އިންތިގާލީ ކޮމެޓީގެ މައިގަނޑު މަސައްކަތްތައް މާދަމާއަށް ނިންމާލެވޭނެކަމުގެ އުންމީދު އެބައޮތް – ފިރުޒުލް

ޚަބަރު ފަހުގެ

އިންތިގާލީ ކޮމެޓީތަކުގެ މައިގަނޑު މަސައްކަތްތައް ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލައި ރިޕޯޓުތައް އާންމު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިންތިގާލީ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަހަށް އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް ނިންމާލެވޭނެތޯ ސުވާލު ކުރުމުން ތަރުޖަމާނު ފިރުޒުލް ވިދާޅުވީ ކުރިން ވެސް އަމާޒު ހިފި ގޮތަށް އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލި ނަމަވެސް، ބައެއް ކޮމެޓީތަކުގެ މަސައްކަތްތައް އެ ދުވަހަށް ނުނިމިދާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އޭނާ ވިދާޅުވީ ބައެއް އިދާރާތަކާ ގުޅިގެން އިންތިގާލީ ކޮމެޓީތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެދުވަހަށް ނިންމާނުލެވޭނެ ކަމަށެވެ. އެއީ ކޮން އިދާރާތަކެއް ކަމެއް ފިރުޒުލް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ފިރުޒުލް ވިދާޅުވީ ގިނަ ކޮމެޓީތަކުގެ މަސައްކަތްތައް ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އިންތިގާލީ ކޮމެޓީތަކުގެ ރިޕޯޓުތައް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ މަސައްކަތްތައް ކުރުމަށް 400 އެއްހާ މީހުންނާއެކު 15 ކޮމެޓީއެއް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ. އޭގެ ކޮންމެ ކޮމެޓީއެއްގައި 30-20 މީހުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ