މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމުތަކަށް މާލީ އެހީދޭ އޮނިގަނޑު މުރާޖަޢާކުރަންޖެހޭ: ނައިބު ރައީސް

ޚަބަރު ފަހުގެ

މޫސުމީ ބަދަލުތަކުގެ އަސަރުކުރު އެންމެ ބޮޑަށް ކުރާ ޤައުމުތަކަށް މާލީ އެހީދިނުމަށް ހަދާފައިވާ އޮނިގަނޑު މުރާޖަޢާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތުން އިންތިޒާމްކުރި ކްލައިމެޓް ބްރެކްފާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ދުނިޔެ ހޫނުވަމުން އަންނަ އިރު، މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމުތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. މޫސުމީ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އެ ބަދަލުތަކަށް ވިލުންތެރިވުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެފަދަ ކުދި ޤައުމުތަކުން ކުރަމުންދާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މޫސުމީ ބަދަލުތަކުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމަށް މާލީ އެހީތެރިކަން ލިބުން މުހިންމުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މީގެ ކުރިން ބޭއްވި ކޮޕް ސަމިޓުތަކުގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މާލީ އެހީދިނުމަށް ދުނިޔޭގެ ޤައުމުތަކުން ކަނޑައަޅާފައިވާ އަހަރަކު 100 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް އެހީ ދޭންޖެހޭކަމަށް ގޮވާލެއްވިއެވެ. މިއާއެކު އެމަނިކުފާނު ވަނީ މާލީ އެހީދެވޭކަން ކަށަވަރުކުރުމަށް މިހާރު މާލީ އެހީ ދިނުމަށް ބޭނުންކުރަމުން އަންނަ އޮނިގަނޑު އަލުން މުރާޖަޢާކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން އަންނަ މަހު އޮންނަ ކޮޕް29 ގައި ދުނިޔޭގެ ޤައުމުތައް ބައްދަލުވާއިރު، މާލީ އެހީ ދިނުމަށް އައު އޮނިގަނޑެއް ހަދަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މިހާތަނަށް ކޮމަންވެލްތުން ރާއްޖެއަށް ދީފައިވާ މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ސަމޯއާއަށް ވަޑައިގެންނެވީ މިދިޔަ އަންގަރާ ދުވަހުއެވެ. ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާނީ، މި މަހުގެ 21 އިން 26 އަށެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގިނަ ދަންފަޅިތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހިންމު ބަޔާންތަކެއް އިއްވަވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ