ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 16 ޑިސެމްބަރ 2020 އާ ގުޅޭ)

“ޒައިނާ ނުކިޔާ… އޭނަ މަރުވީ އަމިއްލައަށް. އޭނަ ކޮއްކޮވެސް އުޅުނޭ ވަރަށް ފުއްޕާލާފަ….” އެހިސާބުން އާޒިމްގެ އަނގަ ބަންދުވިއެވެ. އިޒާނީ ވީ ޒަޔާންއާއި އެކު ކަން އޭނާ ހަނދާންވީއެވެ. ޒަޔާން ބުނި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. އެހިނދު އޭނާގެ މޫނުމަތިން ކުރިން ފެނުނު ބޮޑާކަން ފިލާ ދިޔައެވެ. އެކަން އޭނާގެ ކައިރީގައި ތިބި ދެ އެކުވެރިންނަށްވެސް ފާހަގަވިއެވެ. އެމީހުން އެކަމާ ސުވާލުވެސް ކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ކުޑަ ކަމެއް ހަނދާންވީ..” އެހެން ބުނެ އާޒިމް ތެދުވިއެވެ. “ގުޅާނަން އަދި ފަހުން ދިމާވެލަން.” މޭޒުމަތީގައި ފަސްސަތޭކަ ރުފިޔާގެ ނޫޓެއް ބޭއްވުމަށްފަހު އޭނާ ހިނގައިގަތީ އެތަނުން ނިކުންނާށެވެ. އޭނާ ގޮސް އެރީ ޕާކުކޮށްފައި އޮތް ކާރަށެވެ. ކާރުގެ ޑްރައިވަރު ސީޓުގައި ހަމަޖެހިލުމަށްފަހު ކާރު ދުއްވާލީ މާލޭގެ އެންމެ ބޭރު މަގަށް ނިކުތުމަށެވެ. އެ ދިޔަ ގޮތަށް ގޮސް ޓައިޑްސް ކެފޭ ކައިރީގައި އާޒިމްގެ ކާރު މަޑުކޮށްލިއެވެ. އަދި ޒަޔާންގެ ނަންބަރު ހޯދުމަށްފަހު އެ ނަންބަރަށް ގުޅާލިއެވެ.

ޕޫލް ކައިރީގައި ބަހައްޓާފައި ހުރި ދިގު ގޮނޑީގައި ޒަޔާން އޮތީ އޮށޯވެގެންނެވެ. އޭނާ ލައިގެން އޮތީ ސޯޓެއް އެކަނި ކަމުން، އޭނާގެ ބަނޑުގައި ތަރުތީބުކޮށް އަތުރާލެވިފައިވާ މަސްތަކާއި ތަނަވަސް މޭމަތި ހާމައަށް ފެންނަން ހުއްޓެވެ. އެއް އަތުގައި ފޯނު އޮތް އިރު އަނެއް އަތުން އިރުއިރުކޮޅާ ވޭޕް ތުނބުގައި ޖައްސާލާ ދަމާލައެވެ. އެހެން އޮއްވާ ޒަޔާން ގެ ފޯނަށް ފޯނެއް އައެވެ. ޑިސްޕްލޭއަށް އަރާފައި އޮތް ނަންބަރަކީ ކާކުގެ ނަންބްރެއްކަން އެނގުމުން އޭނާގެ މޫނުމަތިން ފޫހިކަން ފާޅުވިއެވެ.

“ކީކޭ؟” އޭނާ ފޯނު ނެގީ އެ ގުޅި މީހަކު ކިޔަނީ ކީކޭތޯ ބަލާލުމަށެވެ.

“ކޮބާ އިޒާނީ؟” އަނެއް ކޮޅުން ވާހަކަ ދެއްކީ އާޒިމްއެވެ.

“ނިދާފަ..” ޒަޔާން ބުނެލިއެވެ. އެއާއެކު، އިޒާނީއާއި ބައްދަލު ކޮށްލަން ބޭނުންވާ ވާހަކަ އާޒިމް ބުނެލިއެވެ. ވަގުތުން ޒަޔާން އެކަމަށް ދެކޮޅު ހެދިއެވެ. އޭނާ ބޭނުންވީ ލޯބިވާ ދަރިއަކު ގެއްލުމުން ވާނޭ ގޮތް އާޒިމްއަށް އިހުސާސް ކޮށްދޭށެވެ. މިހާ ގިނަ ދުވަހު އިޒާނީއާއި ދުރުގައި ހުންނަން ޖެހުމުން އާޒިމްއަށް އެކަން ކޮންމެވެސް ވަރަކަށް އިހުސާސް ކުރެވުނީ ކަމަށް އޭނާއަށް އެނގުނެވެ.

“އެއީ މަގޭ ދަރިއެކޭ.. މަ ބޭނުންވީމަ ބައްދަލުކުރެވެން ވާނެ.” އާޒިމް ބުނެލިއެވެ. “މި އޮތީ ތިގޭ ކުރިމަތީ. އިޒާނީއަށް ގޮވާފަ ބުނޭ ބައްޕަ ހޯދަން އައިސް އެބަ އިނޭ.” އޭނާ ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އެހެނަސް ޒަޔާން އަކީވެސް ގޮތް ދޫކުރާ މީހެއް ނޫނެވެ. އޭނާ ތަކުރާރުކޮށް ދެކޮޅު ހަދަމުންދިޔައެވެ.

“އިޒާނީ ބޭނުމެއް ނުވެ އާޒިމްއާ ބައްދަލު ކުރާކަށް.” ޒަޔާން ބުނެލިއެވެ. އެއާއެކު އާޒިމް ފޯނު ކަނޑާލިއެވެ. އެންމެ ކައިރިން ލިބުނު ޕާކިންގ ޒޯނަށް ކާރު ލުމަށްފަހު، ހަލުވި ހިނގުމެއްގައި އޭނާ މިސްރާބު ޖެހީ ޒަޔާން ކުރިން އުޅުނު ގެއާއި ދިމާލަށެވެ. ޒަޔާންގެ އާއިލާ އުޅެނީ އެ ގޭގެ އެންމެ މަތީ ފަންގިފިލާގައިކަން އާޒިމް ހަނދާން ހުއްޓެވެ. އެ ފަންގިފިލާގައި ހުރީ ދެ އެޕާޓްމެންޓެވެ. އާޒިމް އޭނާގެ ހަނދާނަށް ބަރޯސާވެގެން ގޮސް އެޕާޓްމެންޓް ބީ ގެ ދޮރުގައި ހަރުކޮށްފައި ހުރި ސުވިޗަށް ފިތާލިއެވެ.

ގޭގެ ސިޓިންގރޫމުގައި ފިލްމެއް ބަލަން އިން ޒޯޔާއާއި ވިކާޝްގެ ސަމާލުކަން ހޯދީ ގޭގެ ރަނގަބީލުގެ އަޑެވެ. އޭރު އޭނާގެ ބައްޕަ، ޔާސިރު އަދި ގެއަކަށް ނާދެއެވެ.

“ބައްޕަ ކަންނޭނގެ..” ޒޯޔާ ތެދުވެ ގޮސް ކާކު ތޯ ބެލުމެއް ނެތި ދޮރު ހުޅުވާލީ އޭނާގެ ބައްޕަ އައީ ކަމަށް ހީކޮށެވެ. ނަމަވެސް ދޮރު ކުރިމަތީގައި ހުރީ އެހެން މީހެކެވެ. ބަލާބެލުމަށް ޒޯޔާގެ ބައްޕަގެ އުމުރުގެ މީހެކެވެ. ލާފައި ހުރީ އަތް ދިގު ގަމީހަކާއި ފަޓުލޫނެކެވެ. ގަމީސް ދަށަށް ޖަހާ ބެގީ ކޮށްފައި ހުރި އިރު، އޭނާ ހުރީ ބޫޓަކަށްވެސް އަރައިގެންނެވެ. ޒޯޔާއާއި އޭނާ ކުރިންވެސް ބައްދަލުވި ހަނދާންވިއެވެ. ކާކުތޯ އަހާލުމަށް ޒޯޔާ އަނގަ ހުޅުވާ ނުލެވިގެން އުޅެނިކޮށް އެ މީހާ ވާހަކަ ދެއްކިއެވެ.

“ކޮބާ އިޒާނީ؟ ގޮވާލަދީބަލަ.” އާޒިމް ކެތް މަދުވެފައި ހުރިކަހަލައެވެ. އެހިސާބުން ޒޯޔާއަށް އެއީ ކާކުކަން އެނގުނެވެ.

“އިޒޫއެއް ނޫޅޭ. އެމީހުން ވީ ޗުއްޓީއަށް ގޮސް.” ޒޯޔާ ބުނެލިއެވެ. އެބުނި އެއްޗެއް ގަބޫލު ކުރާކަށް އާޒިމް ބޭނުމެއް ނުވިއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅަމުން ޒޯޔާ އެއްފަރާތްވެލީ ޖެހިލުންވެ ހުރެއެވެ. “އެކްސްކިއުޒް މީ..” އާޒިމް ގޭ ތެރެއަށް ވަދެގެން ދާން އުޅުމުން ޒޯޔާ އޭނާ ހުއްޓުވޭތޯ ބެލިއެވެ. ނަމަވެސް އާޒިމް އެ އަޑެއް ނޭހިއެވެ.

“ކޮބާ އިޒާނީގެ ކޮޓަރި؟” އާޒިމްއާއި އެންމެ ކައިރީގައި ހުރި ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އަދި ބާރުބާރަށް ދޮރު ހުޅުވާލިއެވެ. އެވަގުތު ކޮޓަރި ތެރޭގައި އިން ޒީނަތު ދިޔައީ ސިހިގެންނެވެ. އޭނާ އިނީވެސް ނިދަން ތައްޔާރުވެެގެންނެވެ. އާޒިމް ފެނުމުން އޭނާ ބޭއިހުތިޔާރުގައި ފާހާނާއާއި ދިމާލަށް ދުއްވައިގަތީ ބުރުގާވެސް ނާޅާ އިނީމައެވެ.

“ސަރ.. ދޭ އާރ ނޮޓް ހިއާރ. އެމީހުން ނޫޅެއޭ މިގެއަކު.” ދެން ހުރި ކޮޓަރިއާއި ދިމާލަށް އާޒިމް ދާން ފެށުމުން ޒޯޔާ ބުނެލިއެވެ. ވިކާޝްވެސް ހުރީ ވާނުވާ ނޭނގިފައެވެ.

“އައީމަ ބުނާތި ބައްޕަ ހޯދަން އައި ވާހަކަ. ބައްދަލުކުރަން ބޭނުންވާ ވާހަކަވެސް ބުނާތި.” ދެން ހުރި ކޮޓަރީގައި މީހަކު ނެތުމުން އާޒިމްއަށް މަޖުބޫރުވީ ޒޯޔާ ދެއްކި ވާހަކަ ގަބޫލުކުރާށެވެ. ލިބުނު މާޔޫސްކަމާއެކު އޭނާގެ ރުޅިވެސް ގަދަވިއެވެ. ވައި ރޯޅިއެއްހެން އޭނާ އެގެއިން ނިކުމެެން ދިޔައެވެ.

“އިޒާނީ މަށަށް ފޮރުވައިގެންނެއް ކަލެއަކަށް ނޫޅެވޭނެ. އައި ވިލް ފައިންޑް ޔޫ. އެދުވަހަކުން އިޒާނީވެސް ގެންދާނަން.” ޒަޔާންއަށް ލިބުނީ އާޒިމްގެ މެސެޖެކެވެ. އެއާއެކު ޒަޔާންގެ ދެ ބުމަ ގޮށްޖެހުނެވެ. އާޒިމް އޭނާއަށް އިންޒާރު ދީފައި އޮތުމުން ޒަޔާންގެ ލޭ ކެކިގެން ދިޔައެވެ. އޭނާ އެ ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު އެނދުގެ ހުދު ރަޖާގަނޑު ތެރެއަށް ބޮނޑިވެގެން ނިދާފައި އިޒާނީ އޮތެވެ. އޭނާ ފެނުމުން ޒަޔާންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.

“ކަލޭ ބައްޕަ މަގޭ ދައްތަ މަރާލީ.. މިރޭ ކަލޭ މަރާލާނަން.” ޒަޔާންގެ ސިކުނޑި ހަމައިން ނެއްޓިފައިވާ ކަހަލައެވެ. އޭނާ އެނދުމަތިން ބާލީހެއް ނަގާ އިޒާނީ ގައި މައްޗަށް އެރިއެވެ. އަދި އެ ބާލީސް އިޒާނީގެ މޫނުމަތީ އަޅާ ބާރުކޮށްލިއެވެ. އެއާއެކު ނޭވާ ނުލެވިގެން އިޒާނީ ތެޅެން ފެށިއެވެ. އެތަން ފެނުމުން ޒަޔާންއަށް ލިބުނީ ބަޔާންވެސް ނުކުރެވޭފަދަ ހިތްހަމަޖެހުމެކެވެ. ލިބުނު ހިތްހަމަޖެހުމާއެކު އޭނާގެ މޫނުމަތިން ނުލަފާ ހިނިތުންވުމެއް ފާޅުވިއެވެ. އޭނާގެ ހޭ ބުއްދި ފިލާ ގޮސްފައިވާ ކަހަލައެވެ.

އިޒާނީ ތެޅިގަތް ގޮތުން ޒަޔާންގެ ފައިން ހައްޔަރުކުރެވިފައި އޮތް، އޭނާގެ ދެ އަތް ދޫވިއެެވެ. އަދި އެ ދެއަތުން ޒަޔާންގެ މޭގައި އަޅާ ކޮށްފާލީ، އެކަމަށް ޒަޔާން ނުވިސްނާ އިންދައެވެ. ޒަޔާން ވެއްޓި ޖެހުނީ ތަޅުންގަނޑު މައްޗަށެވެ. އިޒާނީ އިނީ ފެނުނު މަންޒަރު ގަބޫލުކުރަންވެސް ދަތިވެފައެވެ. އޭނާ ފުން ނޭވާތަކެއް ލަމުން ޒަޔާންއާއި ދިމާލަށް ބަލަން އިނީއެވެ. އޭރު އޭނާ ތެދުވެގެން އިޒާނީ ގާތަށް އަންނަނީއެވެ. ޖެހިލުންވެފައި އިން އިޒާނީ އޭނާގެ ދެކަކޫ ގެނެސް މޭގައި ޖައްސާލިއެވެ.

“ސޮރީ ބޭބް.. އައި ވޯޒް ނޮޓް އިން މައި ސެންސެސް.. ނިދީގަ ވީ ކަމެއް އެއީ..” އިޒާނީ ގާތުގައި އިށީންނަމުން ޒަޔާން ބުނެލިއެވެ. އޭނާ ބުނީ ތެދެކެވެ. އައި ރުޅީގައި އޭނާގެ ސިކުނޑި ހަމައިން ނެއްޓީއެވެ. އޭނާ އިޒާނީ ގައިގައި އަތް ލާން އުޅުމުން އިޒާނީ ދުރަށް ޖެހުނެވެ. އެގޮތަށް ދުރަށް ޖެހުމުން ޒަޔާން އޭނާގެ އަތް ތިރިކޮށްލިއެވެ. އަދި ތެދުވެގެން ގޮސް ކޮޓަރީގައި ބަހައްޓާފައި ހުރި ދިގު ސޯފާގައި އޮށޯއޮތެވެ. ނިއްކުރިމަތީ އެއް އަތް ބާއްވާލައިގެން އޮތް އިރު އޭނާ ވިސްނަމުން ދިޔައީ ދެންމެ ކަންތައް ވީ ގޮތާއި ދޭތެރޭގައެވެ. މީހުންނަށް ދެރަދީ، އަނިޔާ ދިނުމުގައި އޭނާވެސް އާޒިމް އެކޭ އެއް ފެންވަރަކަށް ވެއްޓުނީ ބާއޭ އޭނާ ހިތަށް އަރަމުންދިޔައެވެ.

ހެނދުނުގެ ވަގުތެވެ. އޮފީހަށް ދިޔުމުގެ ބަދަލުގައި އަޒާން ސައިކަލުގައި މިސްރާބު ޖެހީ ކާނިވާ ސަރަހައްދާއި ދިމާލަށެވެ. އޭނާ ގޮސް ސީޓްރޮންގެ މަތީ ފަންގިފިލާއަށް އެރިއެވެ. އަދި އެތަނުން މޭޒެއް ދޮށުގައި އެކަނި އިން މީހަކާއި ދިމާލަށް ހިނގައިގަތެވެ. އެމީހާ އަޒާން ފެނުމުން ތެދުވެ ސަލާމްކޮށްލިއެވެ. އެއާއެކު އަޒާންގެ ޖީބުން ލާރި ބޮނޑިއެއް ނަގާ އެމީހާ ކުރިމަތީ ބޭއްވިއެވެ. އެ ލާރިބޮނޑި ނަގާ ގުނާލުމަށްފަހު އެމީހާވެސް ޖީބަށް އަތް ކޮށްޕާލިއެވެ. އަދި ކުޑަ ޕެންޑްރައިވްއެއް ނަގާ އަޒާން ކުރިމަތީގައި ބޭއްވިއެވެ. އޭތި ނަގާ ފޯނަށް ޖަހާލުމާއެކު އޭގައި އިން ވީޑިއޯއެއް އޭނާއަށް ފެނުނެވެ. އެއާއެކު އޭނާ އެތަނުން ތެދުވެ ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.

ޖެހިގެން އައި ދުވަހު އަޒާން އޮފީހަށް ދިޔައީ އާޒިމްއާއި އެކުގައެވެ. ދެމީހުން އޮފީހަށް ވަދެގެން ދިޔަ އިރު އާދައިގެ މަތިން މުވައްޒަފުން ތެދުވެ ސަލާންގޮވަމުން ދިޔައެވެ. އާޒިމްގެ ފިޔަވަޅުތައް ހުއްޓުނީ ކުރިން އީމާ އިންނަ މޭޒުދޮށުގައި އާ ކުއްޖަކު އިން ތަން ފެނުމުންނެވެ. އެ ކުއްޖާ ތެދުވެ އާޒިމް މެންނާއި ދިމާލަށް އަންނަން ފެށިއެވެ. އޭނާ ލައިގެން ހުރީ ފިޔާތޮށި ކުލައިގެ މަތިކޮޅަކާއި ކަޅު ކުލައިގެ ތިރިކޮޅެކެވެ. މަތިކޮޅު ބެގީ ކޮށްލާފައި ހުރުމުން އޭނާގެ ހަށިގަނޑުގެ ވަނާތައް ފާޅުކަން ބޮޑު ގޮތަކަށް ފެންނަން ހުއްޓެވެ. ލައިގެން ހުރި ތިރިކޮޅު ކުރު ކަމުން ފައިގެ ފަލަމަސްގަނޑު ފެންނަ ވަރުވެއެވެ. އަރައިގެން ހުރި ކަޅު ކުލައިގެ އުސް ބޫޓުގެ ފުންނާބު ތަށިމުށިތަކުގައި ޖެހުމުން އެ އަޑު އިވެމުންދިޔައެވެ. އާޒިމް ހުރީ ކަޅި ޖަހާ ނުލާ އެ ކުއްޖާގެ ލޫޅާފަތި ހަށިގަނޑާއި ދިމާލަށް ބަލާށެވެ. އެ ކުއްޖާގެ މޫނުން ފެށިގެން ފަޔާއި ހަމައަށް އާޒިމް ނަޒަރު ހިންގާލިއެވެ. އަދި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް އެކުއްޖާއަށް ހަދިޔާކުރިއެވެ.

“ބައްޕާ. މީޓް ނަތާޝާ.. ބައްޕަގެ ނިއު ޕީއޭ..” އެ ކުއްޖާ އައިސް އާޒިމް ކުރިމަތީ ހުއްޓުމާއެކު އަޒާން އޭނާ ތައާރަފްކޮށްދިނެވެ. “ބައްޕަ ބުނިހެން މިފަހަރު އަޅުގަނޑު ސެލެކްޓް ކުރީ..” އަޒާން ބުނެލިއެވެ. އެއާއެކު އާޒިމް ނަތާޝާއާއި ސަލާމްކޮށްލިއެވެ. އަދި އޭނާއާއި އެކު ކެބިންއަށް އައުމަށް އެދުނެވެ. އެ ދެމީހުން އާޒިމްގެ ކެބިންއަށް ވަދެގެން ދިޔަ ތަން އަޒާން ހުރީ ބަލާށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ