ފުރަތަމަ ޑިވިޝަނަށް އަލުން ކޮލިފައިވެ ކްލަބް ވެލެންސިއާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަމައެކަނި ގޯލާ އެކު 1-0 އިން މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން އެޓީމު މޮޅުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ އިން ވަނީ ރަނގަޅަށް ކުޅެ ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެޓީމުން އުފެއްދި ހުރިހާ ހަމަލާއެއްގައިހެން އެންމެ މުހިއްމު ދައުރެއް އަދާކުރީ ދަގަނޑޭ އެވެ. މެޗުގައި ދަގަނޑޭ ވެލެންސިއާ އަށް ލީޑު ނަގައިދިނީ 26 ވަނަ މިނެޓުގަ އެވެ. އޭރިޔާ ތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ ގޯލުގެ ދުރުކަނަށް ފޮނުވާލީ ކައިރީގައި ހުރި ބިދޭސީ ކުޅުންތެރިޔާ ހަލީލް ގަމާލް ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށް ފަހު އެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އިން ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ މުސްލިހް މުހައްމަދަށެވެ. އެކަމަކު އޭރިޔާތެރޭ ހުސްކޮށްހުރެ މުސްލިހް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ވެލެންސިއާ އިން ލީޑުނެގުމާ އެކު ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެ ޓީމުގެ ފުރަތަމަ ހަމަލާ ފޮނުވާލީ 34 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާން) އެވެ. އޭރިއާ ބޭރުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ހިލޭ ޖެހުމެއްގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ނަގައިދިން ބޯޅަ އެ ޓީމުގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ބޮލުން ޖެހި ނަމަވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.
ލީޑުފުޅާކުރަން ދަގަނޑޭ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފަ އެވެ.
ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރި އެވެ. އެ ގޮތުން މެޗުގެ 56 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. މުހައްމަދު ޖައިލަމް (އޮގީ) ނެގި ހުރަސް ގޯލު ކުރިމަތީގައި ހުސްކޮށްހުރި މުއްޓި ބޮލުގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން އޭނާ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.
އިތުރު ވަގުތުގައި ވެލެންސިއާގެ ލީޑުފުޅާކުރަން އަހުމަދު ރިލްވާން (ރިލޭ) ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ވަނީ މަތަކޮށްފަ އެވެ.
މިރޭގެ މެޗުގައި ދަގަނޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލު ކުރީ އޭނާއެވެ.
ލީގުގެ ދެ ވަނަ ހަފްތާގެ މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ އެވެ. އެރޭ ބައްދަލުކުރާނީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ. އާދީއްތަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.


