119 ވަނަ ރަސްމީ އާއްމު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މާލެ ސިޓީގެ މޭޔަރ އަދި އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއެވެ. މިއަދުގެ ޖަލްސާއަކީ މޭޔަރުގެ މަޤާމުގައި ޑރ. މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ ފަހު ބައްދަލުވުމެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރައްވަންދެން އެމަނިކުފާނު މަޤާމުގައި ދެމިހުންނަވާނެކަމަށެވެ.
މޭޔަރ ވިދާޅުވީ މަޤާމުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު ނަރީޝް އާއި ހަވާލުކުރެއްވީ އެއީ ޤާނޫނީ ގޮތުން ކުރެވެން އޮތް ކަމަކަށްވާތީއާއި އެގޮތަށް އެކަން ކުރުމަކީއެންމެ އިންސާފުވެރި ގޮތް ކަމަށް ފެނި ވަޑައިގަންނަވާތީ ކަމަށެވެ.
އަދި ރިޔާސީ މެނިފެސްޓޯގައި އޮތް ގޮތަށް ކަންކަން ހާސިލްކުރުމަށްޓަކައި ތަފްސީލްކޮށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރެއްވުމަށް އެކަމަށް ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
އެހެންކަމުން ސިޓީ ކައުންސިލްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަގުތު ދެވިދާނެ ކަމަށް ފެނިވަޑައި ނުގަންނަވާތީ އަދި އެއީ މާލޭގެރައްޔިތުންނަން އެންމެ ޙައްޤު ގޮތް ނޫން ކަމަށްވާތީ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
”އަޅުގަނޑަށް ޓްރާންސިޝަން ޕީރިއަޑުގައި ޓްރާންސިޝަން މަސައްކަތްތަކަށް ވަރަށް ވަގުތު ދޭން ބޭނުންވޭ. އެހެންނޫނިއްޔާ 17 ނޮވެންބަރުގައި މަސައްކަތް ފަށާއިރު [ވެރިކަމާ ހަވާލުވާއިރު] ފުލީ ޕުރިޕެއާޑް ނުވެދާނެ. އަޅުގަނޑު ބޭނުން ޓްރާންސިޝަންގެ މަސައްކަތްތައް ކޮމިޓީތައް ހިންގާގޮތްތައް ބަލައިއެހީތެރިކަންދީ އެ މަސައްކަތައް ހުރިހާ ތަނަކުން ހޯދަންވާ މައުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ޕްލޭން ހަދައިގެން މަސައްކަތްތައް ކުރަން.“
ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ މިއަދާ ހަމައަށް ކައުންސިލްތަކަށް އެކިކަންކަމުގައި ދިމާވެފައިހުރި ދަތިތަކާ ހުއްދަ ނުލިބިގެން ކުރިއަށް ނުދެވިފައި ހުރިމަސައްކަތްތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުއްދަ ލިބިގެން ކުރިއަށްދާނެ ކަމަށެވެ.