ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއާރ ފުޓްސަލް މުބާރާތުގެ ފައިނަލަށް ޣާޒީ ހައުސް ދަތުރުކޮށްފިއެވެ.
ޣާޒީ ހައުސް ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ޣާޒީ ހައުސް އާއި ފާށަނާ ހައުސް ބައްދަލުކުރި މެޗު 4 ލަނޑު 0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
މިއަދު މެޗު ފަށައިގެން 3 ވަނަ މިނެޓުގައި ޣާޒީ ހައުސްގެ މުޙައްމަދު ސަމްޙާން ލަނޑެއް ޖަހައި ޣާޒީ ހައުސްއަށް ލީޑު ނަގައިދިނެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި ޣާޒީ ހައުސްގެ ޔައިޝް މުޙައްމަދު ނާޞިރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ފުޅާކުރިއެވެ. މެޗުގެ ޣާޒީ ހައުސްގެ 3 ވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޔޫޝައު ޝާމިން މުޙައްމަދު އެވެ. ޣާޒީ ހައުސްގެ ފަހު ލަނޑު އޭގެ މިނެޓެއް ފަހުން 34 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޔައިޝް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ހައުސް އަށް 2 ލަނޑު ކާމިޔާބުކޮށްދިން ޔައިޝް މުޙައްމަދު ނާޞިރުއެވެ.
މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހުރަވީ ހައުސް އާއި ދޮށިމޭނާ ހައުސްއެވެ. މި މެޗު ހުރަވީ ހައުސް ލީޑު ނަގައި ފައިވަނިކޮށް ފަހަތުން އަރައި 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ދޮށިމޭނާ ހައުސް އެވެ.
މި މެޗު ފަށައިގެން 6 ވަނަ މިނެޓުގައި ހުރަވީ ހައުސްގެ އަޙުމަދު ހޫދު އަބޫބަކުރު ލަނޑެއް ޖަހައި ހުރަވީ ހައުސްއަށް ލީޑު ނަގައިދިނެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ދޮށިމޭނާ ހައުސް އިން ޖެހި ބާރު ހަމަލާއެއް ހުރަވީ ހައުސްގެ ޒައިން މުޙައްމަދު ގައިގައި ޖެހިފައި ގޯލަށް ވަދެ މެޗުގެ ނަތީޖާ ހަމަހަމަ ވިއެވެ.
ދޮށިމޭނާ ހައުސް އިން މެޗުގެ ނަތީޖާ އަނބުރާލީ އެ ޓީމުގެ ޝައިމަން އިބްރާޙިމް 16 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ފަހުން 27 ވަނަ މިނެޓުގައި ދޮށިމޭނާ ހައުސްގެ ނާއިލް ޔޫސުފް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ފުޅާކުރިއެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ދޮށިމޭނާ ހައުސްގެ ފަހު ލަނޑު ކާމިޔާބު ކޮށްދިން ނާއިލް ޔޫސުފްއެވެ.
މި މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޣާޒީ ހައުސް ބައްދަލު ކުރާނީ ހުރަވީ ހައުސް އާއި އެވެ. ފައިނަލަޡް ދިޔުމަށް މި މެޗު ހުރަވީ ހައުސް ކާމިޔާބު ކުރަން މަޖުބޫރު ވެއެވެ. އަދި މާދަމާގެ 2 ވަނަ މެޗުގެ ނަތީޖާ އަށް އިންތިޒާރު ކުރަން ޖެހޭނެއެވެ. ދެވަނަ މެޗުގައި ފާށަނާ ހައުސް ބައްދަލުކުރާނީ ދޮށިމޭނާ ހައުސް އާއި އެވެ. ފާށަނާ ހައުސް ފައިނަލަށް ދަތުރު ކުރުމަށް މި މެޗު ކާމިޔާބުކުރުން މަޖުބޫރުވެއެވެ. އަދި ފުރަތަމަ މެޗުގެ ނަތީޖާއަށް ބަލައި ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި މި މެޗު ދޮށިމޭނާ ހައުސް ކާމިޔާބު ކޮށްފިނަމަ ދޮށިމޭނާ ހައުސް ފައިނަލަށް ދަތުރު ކުރާނެއެވެ.
މި ދެ މެޗު ކުޅުމަށްވެސް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގެ ވިނަ ޓާރފް ގައެވެ.