ރައްޔިތުންގެ މަޖިލީހުގައި މިއަދަށް އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖަލްސާ ނުފަށާ ނިންމާލައިފި އެވެ.
ހެނދުނު 9:00 ގައި ޖަލްސާ ފެށިއިރު ތިއްބެވީ 15 މެމްބަރުންނެވެ. ކޯރަމް ހަމަވޭތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުޑައިރުކޮޅަކު މަޑުކޮށްލެއްވެވި ނަމަވެސް މެމްބަރުން ހާޒިރުވެ ވަޑައި ނުގަތުމުން އޭގެ 15 މިނެޓް ފަހުން ވަނީ ޖަލްސާ ނުބާއްވާ ނިންމާލާފަ އެވެ.
ޖަލްސާ ނިންމާލަމުން ނަޝީދު ވަނީ މާދަމާ ވެސް ޖަލްސާ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ.
މިއަދު ޖަލްސާ ބާއްވަން މަސައްކަތް ކޮށްފައި ވަނީ ސަރުކާރު ބަންދުކޮށްފައި ވަނިކޮށް މަޖިލީހަށް ރަސްމީ ދުވަހެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
މިއަދަށް ނެރުނު އެޖެންޑާގައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމަށް މަޖިލީހުން ފާސް ކޮށްފައިވާ ގަރާރާ ގުޅޭ ގޮތުން އިލެކްޝަނުން ފޮނުވަފައިވާ ސިޓީގެ މައްސަލަ އެވެ.