ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް އިތުރު 12 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ–ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އިތުރު 12 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
އިތުރުކުރެވުނު ވޯޓު ފޮށިތައް:
• މާލޭގެ މީހުން ވޯޓު ލާން އިތުރު ތިން ވޯޓު ފޮށި.
• މާލޭގައި ދިރިއުޅޭ ހއ އާއި ށ. އަދި ލ. އަތޮޅުގެ މީހުން ވޯޓު ލާން ކޮންމެ އަތޮޅަކަށް އިތުރު ވޯޓު ފޮށްޓެއް.
• ވިލިމާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓު ލާން އިތުރު ވޯޓު ފޮށްޓެއް.
• ހުޅުމާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓު ލާން އިތުރު ހަތަރު ވޯޓު ފޮށްޓެއް.
• އިންޑިއާގައި ދިރިއުޅޭ ދިވެހިން ވޯޓު ލާން ޓްރިވެންޑްރަމްގައި އިތުރު ވޯޓު ފޮށްޓެއް.
އީސީން ކުރިން ބުނެފައިވާ ގޮތުގައި، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރީ–ރަޖިސްޓަރީ ކުރަން 50،047 ފޯމު ހުށަހާފައިވެ އެވެ.
ދެ ވަނަ ބުރުގައި ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ މީހުން ރީ–ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީއާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އީސީން ވަނީ އިއްޔެ ހުޅުވާލައިފަ އެވެ. އެ ފުރުސަތު ހުޅުވާލީ މިރޭ 9:00 އާ ހަމައަށެވެ.