ގެއްލުނު މަސްވެރިޔާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ފަށައިފި

ޚަބަރު ފަހުގެ

އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެ ފަތިހު މަހަށް ނިކުތް މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހުއްޓުމެއްނެތި ކުރަމުންކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ‘ ހަކުރާ’ އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުންކަމަށް ސިފައިން މިއަދު ހެނދުނު ބުންޏެވެ.  

އިޝްތިހާރު
އިޝްތިހާރު

“މީގެ އިތުރުން ޑޯނިއާ އެއަރކްރާފްޓްވެސް ދަނީ މިއަދު ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކުރަމުން،” -އެމްއެންޑީއެފް-

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރުއެވެ. މަޢުލޫމާތު ލިބުނު ގޮތުގައި 68 އަހަރުގެ އެ މީހާ އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ.އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ.

 އަދި މަހަށް ދިޔަ ދޯނި އދ.ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި އެ ދޯނި ބަޔަކަށް ވަނީ ފެނިފައެވެ. މި ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އަދި މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުންވުމަށް ވެސް ސިފައިންވަނީ އެދިފައެވެ. ފެކްސް ކުރައްވާނަމަ 3391665 މި ނަންބަރަށް ފެކްސް ކުރެއްވުން ވެސް ސިފައިން ވަނީ އެދިފައެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ