އިންތިޚާބީ ރައީސްގެ މަގާމުގައި ހުންނެވި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ރައީސްކަމުގެ ހުވައިކުރެއްވުމުން ހުސްވާ މޭޔަރުކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ޖެނުއަރީ 17ގެ ކުރިން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިިސްމާއީލް ހަބީބް އޮންލައިން ނޫހަކަށް ވިދާޅުވީ މޭޔަރުކަމުގެ މަގާމު ހުސްވާނީ ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވައި ކުރެއްވުމަށްޓަަކައި މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ހަބީބު ވިދާޅުވީ ބެލެވޭ ގޮތުގައި ނޮވެމްބަރު 16 ނުވަަތަ 17ވަނަ ދުވަހުގެ ހެނދުުނު އެ މަގާމުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އިސްތިއުފާ ދެއްވުމާ އެކު އެ ކަން އިލެކްޝަންސް ކޮމިޝަނަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގަންވާނެ ކަމަށާއި އެއީ އިންތިޚާބު ބާއްވަން ކެންޑިޑެސީ ހުށަހަޅަން އިލެކްޝަނުން އިއުލާނު ކުރާނެ ހިސާބުކަމަށް ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްވަނީ ކައުންސިލެއްގެ އިންތިޚާބީ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި މެންބަރަކު އެ މަގާމަށް އިންތިޚާބުކުރުމަށް ކަމަށެވެ.
މިހާރު ވެސް މާލޭގެ މޭޔަރުކަމަށް ވާދަކުރުމަށް ބައެއް މީހުން ނިންމައި އެ ކަން އަންނަނީ ހާމަކުރަމުންނެވެ. އަދި ސިޔާސީ ޕާޓީތަކުން ވެސް އެކަމުގެ ޝައުގުވެރިކަން އަންނަނީ ފާޅުކުރަމުންނެވެ.