މޫސުމީ ބަދަލުތައް މުއިއްޒު ސީރިއަސްކޮށް ނަންގަވާ – ފިރުޒުލް

ފަހުގެ ސިޔާސީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މޫސުމީ ބަދަލުތައް ނަންގަވަނީ ވަރަށް ސީރިއަސްކޮށް ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

“އަލް ޖަޒީރާ” ގެ “ޓޯކް ޓު އަލް ޖަޒީރާ” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާވަރުގެ ސީރިއަސް ކަމެއް އެމަނިކުފާނަށް ފާހަގަ ނުކުރެއްވޭ ކަމަށެވެ. މޫސުމީ މައްސަލަތަކާ ގުޅޭގޮތުން ކުރިންވެސް އެފަދަ ވާހަކަތައް ދައްކަމުންދިޔަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވެފައިވަނީ މޫސުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ސީދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކަނޑުގެ ލޮނުގަނޑު ކިޔަމުން އަންނަ މިންވަރަށް އުފުލޭތަން ފެނިވަޑައިނުގަންނަވާ ކަމަށާއި ރާއްޖެއަށް ޒިޔާރަތްކޮށް ބަލާލުމުން ރާއްޖޭގެ ހާލަތު ސީރިއަސް ނޫންކަން ފެނިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއެއް ހިންގަނީ ތިމާވެއްޓަށް ބަލައިގެން ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ ކަމުގައެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފިރުޒުލް ވިދާޅުވީ ފާޑުކިޔުންތައް އަމާޒުކުރަނީ އިންތިހާބީ ރައީސް ދެއްކެވި ވާހަކަފުޅުގެ މަގުސަދު އޮޅުވާލައިގެން ކަމަށެވެ. އެ އިންޓަވިއުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް މުއިއްޒު ފާހަގަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

“އެކަންކަމަށް ތައްޔާރުވުމަށްޓަކައި ކްލައިމެޓް އެޑެޕްޓޭޝަނަށް މަސައްކަތް ކުރަން ޖެހޭ ވާހަކަ ވަރަށް ސާފުކޮށް ފާހަގަ ކުރެއްވި. އަދި ބޮޑެތި އިގުތިސޯދުތައް އަމަލު ކުރަމުންދާ ގޮތުން ދިވެހިރާއްޖެއަކީ ނުވަތަ ދިވެހިންނަކީ މޫސުމީ ޗެލެންޖުތަކުގެ ވިކްޓިމައިޒް ވެފައިވާ ބައެއްކަން ވެސް ފާހަގަ ކުރެއްވި. ކާބަން ނިއުޓްރަލް ވާހަކަ އާއި އެ މަގަށް މަސައްކަތް ގެންދަން ކުރައްވާނެ ސިޔާސަތުގެ ވާހަކަ ވެސް ދެއްކެވި،” – އިންތިހާބީ ރައީސް ތަރުޖަމާނު މުހައްމަދު ފިރުޒުލް

ފިރުޒުލް ވިދާޅުވެފައިވަނީ މޫސުމީ ބަދަލުތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ގޮންޖެހުންތައްވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ. 

ފިރުޒުލް ވިދާޅުވި ގޮތުގައި މޫސުމީ ގޮންޖެހުންތަކާ އެކު ވެސް ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިއަށް ގެންދެވޭނެ ކަމަށް މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ