މަޖިލީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުކަމުން ޒިޔާއު ވަކިކޮށްފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު ވަކިކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި ލިޔުއްވި މެސެޖެއްގައި ޒިޔާއު ވިދާޅުވީ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ވިދާޅުވީ ޕާލަމެންޓަރީ ސާވިސް ގަވާއިދާ ޚިލާހަށް އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް، ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގްސަދުގައި ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން ޒާތީ ހަސަދަވެރިކަމެއް ފިލުވުމަށް ކަމަށެވެ.

އަދި އޭނާ ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން، ހާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓާ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަދައްކާތީ ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޒިޔާއު ވިދާޅުވީ ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް އެންގުމުން އޭނާ އެކަމަށް ދެކޮޅު ހަދާފައިވާތީ ވަޒީފާއިން ވަކިކުރީ ކަމަށް ދެކޭ ކަމަށެވެ.

އަދި ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ