ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު މިރޭ ތައާރަފުކޮށްފި އެވެ.
ބީއެމްއެލުން ބުނިގޮތުގައި އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުން ކުރެވޭ މި އިސްލާމިކް ކްރެޑިޓް ކާޑަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް، “ޕޭމަންޓް ސޮލިއުޝަން” ބޭނުން ކުރަން އެދޭ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި ފަރުމާކޮށްފައިވާ ކާޑެކެވެ.
ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ތައްޔާރުކޮށްފައިވަނީ ބުކިންޑޮޓްކޮމް އާއި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ކަމަށާއި ކާޑު ފަރުމާކޮށްފައިވާ ގޮތުން، ރާއްޖެ އާއި ބޭރުގެ ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މި ކާޑު ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ، މި ކާޑުތަކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.
“ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް، ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީކުރުމަށް އެހީވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިއްމު ބައެއްގެ ގޮތުން މި ކްރެޑިޓް ކާޑު ތައާރަފްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،” ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް މިއަދު ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނީ މި ކާޑު ފަރުމާކޮށްފައި ވަނީ އެންމެފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ކަމަށާއި މި ކާޑު ދޫކުރާނީ ސްޓޭންޑާޑް، ގޯލްޑް އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައި ކަމަށެވެ.