ހަނިމާދޫ އެއާޕޯޓް ނިމެންވާއިރަށް ހދ. އަތޮޅުގައި 4000 އެނދު ތަރައްގީ ކުރަނީ

ޚަބަރު ފަހުގެ

ހދ. ހަނިމާދޫ އެއާޕޯޓް ނިމެންވާއިރަށް ހދ. އަތޮޅުގައި 4000 އެނދު ތަރައްގީ ކުރެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެ ވައުދުފުޅާއި އެއްގޮތަށް ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ފަތުރުވެރިކަމާއި ހަވާލުވެ ފަތުރުވެރިކަމަށް ރަށްތައް ހުޅުވާޅި ފުރަތަމަ ފުރުސަތުގައި ވައިކަރަމުރައިދޫގެ 15 ހެކްޓަރު ޓޫރިޒަމަށް ހުޅުމާލައި ޓޫރިޒަމް ކޮމިޓީއިން އިވެލިއުއޭޓްކޮށް މިހާރު ވާނީ އެ ވޯޑްކޮށްފައި ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ހދ. އަތޮޅުގައި މި ވަގުތު ޓޫރިޒަމަށް ރަޖިސްޓްރީކޮށްފައިވަނީ 460 އެނދު އަދި އެ އަތޮޅުގެ ތިން ތަނެއް ފަތުރުވެރިކަމަށް ދޫކޮށް ޖުމްލަ 1886 ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދޭ. ހަނިމާދޫގެ އެއާޕޯޓް އިންޑިއާގެ އެގްޒިމް ބޭންކުން ފަންޑުކުރާ ގޮތަށް ތަރައްގީ ކުރަމުން ދަނީ. މި އަންނަ އަހަރު މާޗްގައި އެ އެއާޕޯޓް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ. އެ އެއާޕޯޓް ނިންމާލެވޭއިރަށް ހދ. އަތޮޅުގައި އެކަށީގެންވާ އަދަދަކަށް އެނދު އުފެއްދުމަށް ޓޫރިޒަމް މިނިސްޓްރީއިން ގެންދަނީ ހާއްސަ މަސައްކަތަކެއް ކުރަމުން.” ފައިސަލް ވިދާޅުވިއެވެ.

އެގޮތުން މި އަހަރު ރައީސް ދުބާއީ ވަޑައިގެން އެތަނުގައި ކުރިއަށް ދިޔަ އިންވެސްޓާ ފޯރަމްގައި ވެސް ވާނީ ހދ. އަތޮޅުގައި ތަރައްގީ ކުރެވޭނެ ރަށްތައް ދެނެގަނެވި އެ ރަށްތަކާއި ބެހޭ މައުލޫމާތު ދުބާއީގައި ބޭއްވުނު އިންވެސްޓާ ފޯރަމްގައި އިންވެސްޓަރުންނާއި ހިއްސާކުރައްވާފައި ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިއްލީގައި އަދި މުމްބައީގައި ބޭއްވި އިންވެސްޓާ ފޯރަމްތަކުގައި ވެސް ވާނީ ހދ. އަތޮޅުގައި ތަރައްގީ ކުރެވޭނެ ރަށްތައް އެތަނުގެ އިންވެސްޓަރުންނާއި ވެސް ހިއްސާކުރައްވާފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

“ރާއްޖޭގައި ޓޫރިޒަމް ނެތް ހދ. އަތޮޅު ކަހަލަ. އަދި ހދ. އަތޮޅަށް ހަނިމާދޫއަށް އިންޓަނޭޝަނަލް އެއާޕޯޓް އައުމަކީ އެތަނަށް ކަނެކްޓިވިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އެެހެންވީމަ އެ އެއާޕޯޓް ނިމެންވާއިރަށް އެތަނަށް 4000 އެނދު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން. އެގޮތުން އެ ރަށްތަކުގެ މައުލޫމާތު އިސްވެސްޓަރުންނާއި ހިއްސާކުރާނަން.” ފައިސަލް ވިދާޅުވިއެވެ.

އަދި ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ޓޫރިޒަމް ސެކްޓާއި ހުރި ވައުދުތަކަކީ ރާއްޖޭގައި ފަތުރުވެރިކަން ނެތް ތަންތަނަށް ވެފައިވާ ވައުދުފުޅުތަކެއް ކަމަށް ވިދާޅުވިއެވެ. އެހެންވެ އެ ވައުދުފުޅު ފުއްދުމަށް މިހާރު ވަނީ ސިންގަޕޫރްގައި ތައިލެންޑް އަދި ދުބާއީ އިންޑިއާގައި އަންނަ އަހަރުގައި އިންވެސްޓާ ފޯރަމް ބޭއްވުމަށް ވަނީ ރާވާފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ