ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތެއް 100 ދުވަހުގެތެރޭގައި ކައުންސިލަށް ބަދަލުކުރާނަން – ޑރ. މުޢިއްޒު

ފަހުގެ ސިޔާސީ

ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ހުޅުމާލޭގެ ފޭސް 1ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުމާޅެއަކީ މާލޭގެ އެއްބައިކަމަށާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިގޮތަށް، ހުޅުމާލޭގެ އެންމެހައި މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާނެކަމަށެވެ. މުނިސިޕަލް ޚިދުމަތްތަކަކީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތަކެއްކަަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ ހުޅުމާލޭގެ އެ ހުރިހާ ޚިދުމަތެއް މިހާތަނަށް ދެމުން އައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ މެދުވެރިކޮށްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިންތިޚާބީ ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމަކީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް ސިޓީ ކައުންސިލާ ހަވާލުކުރެއްވުންކަމަށެވެ.

އެޗްޑީސީއަކީ ހުޅުމާލޭގެ މުނިސިޕިލް އެންމެހައި ހިދުމަތާއި، ބިންތަކާއި، ފްލެޓްތަކުގެވެސް މަސްއޫލުވެރިފަރާތެވެ.

އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި ހުޅުމާލޭގެ ޕާކިންގެ މައްސަލައަށްވެސް ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މާލެއެކޭ އެއްގޮތަށް ހުޅުމާލެވެސް ފެންނަނީ ތޮއްޖެހިފައިވާތަންކަމަށާއި، އެކަމަށް ޙައްލެއް ގެންނަވަން މޭޔަރުކަމުގައި ހުންނަވައިގެންވެސް މަސައްކަތްތަކެއް ކުރެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ، ހުޅުމާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރެއްވުމަށް އިސްކަން ދެއްވާނެކަމަށާއި، އެގޮތުން ޕާކިން ޢިމާރާތްތަކެއް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2ގައިވެސް ޢިމާރާތްކުރައްވާނެކަމަށެވެ. އެއީވެސް ވެރިކަމުގެ ވަރަށް ކުރީކޮޅު ފައްޓަވާނެކަމެއްކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

” އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމު ހުޅުމާލޭގަ މިއޮތް ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެކަށީގެންވާވަރުގެ ޢިމާރާތެއް، ޢިމާރާތްތަކެއް، ދެތިން ސަރަހައްދެއްގައި، ދެ ފިޔަވަހި ހިމެނޭގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތްކުރާނަން. އިރާދަ ކުރެއްވިއްޔާ އެކަންވެސް އެއީ ވަރަށް އިސްކަމެއް ދީގެން ފުރަތަމަކޮޅު ފެށޭ ކަމަކަށް ހަދައި މި ހުޅުމާލޭގައިވެސް މަގުމައްޗަކީ ތަރުތީބު ކުރެވިފައިވާ ޕާކިންއާހެދި އުނދަގޫވެފައި އޮތްއޮތުން ނިމުމަކަށް އަންނަ ތަނަކަށް ބަދަލުކޮށްދޭނެނަން.” އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހުޅުމާލެއަކީ ޚާއްޞަ ޕްލޭނެއްގެ ދަށުން ތަރައްޤީކުރަމުން އަންނަ ސަރަހައްދެކެވެ. ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ، އުޅަނދުތައް ޕާކްކުރެވޭނެ ޖާގަ ނެތުމުގެ މައްސަލަތަކާ އަންނަނީ ކުރިމަތިވަމުންނެވެ. މިއާއެކު ނުރައްކާތެރި އެކްސިޑެންޓުތައްވެސް ހިނގައެވެ. ވުމާއެކު ހުޅުމާލޭގައި އާއްމު ޕާކިން ޒޯންތައް އިތުރުކުރުމާއި، އަދި ސްމަރޓް ޕާކިން ޒޯންތަކެއްވެސް ތަރައްޤިކުރުމަށް ވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: