ހިފާފައިވާ ބިންތަކުން އިޒްރޭލު ފައިބަން މުއިއްޒު ގޮވާލައްވައިފި

ޚަބަރު ފަހުގެ

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮތް އޮތުން ނިމުމަކަށް ގެނެސް 1967 ވަނަ އަހަރާ ހަމައަށް އޮތް އިޒްރޭލުގެ ސަރަހައްދީ ރޮނގާ ހަމައަށް ފަހަތަށް ޖެހެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

އިޒްރޭލުން ހިސާރުކޮށް އެކި ފަހަރު މަތިން ހަމަލާދީ ވީރާނާކޮށްލާފަައިވާ ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް މިއަދު ވަރުގަދަ ހަމަލާތަކެއް ދިނުމުން، އޭގެ ރަައްދުގައި ކަމަށް ބުނެ އިޒްރޭލުން ގެންދަނީ ޣައްޒާގެ އާއްމުން ދިރިއުޅޭ ސަރަހައްދު ތަކަށް ބޮން އަޅަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެފަރާތުގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން ގޮވައިލައްވަމުން ގެންދަވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލަން ދެފަރާތަށް ވެސް ގޮވައިލަމުންނެވެ.

އެހަމަލާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި މުއިއްޒު ލިއުއްވި ލިއުއްވުމެއްގައި ގޮވައިލެއްވީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގާ ހަމައަށް އިޒްރޭލު ފަހަތަށް ޖެހުމާ އެކު ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށެވެ. އަދި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގަތަރުގެ އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒަރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 198 އަށް އަރައިފައެވެ. ހަމާސް އިން ދިން ހަމަލާގައި އިޒްރޭލުގެ 100 މީހުން މަރުވި ކަމަށް ވެސް އެ އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގަައި އިނގިރޭސިން ފަލަސްތީނު ހިފުމަށް ފަހު ވަޒަންވެރިވި ޔަހޫދީން 1948 ވަނަ އަހަރު އުފެއްދި ދައުލަތުގެ ސަރަހައްދު 1967 ވަނަ އަހަރާ ހަަމައަށް އޮތީ މިހާރަށް ވުރެ އެތައް ގުނައެއް ކުޑަކޮށެވެ. އދ. އިން އެ ދައުލަތް ބަލައިގަތީ އޭރު އޮތް ސަރަހައްދީ ރޮނގުގެ ތެރޭގައެވެ. އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިތުރު ބިންތައް ހިފައި، އޭގެ ފަހުން ވެސް އިޒްރޭލުން އަންނަނީ މެދު ނުކެނޑި ފަލަސްތީނުގެ ބިންތައް ހިފަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ