ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ސުޕަރ ޔުނައިޓަޑް ސްޕޯޓްސް(ސަސް)އިން ކުލަބް އީގަލްސް ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ރޭގެ މެޗަށް އީގަލްސް ނުކުތްއިރު އެޓީމުން ވަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށްފަ އެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތަކަކާއި އެކު މުބާރާތް ފެއްޓި އިރު، އެޓީމުން މި މެޗުގައި ދައްކާފައިވަނީ މޮޅު ކުޅުމެކެވެ.
އެގޮތުން މެޗްގެ ފުރަތަމަ ގޯލްޖަހައި ލީޑްނެގީ ވެސް ސަސްއިންނެވެ. މިލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ބިދޭސީ ފޯވާޑް ވިކްޓަރ ރޮޑްރީގޯސް މުނޯޒުއެވެ.
މި ލަނޑާއި އެކު މިމެޗްގެ ފުރަތަމަ ހާފު ނިމުނީ 1 – 0 އިން ސަސް ކުރީގައި އޮވެގެންނެވެ.
މެޗްގެ 2 ވަނަ ހާފަށް ކުޅެން ނިކުމެ ދެޓީމުން ވެސް ދިޔައީ ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން ސަސްގެ ކެޕްޓަން ޝާފިއު އަޙްމަދަށް ލީޑް ފުޅާކުރަން ލިބުނު ފުރުސަތުވީ ބޭކާރެވެ. ގޯލްގެ އަރިމަތީގައި ހުރެފައި ޝާފިއު ބޮލުން ފޮނުވާލި ހަމަލާ އަޒާމްވީ ގޯލްގެ އަތިމަތީ ދާގަނޑަށެވެ. އޭގެ މިނެޓްއެއްފަހުން ކުލަބް އީގަލްސްގެ ނާއިމް ފޮނުވާލި ބާރު ހަމަލާވަނީ ސަސްގެ ބިދޭސީ ކީޕަރު ދިފާއުކޮށްފައެވެ.
މެޗްގެ ދެވަނަ ހާފްގެ 72 ވަނަ މިނެޓްގައި ކުލަބް އީގަލްސްއަށް މެޗްގެ ނަތިޖާ ހަމަހަމަކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ހަސަން ހައިޝަމްއަށެވެ. ނަމަވެސް ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ބޯލަ ދިޔައީ ސަސްގެ ގޯލްކީޕަރާ ދިމާއަށެވެ.
މެޗްގެ 79 ވަނަ މިނެޓްގައި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކުލަބް އީގަލްސްގެ ރާއިފް ގޯލާ ދިމާއަށް ފޮނުވާލީ ހަމަލާ ގޯލްގެ ރޮގުމަތިން ކަހަލަގޮތަކަށް ސުޕަރ ޔުނައިޓަޑްގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ އެންމެ ފަހު ވަގުތު ކޮޅު ތެރޭގައިވެސް ހައިޝަމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަހުމަދު ނޫމާން އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހައިޝަމް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗް ނިމެން 2 މިނެޓްއަށް ވެފައި ވަނިކޮށްވެސް ހަސަން ހައިޝަމްއަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ.
ރިހާމް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހައިޝަމްއަށް ބޮލުން ފޮނުވާލި ނަމަވެސް، އެބޯޅަ ދިޔައީ ގޯލްގެ މާ މަތިން ބޭރަށެވެ. ނަމަވެސް މެޗް ނިމިގެންދިޔައީ ނަތީޖާއަށް ބަދަލެއް ނައިސް ސަސް އެއް ލަނޑުން ކުރީގައި އޮވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އީގަލްސްގެ ކެޕްޓަން ހުސެއިން ޝިފާޢުއެވެ.
ލީގުގައި މިޔަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ އެވެ.
ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް


