ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން މާޒިޔާ 7-1 އިން މޮޅުވެއްޖެ އެވެ.
މާޒިޔާ އިން މޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0 އިން އެޓީމު ލީޑުގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. މުހައްމަދު އުމެއިރު ނަގައިދިން ކޯނަރު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއެއް ދިފާކުރި ބޯޅަ ދާދު އަށް ލިބުމުން ގޯލުގެ ތެރެއަށް ފޮނުވާލީ މެއިން ކޮންޓްރޯލް ކުރުމަށް ފަހު ހަމަޖެހިލާފަ އެވެ. މާޒިޔާގެ ލީޑު ފުޅާކޮށްދިން ލަނޑު 36 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އުމެއިރު އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގްރީން ސްޓްރީޓްސްގެ ބިދޭސީ ޑިފެންޑަރު މަހުމޫދު ސައީދު ގައިގައި ޖެހިފައި ވެއްޓުނު ވަގުތު އަސަދުﷲ އަށް ލިބުނީ ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލާށެވެ.
ދެ ވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އިބްރާހީމް އައިސަމް އެވެ. އުމެއިރު ޖައްސާލި ބޯޅަ އެއްފަހަރުން ޖަހައި ގޯލަށް ވައްދާލިއިރު އެ ބޯޅަ ހުއްޓުވަން ގްރީން ސްޓްރީޓްސްގެ އިބްރާހީމް ލަބާން ޝަރީފް މަސައްކަތް ކުރިނަމަވެސް އަތުން ޖެއްސޭވަރެއްނުވި އެވެ. މާޒިޔާ ތިން ގޯލުގެ ލީޑެއްގައި އޮއްވައި ގްރީން ސްޓްރީޓްސްގެ އެންޖެލް ކަރަސްކޯ މުނޯޒް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މިއީ ޗޯޓު އޭރިޔާ ތެރެއިން އަލީ ސަމޫހް (ސަމުއްޓޭ) ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށް ފަހު މުނޯޒަށް ތަނަވަސްކޮށްދިން ފުރުސަތެކެވެ.
ގްރީން ސްޓްރީޓްސް އިން އުއްމީދެއް ހޯދާފައިވަނިކޮށް ޖެހިގެން އައި މިނެޓުގައި މާޒިޔާގެ އަސަދުﷲ ވަނީ އިތުރު ލަނޑެއް ޖަހައި 4-1 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. ދާދު ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު އަސަދުﷲ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ލަބާންގެ ފައިގައި ޖެހިފަ އެވެ. ހަތަރު ގޯލަށް ފަހު މާޒިޔާ އިން ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މިގޮތުން ހަމްޕު އަށް ހުސް ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލު ރޮނގުމަތީގައި ހުރި މުހައްމަދު ސާއިފްގެ ފައިގައި ޖެހިފަ އެވެ. މާޒިޔާގެ ފަސް ވަނަ ގޯލު 72 ވަނަ މިނެޓުގައި ހަމްޕު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ މުހައްމަދު އިރުފާން (އިރޭ) އެވެ. އޭގެ ހަ މިނެޓު ފަހުން މާޒިޔާގެ ހަ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ކޮނޭލިއަސް ސްޓެވާޓް އެވެ. މި ޕެނަލްޓީ ލިބުނީ ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ފަރުހާން މުހައްމަދު ބޯޅައިގައި އަތުން ޖެއްސުމުންނެވެ. އެވަގުތު ފަރުހާނަށް ސީދާ ރަތް ކާޑެއް ރެފްރީ ދެއްކުމުން ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗުގެ ފަހުކޮޅު ހަމްޕު ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ލަބާން ވަނީ މަތަކޮށްފަ އެވެ. މާޒިޔާގެ ހަތް ވަނަ ލަނޑު ދާދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ހަމްޕު އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅު ކުޅުމެއް ދެއްކި ދާދު އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.


