ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި

ޚަބަރު ފަހުގެ

ރައީސް މުއިއްޒު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް މިގޮތަށް ނިންމަވާފައިމިވަނީ ރާއްޖޭގައި ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވަމުންދާތީ ވޭޕް މަނާކޮށް ދޭން މޯލްޑިވްސް އެންސީޑީ އެލަޔަންސް އިން ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

މޯލްޑިވްސް އެންސީޑީސީ އެލަޔަންސްއަކީ ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ނެޝަނަލް އެލަޔަންސްއެކެވެ. މި އެލަޔަންސްގައި މިވަގުތު ހިމެނެނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޑައިބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން އާއި މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އާއި މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަންގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް އެވެ.

އެ އެލަޔަންސުން ނެރުނު ބަޔާނެއްގައި ބުނީ ވޭޕް އަދި އީ- ސިނގިރޭޓަކީ ދުންފަތުގެ ބާވަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާއިރު ރާއްޖޭގައި ވޭޕް އާއި އީ ސިނގިރޭޓް އިސްތިއުމާލް ކުރުން މި ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުވެފައިވުމަކީ އެ ޖަމިއްޔާތަކުގެ ކަންބޮޑުވުމެއް ކަމަށެވެ.

އެ ދެ ބާވަތުގެ އުފެއްދުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ގިނަ ކަމަށާއި މިގޮތުން ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެ، ސިއްހީގޮތުން ނޭދެވޭ އެތަކެއް އަސަރުތަކެއް ވޭޕް އަދި އީ-ސިނގިރޭޓުން ހަށިގަނޑަށް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އޭގައި އެކުލެވޭ ނިކޮޓިންއާއި އެހެނިހެން ކެމިކަލްތަކުގެ ސަބަބުން ކެންސަރު، ހިތުގެ ބަލި، ސްޓްރޯކް ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ސިނގިރޭޓުގައި ހިމެނޭ ފޯމަލްޑިހައިޑް، އާސެނިކް، އެކްރޮލިން، ބެންޒިން އަދި ނިކޮޓިން ފަދަ ކެންސަރާއި އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ ކެމިކަލްތައް ވޭޕް އަދި އީ- ސިނގިރޭޓްގައި ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.

ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 40 އިންސައްތައަށްވުރެ ގިނަ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ހަކުރުބަލީގެ މީހުންނަށް ބަލީގެ ސަބަބުން ދިމާވާ އިތުރު މައްސަލަތައް ކަމުގައިވާ ހިތުގެ ލޭހޮޅިތައް ބެދުމާއި، ސްޓްރޯކް ޖެހުމާއި، ލޯ އަނދިރިވުމާއި، ކިޑްނީ ފެއިލްވުން ފަދަ ކަންކަން ބަލީގެ މާ ކުރީކޮޅު ދިމާވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އަދި ވޭޕްގައި ތަފާތު ފްލޭވާތައް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުންފަތުގެ ހިތި ރަހަ ގެއްލި، ޒުވާނުން އެ ކަމަށް ދެވިހިފުމުގެ ފުރުސަތު އިތުރުވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ޅަފަތުގައި ކުދިން ދުންފަތަށް ހުށަހެޅި ދުންފަތުގެ އިސްތިއުމާލު ފުރަތަމަ ކުރެވޭ އުމުރު ދަށްވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ