ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ‘ބޭންކް ފަންޑް’ ތައާރަފްކޮށްފިއެވެ.
ދެމެހެއްޓެނެވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާ ތަކަށް އަމާޒުކޮށް ބޭންކުން ވަނީ ‘ބޭންކް ފަންޑް’ އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައެވެ.
މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން ބޭންކުން އަބަދުވެސް އަންނަނީ އެ ބޭންކުން ހިދުމަތްދޭ މި މުޖުތަމައުގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް އިންވެސްޓް ކުރަމުންކަން ފާހަގަކުރައްވާފައެވެ.
މިގޮތުން ފާހަގަކޮށްލެވޭ މުހިންމު އެއް ޕްރޮގްރާމެއް ކަމަށްވާ ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް، 2019 އިން ފެށިގެން ވަނީ އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި، އަލަށް ތައާރަފްކުރި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
‘ބޭންކް ފަންޑް’ ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖޫން 2024 ގެ ރޭގަނޑު 11:00 އެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.