އެއްވެސް ސަބަބަކާ ގުޅިގެން ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑި އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިންބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ، އެއްވެސް ސަބަބަކާ ހުރެ ވޯޓުލުން ލަސްވެ ނުވަތަ މެދުކެނޑުނު ކަމުގައި ވިޔަސް، ވޯޓުލާން ކަނޑައަޅާފައިވާ ގަޑި އިތުރު ނުކޮށްދޭނެ ކަމަށެވެ.
އެހެން ކަމުން ވީހާވެސް އަވަހަކަށް ހުރިހާ ފަރާތްތަކުން ވެސް ނިކުމެ ވޯޓުލުމުގެ ހައްގު އަދާކުރުމަށް ހަބީބް ވަނީ ހަނދާންކޮށް ދެއްވައިފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ އިންތިޚާބާއި ޚިލާފަށް ދެވަނަބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އަށެވެ. 5:00 ވުމާއެކު ވޯޓުލުމަށް ހަދާފައިވާ ކިޔުތައް ބަންދުކުރާނެއެވެ. ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.
ރިޔާސީ އިންތިހާބުގައި މިފަހަރު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލައަކީ 282،804 މީހުންނަށެވެ. އެއީ 138394 އަންހެނުން، އަދި 144410 ފިރިހެނުނެވެ. ފުރަތަމަ ބުރަށް ވުރެ ދެ ވަނަ ބުރުގައި އިތުރުވީ 408 މީހުންނެވެ.
ވޯޓުލާން ޖެހޭ މަރުކަޒު ބެލުމަށް ވީއާރު ޖެހުމަށް ފަހު އައިޑީ ކާޑު ނަންބަރު ލިޔެ، 1414 އަށް މެސެޖުކޮށްލުމުން ވޯޓުލާ މަރުކަޒު އެނގޭނެ އިންތިޒާމް އީސީއިން ވަނީ ފަހި ކޮށްދީފައެވެ. އީސީން ވަނީ އެމީހަކު ވޯޓުލާ ފޮށި ބަހައްޓާފައިވާ ތަން ބެލުމަށްފަހު ވޯޓު ލުމަށް ކިޔުގައި ޖެހުމަށް އެދިފައެވެ.