކު ސައިކަލުގެ ދުވެލި ޒަޔާން ބާރުކޮށްލިއެވެ.
ލިފްޓަށް އަރާ ޒަޔާން ފިތާލީ ހަތަރު ވަނަ ފިތަށެވެ. ލިފްޓުގެ ދޮރު ލެއްޕުމާއެކު އިޒާނީގެ އަތުގައި ހިފާ ލަތްކެއް ޖަހާލުމާއެކު އޭނާ އައިސް ޒަޔާންގެ ގައިގައި ތަތްވިއެވެ. އެއާއެކު ޒަޔާންގެ ތުންފަތް އިޒާނީގެ ތުންފަތުގައި ޖައްސާލާ އަވަސް ގޮތަކަށް ބޮސްދިނެވެ. ލިފްޓު ހުޅުވެންވާއިރަށް ދެމީހުން ދުރުވެލިއެވެ. ޒަޔާންގެ ލާނެއްކަން ފެނި، އެޕާޓްމެންޓަށް ވަން އިރުވެސް އިޒާނީގެ މޫނުން ހިނިތުންވުން ފިލައިގެން ނުދެއެވެ.
ދޮރު ތަޅުލުމަށްފަހު ޒަޔާން އެނބުރެލީ އިޒާނީއާއި ދިމާލަށެެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އިޒާނީގެ ދެލޮލަށެވެ. އެ ނަޒަރު ތިރިއަށް ދަމުން ގޮސް ހުއްޓުނީ އިޒާނީގެ ތުންފަތަށެވެ. އެކަން އިޒާނީއަށް އެނގުމުގެ ކުރިން ޒަޔާންގެ ތުންފަތުން އިޒާނީގެ ތުންފަތް ފޮރުވާލިއެވެ. އޭނާ އިޒާނީ އުރާލައިގެން ސިޓިންގރޫމުގައި ހުރި ސޯފާ އާއި ދިމާލަށް ހިނގައިގަތެވެ. އޭރު އިޒާނީގެ ދެފައި ޒަޔާންގެ އުނަގަނޑުގައި ވަށާލެވިފައިވިއެވެ. އޭނާގެ ދެއަތުން ޒަޔާންގެ ތަރުތީބުކުރެވިފައި ހުރި އިސްތަށިގަނޑުގެ ތަރުތީބު ގެއްލުވާލައިފިއެވެ.
“ޒަޔާން..” އިޒާނީ ގޮސް ސޯފާގައި ބާއްވާލުމުން އޭނާ ޒަޔާންއަށް ގޮވާލިއެވެ. “ލެޓްސް ގޯ ރޫމްއަށް.” ޒަޔާން ލައިގެން ހުރި ގަމީސް ބާލާ އެއްލައިލިތަން ފެނުމުން އިޒާނީ އެދުނީ ކޮޓަރިއަށް ދިޔުމަށެވެ. ނަމަވެސް އެ އަޑު ޒަޔާންއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާ އިޒާނީ ގައި މައްޗަށް ތިރިވިއެވެ. އަދި ގެނައި އަވަސް ހަރަކާތްތަކާއި އެކު އިޒާނީގެ ތުނި ހަށިގަނޑު ކަޝްފުކޮށްލިއެވެ. ޒަޔާންގެ މަސްތީ ބީހުންތަކުގެ ޖާދޫގައި އިޒާނީ ޖެހޭކަށް މާ ގިނަ އިރެއް ނުނެގިއެވެ.
އާ ދުވަހެކެވެ. ޝުޖާއު އޮފީހުގައި މަޑުކޮށްލީ އީމާގެ މަރުގެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުންނެވެ. ހީކުރިގޮތަށް، ސީސީޓީވީ ފުޓޭޖް މިހާރު ފުލުހުންގެ ސިސްޓަމް ތަކުން ފެންނާކަށް ނެތެވެ. އެކަން ކުރަނީ ފައިސާއަށް ދަހިވެތިވެފައިވާ މީހެއްކަން ޝުޖާއުއަށް އެނގެއެވެ. ނުވަތަ އާޒިމްގެ އިންޒާރުތަކަށް ބިރުން ކޮންމެވެސް މީހަކު އެ ފޮހެލީ ކަމަށް ޝުޖާއު ނިންމިއެވެ. ހަގީގަތުގައި، އާޒިމްއާއި ދެކޮޅަށް ފިޔަވަޅެއް ނެގުމަކީ އޭނާވެސް ޖެހިލުންވާ ކަމެކެވެ. ނަމަވެސް މިފަހަރު ދޫ ދިނުމަށް އޭނާ ވިސްނާފައެއް ނުވެއެވެ. މާދަމާއަކީ ކޯޓު އަމުރުގެ ދަށުން އާޒިމްގެ ސަފާރީ ބަލާ ފާސް ކުރުމަށް ނިންމާފައިވާ ދުވަހެވެ. އާޒިމްއަށް ހައްގުވާ އަދަބު ދިނުމަށް އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ.
“ހަލޯ.. ޒަޔާން.” ޝުޖާއު ގުޅީ ޒަޔާންއަށެވެ. “އެއްކަލަ އެތި ސޭފްކޮށް ބާއްވާތި.. މިހާރު މިކޮޅުން ހުރިހާ އެއްޗެއް ޑިލިޓް ކޮށްލައިފި.” އޭނާގެ އެއް އަތުން ނިއްކުރީގައި ފިރުމާލިއެވެ.
“އެހެންތަ.. ކުރިން ދުވަހު ކިރިޔާ ވައިފްއަށް އޭތި ނުފެނުނީ..” ޒަޔާން އިނީ ދެ ފްލައިޓް ދޭތެރެއިން ލިބުނު ހުސްވަގުތުކޮޅެއްގައި ކޮފީއެއް ބޯށެވެ.
“މާދަމާ މި އުލެނީ ސަފާރީއަށް އަރަންވެގެން. އޭގަ ތިބި މީހުން ތެދަށް ކިޔާދީފިއްޔާ ރަނގަޅު..” ޝުޖާއުގެ ކަންބޮށުވުން ޒަޔާންއާއި ހިއްސާކުރިއެެވެ. “އެމީހުންނަށްވެސް ބިރު ދައްކާފަ ކަންނޭނގެ އޮންނާނީ..” ށުޖާއު ވާހަކަ ދެއްކިއެވެ.
“އޭނާ ތިގޮތަށް ކަން ނުކުރާނެއެކޭ މަ ނުބުނާނަން..” ޒަޔާން ބުނެލިއެވެ. މިވީ ދުވަސްތަކުން ޒަޔާންއަށް އާޒިމް ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. “ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.. ކޮންމެވެސް ދުވަހަކުން އޭނައަށް ހައްގު އަދަބު ލިބޭނެ.” ޒަޔާން ފޯނު ކޯލު ކުރުކޮށްލަމުން ފޯނު ބޭއްވިއެވެ.
އޮފީހަށް ވަނުމާއެކު އަޒާން އަވަސްވެލީ މިއަދު އޮތް މުހިންމު ބައްދަލުވުމަކަށެވެ. އެއީ ބޭރުގެ އިންވެސްޓަރުންތަކަކާއި އެކު ބާއްވާ ބައްދަލުވުމެކެވެ. އަލަށް ހުޅުވަން ނިންމާފައިވާ ގެސްޓް ހައުސްގެ މަސައްކަތް ފެށުމަށް، އެ ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމެކެވެ. އެ މަސައްކަތުގައި އިންދާ ޒަޔާންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ހުޝާމްއެވެ. އޭނާއަކީ ސަފާރީގެ ކައްޕިއެވެ. ކަމެއް ޖެހުނީމަ ނޫނީ އޭނާ ނުގުޅާނެކަން އަޒާންއަށް އެނގެއެވެ.
“ކީކޭ ހުއްޓޭ..؟” ފޯނު ނެގުމާއެކު އަޒާން އަހާލިއެެވެ. ފޯނު ކަންފަތުގައި ޖަހައިގެން އިން އަޒާންގެ މޫނުމަތިން ހާސްކަން ފާޅުވާކަށް މާ ގިނަ އިރެއް ނުނެގިއެވެ.
“ބުނޭ މަޑުކުރާށޭ… މަ މި ނައްޓާލީ ތިކޮޅަށް.” އެންމެ ހިނދުކޮޅެއްވެސް މަޑުނުކޮށް ޒަޔާން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ އާޒިމްގެ ކެބިންއަށެވެ. ވެގެން އުޅޭ ގޮތް ޒަޔާން އޭނާގެ ބައްޕައަށް ކިޔައިދިނެވެ.
“ވަޓް؟” އާޒިމްއަށް އިވުނު ވާހަކަތައް އޭނާ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އަދި އަޒާންއާއި އެކު ދާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް އަޒާން އެކަނި ފޮނުވާލުމުން ގޯހެއް ހިނގާފާނެތީ އާޒިމްވެސް ދިޔައީއެވެ.
އަޒާންއާއި އާޒިމް ގޮވައިގެން ދިޔަ ލޯންޗު ސަފާރީއާއި ކައިރި ކުރި އިރު އެތަނުގައި ޕޮލިސް ލޯންޗެއްވެސް އޮތެވެ. ދެމީހުން ގޮސް ސަފާރީއަށް އެރި އިރު ފަސް މީހުން ފުލުސް ޔުނިފޯމުގައި ތިއްބެވެ. އޭގެތެރެއިން އެކަކު ކުރިއަށް ޖެހިލާ އަޒާން އަތަށް ކަރުދާސް ގަނޑެއް ދިއްކޮށްލިއެވެ. އެއީ ކޯޓު އަމުރެވެ.
“ވަޓް ރަބިޝް އިޒް ދިސް؟” އަޒާންއަށް ބުނެލެވުނެވެ. “އީމާ؟ އޭނަ ރަށަށް ގޮސް ވީ..” އަޒާންއަށް އެނގޭ މިންވަރުން އޭނާ ބުނެލިއެވެ. އެއާއެކު ކުރިއަށް ޖެހުނު ފުލުސް މީހާ ހިނިތުންވެލިއެވެ. އާޒިމްގެ މަކަރުވެރިކަން އޭނާއަށް އެނގޭތީއެވެ.
“މިސްޓާރ ޝުޖާއު. އައި ވިލް ފައިލް އަ ކޭސް އެގެއިންސްޓް ޔޫ..” އާޒިމްގެ އަޑުގައި ހަރުކަށިކަން އެކުލެވިގެންވިއެވެ. “ހުސް ދޮގު ހަދައިގެން ތިއުޅެނީ އަަހަރެމެން ފްރޭމް ކުރާކަށްނު..” އާޒިމްގެ ޝަހާދަތް އިނގިލި ޝުޖާއުއާއި ދިމާލަށް ދިއްކޮށްގެން ހުރެ އޭނާ ވާހަކަ ދެއްކިއެވެ. (ނުނިމޭ)