އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ މިފަދަ މުބާރާތެއް އަނެއްކާ ވެސް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ޝަރަފެއް ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތް ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީގައި ބޭއްވުމަކީ އެ ސިޓީ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
“ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް” ބާއްވަން ހަމަޖެހިފައި ވަނީ ކެނަރީފު ރިސޯޓްގަ އެވެ. މުބާރާތް އޮންނާނީ ނޮވެމްބަރު މަހު 5-11 އަށެވެ.
މި މުބާރާތަށް ރާއްޖެ ވަރަށް ބޮޑަަށް ތައްޔާރުވަމުން އަންނަ އިރު، މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން ޓީމު މިދިޔަ މަހުގެ ތެރޭގައި އައްޑު އަށް ޒިޔާރަތްކޮށްފައިވެ އެވެ.
މި އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނީ، މިދިޔަ އަހަރު ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތާއި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކޮށްފައިވާލެއް ފުރިހަމަކަމުން ކަމަށް ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނީ މި ފުރުސަތު ލިބިގެން ދިޔައީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކީގައި ކަމަށެވެ.
ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީގައި ބާއްވަން ފުރުސަތު ލިބުނު އިރު، މީގެ ކުރިން ވެސް އައްޑޫގައި ބައިނަލްއަގުވާމީ ބޮޑެތި ބައެއް ކުޅިވަރު މުބާރާތްތައް ބާއްވާފައިވެ އެވެ. އޭގެ ތެރޭގައި 2014 ގެ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގެ ބައެ އް މެޗުތަކާއި 2019 ވަނަ އަހަރު ސާކް ސަރަހައްދުގެ ގައުމުގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ހިމެނެ އެވެ.