ހަނިމާދޫ ސްކޫލުގެ މި ފެށުނު ދިރާސީ އަހަރުގެ ސްކޫލުގެ ކެޕްޓަން ކަމަށް ގުރޭޑު 11 އޭ ގައި ތަޢުލީމް ހާޞިލް ކުރަމުންދާ މަރްޔަމް އިބާ ހޮވިއްޖެއެވެ. މިގޮތުން އިބާ މި މަގާމަށް ހޮވުނީ މިދިޔަ ބުރާސްފަތި ދުވަހު ސްކޫލުގެ ސްޓޫޑަންޓް ކައުންސިލްގެ އިސް މަޤާމުތައް ހޮވުމަށް ކުރިއަށް ގެންދެވުނު އިންތިޙާބު ކާމިޔާބު ކޮށްގެންނެވެ. މި އިންތިހާބުގައި ސްކޫލުގެ ކެޕްޓަން، ވައިސް ކެޕްޓަން އަދި އެކްޓިވިޓީ ކެޕްޓަން ކަމަށް ދަރިވަރުން ހޮވުމަށް ވޯޓުލުން ވަނީ އެ މަޤާމުތަކަށް ކުރިމަތިލީ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދެވިފައެވެ. މިގޮތުން މި އިންތިހާބުގައި ސްކޫލުގެ 4 ކުން މަތީގެ 240 ދަރިވަރުން ވަނީ ވޯޓު ލާފައެވެ.
ސްކޫލުގެ ކެޕްޓަން ކަމަށް މަރްޔަމް އިބާ ގެ އިތުރުން ވާދަކުރީ ގުރޭޑު 11 ގެ ދަރިވަރު އަލީ ނާސިލް އެވެ. އެގޮތުން މަރްޔަމް އިބާ އަށް 140 ވޯޓު ލިބިފައިވާ އިރު އަލީ ނާސިލް އަށް ލިބުނީ 100 ވޯޓެވެ. އެހެންކަމުން މިއަހަރުގެ ހަނިމާދޫ ސްކޫލުގެ ކެޕްޓަންގެ މަގާމު ފުރުއްވާނީ މަރްޔަމް އިބާ އެވެ.
ސްކޫލުގެ ވައިސް ކެޕްޓަން ކަމަށް 6 ދަރިވަރަކު ކުރިމަތިލާފައި ވާއިރު އެމަގާމަށް ވަނީ 2 ދަރިވަރަކު ހޮވާފައެވެ. އެގޮތުން އެ މަގާމަށް ވޯޓުލީ ދަރިވަރުންގެ 101 ވޯޓާއި އެކު ފުރަތަމަ ދަރިވަރަކަށް ހޮވުނީ ސްކޫލުގެ ގުރޭޑު 10 ގެ ދަރިވަރު އާޔަން އިބްރާޙިމް ސަވާދު އެވެ. އަދި 91 ވޯޓާއި އެކު ދެވަނަ ދަރިވަރަކަށް ހޮވުނީ ގުރޭޑު 10 ގެ ދަރިވަރު ޝާޔާ އަޙުމަދު ރަޢޫފް އެވެ. މި މަގާމަށް މި ދެ ދަރިވަރުންނާއި އެންމެ ގާތުން ވާދަކުރީ ގުރޭޑު 11 ގެ ދަރިވަރު ޒަހާ ޖައުފަރު އެވެ. ޒަހާ އަށް ވަނީ 85 ވޯޓު ލިބިފައެވެ. ދެން އެންމެ ގިނަ ވޯޓު ލިބުނީ 70 ވޯޓާއި އެކު 11 ގެ ދަރިވަރު މުޙައްމަދު ނާސިފް އެވެ. އެއަށްފަހު ގުރޭޑު 10 ގެ ދަރިވަރު އާމިނަތު ނަޒާތު ޝާޙިދުއަށް 67 ވޯޓު ލިބިފައިވާއިރު ގުރޭޑު 11 ގެ ދަރިވަރު ޔޫޝައު ޝާމިން ވަނީ 66 ވޯޓު ލިބިފައެވެ.
ސްކޫލުގެ އެކްޓިވިޓީ ކެޕްޓަން އަކަށް ގުރޭޑު 11 ޔޫޝައު ޝާމިން އާއި އެކު ވާދަކުރީ ހަމަ އެ ގުރޭޑު ގެ ހިދާޔާ މުޙައްމަދު އެވެ. ވާދަވެރި އިންތިހާބަކަށް ފަހު އެ މަޤާމު ހާޞިލު ކުރީ ޔޫޝައު ޝާމިން އެވެ. ޔޫޝައު އަށް 133 ވޯޓު ލިބިފައިވާއިރު ހިދާޔާ އަށް ލިބުނީ 107 ވޯޓެވެ.
ސްކޫލުގެ ކުލަބު ތަކާއި ހައުސް ތަކުގެ އިސް މަޤާމު ތަކަށް ދަރިވަރުން ހޮވުމުގެ އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ. މި މަޤާމު ތަކަށް ވެސް ސުކޫލުގެ ގުރޭޑު 8 ކުން މަތީގެ ގިނަ ދަރިވަރުން ތަކެއް ވަނީ ކުރިމަތިލާ ފައެވެ. އަދި މި މަގާމު ތަކަށްވެސް ވޯޓު ލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގުރޭޑު 4 ކުން މަތީގެ ދަރިވަރުންގެ މެދުގައި އީ-ވޯޓިންގ މެދުވެރިކޮށް ވޯޓު ލައިގެންނެވެ.